މި ފަސް އަަހަރަކީ އައްޑޫ ސިޓީ މީދޫއަށް އައި ރަން ފަސް އަހަރު ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެ އެވެ.
މީދޫގައި އިމާރާތް ކުރާ 700 މީހުންގެ ޖާގައިގެ މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން ރޮޒެއިނާ ވިދާޅުވީ މި ސަރުކާރުގެ ފަސް އަހަރަކީ މީދޫގެ ރަން ފަސް އަހަރު ކަމަށާއި މީދޫގެ ތާރީހުގައި ވެސް މިހާ ގިނަ އިންވެސްޓްމެންޓްތައް ކުރެވުނީ މި ފަސް އަހަރު ތެރޭގައިކަމަށެވެ.
"ފައިސާގެ ގޮތުން ބެލިޔަސް މިހާ ގިނަ ފައިސާ މި ރަށަށް ސަރުކާރަކުން ހަރަދުކޮށްފައެއް ނުވޭ،" ރޮޒެއިނާ ވިދާޅުވި އެވެ.
ކުރިއަށް އޮތީ ރިޔާސީ އިންތިޚާބު ކަމަށާއި ކަންކަން ރަނގަޅަށްކޮށްދޭ މީހުންގެ ކަންކަން ބަލައިގަންނަންޖެހޭނެ ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވަރުގެ ވެރިއެއް މީދޫއަށް ނުލިބޭނެ ކަމަށްވެސް ވިދާޅުވި އެވެ.
ރޮޒެއިނާ ވިދާޅުވީ މިއަދު ބިންގާ އެޅިގެންދިޔަ މިސްކިތުގެ މަސައްކަތާއެކީ ރައީސް ޞާލިހު 2018 ގައި މީދޫ އަށްވީ ހުރިހާ ވައުދެއްގެ މަސައްކަތް ނިމުނީ ކަމަށެވެ. އެ ވައުދުތަކަކީ މީދޫގެ ރައްޔިތުން ލިސްޓެއްގައި ލިޔެފައި ރައީސަށް ދެންނެވި ކަންކަން ކަމަށާއި އެ ހުރިހާ ކަމެއް ފެށިގެން އަދި ބައެއް ކަންކަން ނިމިފައިވާ ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.
"ގިނަ ކަންތައްތަކެއް ނިމިއްޖެ. އެކަމަކު ހުރިހާ މަސައްކަތެއްހެން މިހާރު މިވަނީ ފެށިފައި. ނުފެށޭ އެއްވެސް ކަމެއް ނެތް،" ރޮޒެއިނާ ވިދާޅުވި އެވެ.
މީދޫގައި އިމާރާތް ކުރާ މިސްކިތަކީ ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން 13 މިލިއަން ރުފިޔާ ޙަރަދުކޮށްގެން އިމާރާތް ކުރާ މިސްކިތެކެވެ. މިސްކިތް ބިނާ ކުރަން ހަވާލުކޮށްފައިވަނީ ނޫރައްދީން އިންވެސްޓްމެންޓާއިއެެވެ. މިސްކިތް ނިންމުމަށް ދީފައިވަނީ އެއް އަހަރު މުއްދަތެކެވެ.
އަންހެނުންނާއި ފިރިހެނުންނަށްވެސް ނަމާދު ކުރެވޭ ގޮތަށް ބިނާ ކުރާ މި މިސްކިތުގެ އިތުރުން، ހިތަދޫގައި އިސްލާމީ މަރުކަޒެއް ބިނާ ކުރުމަށް ވެސް ސަރުކާރުން ވަނީ ހަވާލުކޮށްފަ އެވެ. އައްޑޫ އިސްލާމީ މަރުކަޒަކީ ރައީސް އިބްރާޙިމް މުހައްމަދު ސާލިޙްގެ ރިޔާސީ ވަޢުދެކެވެ.
ކޮމެންޓު ފޮނުވާ