އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ބޭރު ގައުމުތައް އިންތިހާބުގެ ކަންކަމުގެ ތެރެއަށް ނުވެއްދުމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު އެދިވަޑައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބާ ދިމާކޮށް ބޭރުގެ ގައުމުތައް މީގެތެރެއަށް ވެއްދުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަޝީދު ވިދާޅުވީ އެ ގައުމުތައް މީގެ ތެރެއަށް ނުވެއްދުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ރާއްޖޭގައި މި ބާއްވަނީ ދިވެހިންގެ އިންތިހާބެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑު ދަންނަވާލަން އެބަ ޖެހޭ، އެހެން ނަމަވެސް ރިޔާސީ އިންތިހާބަށް ކެންޑިޑޭޓުން ވަޑައިގަންނަވާއިރުގައި އެހެން ގައުމުތައް މި އިންތިހާބުގެ ތެރެއަށް ބައިވެރިނުކުރެއްވުން. އަޅުގަނޑުމެންގެ އިންތިހާބެއް މިއީ. މި ރާއްޖޭގެ ރައްޔިތުން މިއަށް ވޯޓު ދޭން އޮތީ. މި ރާއްޖޭގެ ރައީސަކު އިންތިހާބު ކުރުމަށް މި (ވޯޓުލަނީ)،" ނަޝީދު ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި އިދިކޮޅު ފަރާތްތަކުން ސަރުކާރަށް އެންމެ ބޮޑަށް ފާޑު ކިޔާ އެއް ކަމަކީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމެވެ. އެއީ ރާއްޖޭގެ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން ދަނީ ބުނަމުންނެވެ. އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް "އިންޑިއާ އައުޓް"ގެ ނަމުގައި އިިދިކޮޅުން ބޮޑު ހަރަކާތެއް ވެސް ކުރިއަށް ގެންދިޔައެވެ.
އެމްޑީޕީގެ ސޯސަސް ޖަގަހައިގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގައި ބޭރު ސިފައިން ތިބޭ ވާހަކައަކީ މުޅިން ބުހުތާނު ދޮގޮ ވާހަކައެއް ކަމަށެެވެ. އަދި ރާއްޖޭގެ އެއްވެސް ތަނެއްގައި އަސްކަރީ ބޭނުމެއްގައި އެއްވެސް ގައުމެއްގެ ސިފައިން ނުތިބޭނެ ކަމުގެ ޔަގީން ރައީސް ދެއްވިއެވެ.
"މިކަން އަދި ތިބޭފުޅުންނަށް އަޅުގަނޑުމެންނާ އަލަށް މި ގުޅިވަޑައިގެންނެވި ބޭފުޅުންނަށް ޔަގީންވެ ކަަށަވަރުވެގެން ދާނީ އަޅުގަނޑުމެންނާއެކީ މި މަސައްކަތުގައި ކުރިއަށް ވަޑައިގަންނަވާާ އިރު. އަޅުގަނޑުމެން މިތިބީ އެ ހުރިހާ ތަނެއް ދައްކަން. އަޅުގަނޑުމެންނާ ދޭތެރޭ ޝައްކު އުފައްދާ އުތުރު ތިލަފަޅުކަމުގައި ވިޔަސް ކައްދޫ އެއާޕޯޓު ކަމުގައި ވިޔަސް ހަނިމާދޫ ކަމުގައި ވިޔަސް ވަޑައިގެން ބައްލަވަންވީ. އެއިން އެއްވެސް ތަނެއްގައި އެކަހަލަ ބޭނުމަކަށް އެއްވެސް ގައުމެއްގެ އެއްވެސް މީހަކު ނުތިބޭނެ" ޖޭޕީން އެންޑޯޒް ކުރެއްވި ބޭފުޅުންނަށް ހާއްސަކޮށްގެން ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވިއެވެ.