ޑިމޮކްރެޓުންގެ ސަރުކާރެއްގައި ރިސޯޓުތަކުން ނަގާ ގްރީން ޓެކްސްގެ 50 އިންސައްތަ އެ އަތޮޅެއްގެ ކައުންސިލަށް ދެއްވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ
އިލްޔާސް މިހެން ވިދާޅުވީ ނ. އަތޮޅަށް ފެއްޓެވި ދަތުރުގައި އެ އަތޮޅުގެ އެންމެ އާބާދީ ބޮޑު ރަށް ކަމަށްވާ ވެލިދޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
އެގޮތުން ވެލިދޫގައި ބޭއްވި ކެމްޕޭނު ބައްދަލުވުމުގައި އިލްޔާސް ވަނީ ނ. އަތޮޅަކީ ދުނިޔޭގެ ނިސްބަތުން ބެލިޔަސް އެންމެ އަގުބޮޑު ރިސޯޓުތައް ހުރި އެއް އަތޮޅުކަން ފާހަގަ ކުރައްވާފައެވެ.
އަދި ހުރިހާ ރިސޯޓުތަކުން ނަގާ ގްރީން ޓެކްސްގެ 50 އިންސައްތަ ނ. އަތޮޅުގެ އަތޮޅު ކައުންސިލަށް ޑިމޮކްރެޓުންގެ ވެރިކަމެއްގައި ދޭނެ ކަމަށް އިލްޔާސް ވިދާޅުވިއެވެ.
މިގޮތުން މި ބަދަލާ އެކީ ނޫނީ އަތޮޅުތަކާއި ރަށްރަށް ތަރައްޤީ ނުކުރެވޭނެ ކަމަށް އިލްޔާސް ވިދާޅުވިއެވެ.
މީގެ އިތުރުންވެސް ރަށާއިި އަތޮޅު ކައުންސިލްތައް ބާރުވެރި ކުރުވުމަށް ޑިމޮކްރެޓުންގެ މެނިފެސްޓޯގައި ހިމެނޭކަންކަން އިލްޔާސް ވަނީ ކިޔައިދެއްވާފައެވެ.