ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫން ނިންމަވައިފިއެވެ. އެމްއާރުއެމްގެ އިސް އޮފިޝަލަކު "ޚަބަރު އޮންލައިން"އަށް މައުލޫމާތު ދިން ގޮތުގައި ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ފާރިސް މިހާރު ނިންމަވާފައިވާ ކަމުގައެވެ.
އޭނާ ވިދާޅުވި ގޮތުގައި ފާރިސްގެ ނިންމެވުމަށް އެމްއާރުއެމްގެ ކައުންސިލްގެ ރުހުން ހޯދުމަށް ބާއްވަންޖެހޭ ބައްދަލުވުން ވަރަށް އަވަހަށް ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.
ފާރިސް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ނިންމަވާފައިވާއިރު، އިލެކްޝަންސް ކޮމިޝަނުންވަނީ އެމްއާރުއެމް އުވާލުމަށް ނިންމާފައެވެ. އެހެންނަމަވެސް ކޯޓުން ވަނީ، ކޯޓު މަރުހަލާގަ މިހާރު އޮތް އެމައްސަލަ ވަކި ގޮތަކަށް ނިމެންދެން، އެމްއާރުއެމް އުވާލުމަށް އިލެކްޝަންސްއިން ނިންމި ނިންމުން ތަންފީޒު ނުކޮށް މަޑުޖައްސާލުމުގެ ވަގުތީ އަމުރެއް ނެރުއްވާފައެވެ.
ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ކުރިމަތި ލުމުގެ ފުރުސަތު މިހާރު އިލެކްޝަންސް ކޮމިޝަނުންވަނީ ހުޅުވާލާފައެވެ. މިގޮތުން ފޯމު ލުމުގެ އެންމެ ފަހުގެ މުއްދަތަކީ އަންނަ އޮގަސްޓުމަހުގެ 7 ވަނަ ދުވަހެވެ.
ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރާނެކަން އިއުލާން ކުރައްވާފައިވާ ކެނޑިޑޭޓުންގެ ތެރެއިން އަދި މިހާތަނަށް ކެމްޕޭން ކުރަމުން ދަނީ ރައީސް ސާލިހު އެކަންޏެވެ. އިދިކޮޅު ވާދަކުރާނެކަން އިއުލާން ކުރައްވާފައިވާ އިދިކޮޅު ކެނޑިޑޭޓް ރައީސް ޔާމިން ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
ނަތީޖާއެއްގެ ގޮތުން ރައީސް ޔާމިނަށް އިންތިޚާބުގައި ވާދަކުރެއްވޭނެކަމުގެ އެއްވެސް ޔަގީންކަމެއް ނެތެވެ.
ކޮމެންޓު ފޮނުވާ