ރައްޔިތުންގެ މަޖިލިހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް.

އެއްވެސް ކުންފުންޏެއްގެ ލިޔުންތައް ނައްތާލައިގެން ނުވާނެ، އެ ބަހައްޓަން ޖެހޭ: އިލްޔާސް

އެއްވެސް ކުންފުންޏެއްގެ ލިޔުންތައް ނައްތާލައިގެން ނުވާނެ، އެ ބަހައްޓަން ޖެހޭ: އިލްޔާސް

އެއްވެސް ކުންފުންޏެއްގެ ލިޔުންތައް ނައްތާލައިގެން ނުވާނެ ކަމަށާއި އެއީ ބަހައްޓަން ޖެހޭ ލިޔެކިޔުންތަކެއް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް މިއަދު ވިދާޅުވެއްޖެއެވެ.

އިލްޔާސް އެގޮތަށް ވިދާޅުވީ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ލިޔެކިޔުންތަކެއް ކޮންކްރީޓް ގަށާ މެޝިނަކަށް އަޅައި ތިލަފުށީގައި އިއްޔެ ނައްތާލަމުން ދިޔަ މަންޒަރު ހިމެނޭ ވީޑިއޯއެއް އާންމުވެފައި ވަނިކޮށެވެ. އެ މައްސަލައިގައި ވީޑިއޯ ކުރި އެ ކުންފުނީގެ މުވައްޒަފު ވަޒީފާ އިން ވަނީ ސަސްޕެންޑްކޮށްފައެވެ.

އިންތިހާބުތަކަށް ސަރުކާރުން ނުފޫޒު ފޯރުވުން ހުއްޓުވުމަށް ގޮވައިލާ ދަ ޑިމޮކްރެޓްސްގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ހުށަހެޅުއްވި ގަރާރަށް ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް ދިޔަ ބަހުސްގައި އިލްޔާސް ވިދާޅުވީ ޓްރާންސިޝަނަލް މުއްދަތުގައި ސަރުކާރުގެ އެއްވެސް ލިޔެކިޔުމެއް ނައްތާލުމަކީ ރަނގަޅު ކަމެއް ނޫން ކަމަށާއި އެފަދަ ލިޔުންތައް ނައްތާލައިގެން ވެސް ނުވާނެ ކަމަށެވެ.

"އަދި ދެން އަންނަން އޮތް ސަރުކާރަކުން ބަލަން ބޭނުންވެއްޖެ ނަމަ، އެ ޑޮކިއުމަންޓްތައް ފެންނަން ވެސް ޖެހޭނެ." އިލްޔާސް ވިދާޅުވިއެވެ.

ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގައި ހުންނަ ޑޮކިއުމަންޓްތަކަކީ އަމާނާތްތެރިކަމާ އެކީގައި ރައްކާތެރި ކުރަން ޖެހޭ ލިޔެކިޔުންތަކެއް ކަމަށާއި އެ ތަނުގެ ވެރިން އެ ލިޔެކިޔުންތައް ބަލަހައްޓަން ޖެހޭނެ ކަމަށް ވެސް އިލްޔާސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ފެނިގެން ދިޔަ ފިއުލް ސަޕްލައިގެ ބައެއް މުވައްޒަފުން އާންމުކޮށްފައިވާ ވީޑިއޯއެއް، މުވައްޒަފުން ބޭނުންކޮށްގެން އެތަނުގެ ބައެއް ޑޮކިއުމަންޓް ކަމަށް ދެކެވޭ ވާހަކައެއް (ލިޔެކިޔުންތައް) ނައްތާލާ ތަން. އެއީ ފިއުލް ސަޕްލައި ވިޔަސް، އެހެން ތަނެއްގެ ވިޔަސް، ފެނަކަ ވިޔަސް، އާރުޑީސީ ވިޔަސް އެއްވެސް ކުންފުންޏެއްގެ ޑޮކިއުމަންޓެއް ނައްތާލައިގެން ނުވާނެ، އެ ބަހައްޓަން ޖެހޭނެ. އެ ބަލަން ބޭނުންވާ ބަޔަކު، ބަލަން ބޭނުންވާ ހާލަތުގައި ބެލެން ޖެހޭނެ،" އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސް ވިދާޅުވި ގޮތުގައި ކުންފުނިތައް ކުރިއަރުވަން ބޭނުންވާ ނަމަ، އެ ޑޮކިއުމަންޓްސްތައް ހުންނަން ޖެހެއެވެ. ޓްރާންސިޝަނަލް މުއްދަތުގައި ލިޔެކިޔުންތަކެއް ނައްތާލާނީ ކޮންމެވެސް ގޯސްތަކެއް ހަދާފައި ހުރީމަ ގޯސްތައް ފޮރުވާ ކަން ގަބޫލު ކުރެއްވޭ ކަމަށް ވެސް އިލްޔާސް ވިދާޅުވިއެވެ.

"މިއީ އަޅުގަނޑުމެން ގަބޫލު ކުރާ ކަމެއް ނޫން،" އިލްޔާސް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

Leave a Reply

Your email address will not be published. Required fields are marked *