މިމަހުގެ ތިރީސް ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރަށްވެހިވެފައިވާ ތަން ނޫން އެހެންތަނަކަށް ވޯޓުލުމަށް، ރީ-ރަޖިސްޓްރީވުމަށް 25،000 އަށް ވުރެ ގިނަ މީހުން ފޯމު ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން ޗެކްކުރި 10،000 ފޯމުގެ ތެރެއިން ރިޖެކްޓް ކުރީ 1،500 ފޯމު ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ މިހާތަނަށް 10،000 ފޯމު ޗެކް ކުރެވިފައިވާކަމަށެވެ. އޭގެ ތެރެއިން ރިޖެކްޓް ކުރީީ 1،500 ފޯމު ކަމަށެވެ. ހަބީބް ވިދާޅުވީ ގިނަ އަދަދެއްގެ ފޯމު ހުށަހަޅަފައިވުމުން ފޯމުތައް ޗެކް ކުރުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ބަލަމުންދާކަމަށެވެ.
ހަބީބް ވިދާޅުވީ އިލެކްޝަންސްގެ ސާވާތަކަށް އެއްވެސް ސިޔާސީ ޕާޓީއަކަށްވެސް އަދި އިލެކްޝަނުންގެ އެކްސެސް ދީފައިވާ މީހުން ފިޔަވައި އެހެން ބަޔަކަޒށް ނުވަދެވޭނެ ކަމުގެ ޔަގީންކަން އޮތްކަމަށެވެ.
އިންތިޚާބުގެ ދެވަނަ ބުރަށް ރީ-ރަޖިސްޓްރީވުމަށް މިފަހަރު ދީފައިވަނީ 3 ދުވަހުގެ މުއްދަތެކެވެ. އެއީ މިދިޔަ ހުކުރު ދުވަހު ހަވީރު 03:00އިން މިއަދު ހަވީރު 04:00އާއި ހަމައަށެވެ. ޙަބީބު ވިދާޅުވީ ރީ-ރަޖިސްޓްރޭޝަންގެ ދެދުވަހުން ޖުމްލަ 25493 ފޯމް ހުށައަޅާފައިވާކަމަށެވެ. އަދި މިހާތަނަށް ފޯމް ހުށައެޅި މީހުންގެތެރެއިން، 10271 މީހުން ރީ-ރަޖިސްޓަރީ ކޮށްދެވިފައިވާކަމަށް ހަބީބު ވިދާޅުވިއެވެ. އަދި އެކިއެކި ސަބަބުތަކާ ހުރެ، މިހާތަނަށް 1546 ފޯމު ރިޖެކްޓްކޮށްފައިވާކަމަށާއި، ފޯމުތައް ރިޖެކްޓް ވަނީ، ހުށަހަޅަންޖެހޭ ހުރިހާ މަޢުލޫމާތު ފުރިހަމަ ނުވާތީކަން ހަބީބު ފާހަގަކުރެއްވިއެވެ.
އެމީހަކު ވޯޓުލާތަން ޗެކް ކުރެއްވުމަށް 1414 VR(space) ID އަށް ފޮނުވުމުން ޗެކްކޮށްލެވޭނެއެވެ. އިންތިޚާބުގެ ދެވަނަބުރުގައި 282803 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބެއެވެ. އޭގެތެރެއިން 408މީހުންނަކީ ސެޕްޓެމްބަރު މަހުގެ 30ގެ ނިޔަލަށް 18 އަހަރު ފުރޭ ޒުވާނުންނެވެ.