ރާއްޖޭން ވެކްސިން ހޯދުމަށް ހުށަހެޅި އެޕްލިކޭޝަން ބަލައިގަނެފި

ރާއްޖޭން ވެކްސިން ހޯދުމަށް ހުށަހެޅި އެޕްލިކޭޝަން ބަލައިގަނެފި

Author
މުޙައްމަދު ޝަޒައިމް
10 ޑިސެމްބަރ 2020 01:17
0

ރާއްޖެއިން ވެކްސިން ހޯދުމަށް ހުށަހެޅުނު އެޕްލިކޭޝަން ބަލައިގަނެފައި ވާކަމުގައި ޤައުމީ ވެކްސިން ޕްރޮގުރާމުގެ އެންމެ އިސް ފަރާތް ޑރ. ނަޒްލާ ރަފީޤު ވިދާޅުވެއްޖެއެވެ.

ހެލްތްއެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ނަޒްލާ ވިދާޅުވީ އެންމެ ރައްކާތެރި، އެފެކްޓިވް އަދި އަވަހަށް ވެކްސިން ލިބެން އޮތް ގޮތަކީ ކޯވެކްސް ފެސިލިޓީ މެދުވެރިކޮށް ކަމުގައެވެ. އެއީ ވެކްސިން ފޯރުކޮށް ދޭ ބައިނަލް އަގުވާމީ ޖަމްއިއްޔާއެއް ކަމަށާއި، އެފަރާތާއި، ޑަބްލިއުއެޗްއޯއާއި ގުޅިގެން ވެކްސިން ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށެވެ. އަދި މިހާރު ރާއްޖެއިން ވެކްސިން ހޯދުމަށް މިފެސިލިޓީއަށް ހުށަހެޅުނު އެޕްލިކޭޝަން މިހާރުވަނީ ބަލައިގަނެފައިވާކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

ޑރ.ނަޒްލާ ރަފީގު ވިދާޅުވީ މިއީ ދުނިޔޭގައި މިހާތަނަށް އުފެއްދުނު އެންމެ އަވަސް ވެކްސިން ކަމަށެވެ.

ކޯވެކްސް ފެސިލިޓީ މެދުވެރިކޮށް ލިބޭ ވެކްސިންދޭން ހަމަޖެހިފައިވަނީ 17%، 50 އަހަރުން މަތީގެ މީހުންނާއި ކޯވިޑް-19 ޖެހިއްޖެނަމަ، ބަލީގައި ބޮޑުވަރު ވެދާނެ މީހުންނަށްކަމުގައި ޑރ. ނަޒްލާ ރަފީޤު ވަނީ ވިދާޅުވެފައެވެ.

އަދި ކޯވެކްސް ފެސިލިޓީ މެދުވެރިކޮށް ލިބޭ ވެކްސިންދޭން ހަމަޖެހިފައިވަނީ ފުރަތަމަ %3 ސީދާ އަދި ނުސީދާ ގޮތުގައި ބަލިމީހުންނަށް އެހީތެރިވާ މީހުން އަދި ބަލީގައި ބޮޑުވަރު ވެދާނެ މީހުންނަކަށް ވެސް އެޗްއީއޯސީން ވިދާޅުވެއެވެ.

ކޯވިޑް-19 ވެކްސިންއަކީ މި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށްޓަކައި އެތައް މަހެއް ފަހުން ލިބުނު އެންމެ އުއްމީދީ ހައްލު ކަމަށްވާއިރު މިހާތަނަށް ދުނިޔޭގައި 200 އަށް ވުރެ ގިނަ ވެކްސިން ވަނީ އުފައްދާފައެވެ. އަދި ވެކްސިން އުފެއްދުމުގައި ބަލަމުން ގެންދަނީ އެކި ޤައުމުތަކުގެ ފިނިހޫނު މިނަށެވެ.

ޑރ.ނަޒްލާ ވިދާޅުވަނީ ވެކްސިން ލިބި އަންނަ އަހަރުގެ ކުރީކޮޅު ރާއްޖޭގައި ވެކްސިންޖަހަން ފެށޭނެކަމަށް އުންމީދު ކުރާކަމަށެވެ. އަދި ރާއްޖޭގައި ބޭނުންކުރެވޭނީ ރައްކާތެރި އަދި ބަލިޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ އެއްޗެއް ކަމަށް WHO އިން ކަނޑައަޅާފައިވައިވާ ވެކްސިނެކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.