އީސީން ދަނީ ޤާނޫނާއި ޚިލާފްވެ، ބޮޑެތި އޮޅުވާލުންތައް އޮޅުވާލަމުން: އެމްއާރުއެމް

އީސީން ދަނީ ޤާނޫނާއި ޚިލާފްވެ، ބޮޑެތި އޮޅުވާލުންތައް އޮޅުވާލަމުން: އެމްއާރުއެމް

Author
މުޙައްމަދު ޝަޒައިމް
05 ޖުލައި 2023 10:47
0

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމް.އާރް.އެމް) އާއި ގުޅޭގޮތުން އެކި ފަހަރުމަތިން އިލެކްޝަންސް ކޮމިޝަނުން ސައްޙަނޫން މަޢުލޫމާތު ރައްޔިތުންނަށް ދެމުން ގެންދިއުމާއިމެދު އެމްއާރުއެމްއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެމް.އާރް.އެމްއިން ނެރުނު ބަޔާނެއްގައި ބުނީ އެޕާޓީގެ މެންބަރުންގެ އަދަދާއި ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ހާމަކުރަމުން ދަނީ ރަނގަޅު މައުލޫމާތުތަކެއް ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން ޢަމަލުކުރަމުންދަނީ ސިޔާސީ ޕާޓީތަކުގެ ޤާނޫނާވެސް ޚިލާފަށްކަމަށްވާތީ އެކަން އެމްއާރުއެމްއިން ވަނީ ކުށްވެރިކޮށްފައެވެ. ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ އަދަދު ކަމަށްބުނެ 4 ޖުލައި 2023 ގައި އިލެކްޝަނުން ޢާއްމު ކުރި މަޢުލޫމާތު ޢާއްމުކުރިއިރު އެމްއާރުއެމްގެ މެންބަރުންގެ ޢަދަދުން ގިނަ ޢަދަދެއްގެ މެންބަރުން އުނިކޮށް ދަފްތަރުގައިވާ ޢަދަދުކަމަށްބުނެ އިޢުލާން ކޮށްފައިވަނީ އެމްއާރުއެމްގެ މެންބަރުންގެ ޖުމްލަ ޢަދަދު އޮޅުވާލައި އަދި އެމްއާރުއެމް އާއި މި އަހަރުގެ މެއި މަހުގައި ހުށަހެޅި 140 ފޯމް ޕްރޮސެސްވެސް ކުރުމަކާ ނުލައިކަމަށް ވަނީ ބުނެފައެވެ.

އެމް.އާރު.އެމް އިން ހުށަހަޅާ މެމްބަރޝިޕް ފޯމުތައް ޕްރޮސެސްނުކޮށް ދެ މަހެއްހާ ދުވަސް ހޭދަކޮށްފައިވާއިރު، އެ މުއްދަތުގައި ޕާޓީއިން ވަކިވުމަށް އެދޭކަމަށްބުނާ މެމްބަރުން އުނިކޮށް ޕާޓީގެ ދަފްތަރުން އުނިކުރުން ހަލުވިކަމާއެކު އިލެކްޝަންސް ކޮމިޝަނުންކުރިއަށް ގެންދާ ގެންދިޔުމުންވެސް އިލެކްޝަންސް ކޮމިޝަނުން ޢަމަލުކުރަނީ ވަކި އެޖެންޑާއެއް އޮވެގެންކަމަށް މި ޕާޓީން ދެކެން. އަދި އެމް.އާރު.އެމް އިން ވަކިވުމަށް އެދިގެން ޕާޓީއިން ވަކިވެފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާ މެންބަރުންގެ ތެރެއިން ގިނަ ޢަދަދެއްގެ މެންބަރުން އެފަދައިން ޕާޓީން ވަކިވުމަށް ހުށަނާޅާކަމަށް އިލެކްޝަންސް ކޮމިޝަނަށް ސިޓީ ފޮނުވާފައިވާއިރުވެސް އެފަރާތްތައް ދަފްތަރަށް އަލުން ހިމެނުމެއްނެތި އިލެކްޝަންސް ކޮމިޝަނުން ޢަމަލުކުރަނީ ސިޔާސީ ވަކި މަޤްސަދެއް ހާސިލްކުރުމަށްކަމުގައި އެމް.އާރު.އެމް އިން ދެކެން.

– އެމްއާރުއެމްއިން ބުނެފައިވެއެވެ.

ސިޔާސީ ޕާޓީތަކަށް މެންބަރުން ހޯދުމުގައި އެއްވެސް ނުފޫޒެއް އަދި މަންފާއެއް ލިބޭގޮތަށް މެންބަރުން ޕާޓީތަކާއި ގުޅުމަކީ އެޕާޓީން ޤަބޫލުކުރާކަމެއް ނޫންކަމަށް އެމްއާރުއެމްއިން ވަނީ ބުނެފައެވެ. އަދި އެގޮތަކަށް މެންބަރުން އިތުރުކުރުމަށް އެ ޕާޓީއިން ކުރިންވެސް ޢަމަލުކޮށްފައިނުވާއިރު، ދެންވެސް އެފަދަ ގޮތަކަށް އަމަލު ނުކުރާނެކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ. ހަމަ އެހެންމެ، ސިޔާސީ ޕާޓީތަކުން އާންމު ރައްޔިތުންގެ ހައްގުތައް ގެއްލިގެންދާގޮތަށް އަމަލު ކުރެވެނީ، އެ ޕާޓީތަކުން ފޯމު ހޯދުމުގެ ބޭނުމުގައި ފައިސާ އާއި ނުފޫޒު ބޭނުން ކުރާތީ ކަމަށްވެސް އެޕާޓީން ގަބޫލު ކުރާ ކަމަށް ވަނީ ބުނެފައެވެ.

އެމްއާރުއެމްގެ މެންބަރުން ހަމަނުވެގެން ކަމަށްބުނެ ކުއްލިގޮތަކަށް އެޕާޓީ އުވާލަން ނިންމާ 24 މެއި 2023 ގައި އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާނާއި ގުޅިގެން އެޕާޓީއިން ކޯޓަށް މައްސަލަ ހުށަހަޅައި މައްސަލަ ކޯޓުގައި ކުރިއަށް ދާއިރު، އަދި އެމްއާރުއެމް އުވާލުމަށް ނިންމި ނިންމުމަށް ޢަމަލުކުރުން ފަސްކުރުމަށް ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރުއްވާފައިވެއެވެ. އަދި އެ އަމުރު މުރާޖަޢާކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހުށަހެޅުމުން އެ އަމުރަށް ބަދަލުގެންނާނެ ތަނެއްނެތްކަމަށް ސިވިލް ކޯޓުން ކަނޑައަޅުއްވާފައިވާއިރުވެސް، އެމް.އާރު.އެމް އިން ދަފްތަރަށް މެންބަރުން އިތުރުކުރުމަށް ހުށަހަޅާ ފޯމުތައް އިލެކްޝަންސް ކޮމިޝަނުން ޕްރޮސެސް ނުކޮށް ހިފަހައްޓައި ޢަމަލުކުރަމުންދިޔުމަކީ ކޯޓުގެ އަމުރާވެސް ޚިލާފުވުންކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

މިފަދަ ކަންކަމުން އެނގި ހާމަވަނީ އިލެކްޝަންސް ކޮމިޝަނުގެ ނާޤާބިލުކަމާއި، ސިޔާސީ ޕާޓީތަކާއިމެދު ގެންގުޅޭ ތަފާތުކުރުން އަދި މިނިވަން މުއައްސާސާއަކަށް ވީހިނދު މިނިވަން ކަމާއި ސިޔާސީ ނުފޫޒުން އެއްކިބާވެ މަސައްކަތް ނުކުރެވުންކަން އެއީ ގިނަ ރައްޔިތުންވެސް ޤަބޫލުކުރާނެ ޙަޤީގަތެއް. އަދި ޤާނޫނާއި ޤަވާއިދާއި ޚިލާފަށް މި ޕާޓީ އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ކެނޑިނޭޅި މަސައްކަތްކުރަމުންދާތީ، އިލެކްޝަންސް ކޮމިޝަނުގެ އިންސާފުވެރިކަމާ މިނިވަންކަމާމެދު ސުވާލު އުފެދޭ.

– އެމްއާރުއެމްއިން ބުނެފައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ މިފަދަ ޤާނޫނާއި ޤަވާއިދާ ޚިލާފު އެންމެހާ އަމަލުތައް މިހާރުން މިހާރަށް ހުއްޓާލައި ޤާނޫނުގެ އިމުގެތެރެއަށް ރުޖޫޢަވުމަށް އެމްއާރުއެމްއިން ވަނީ ގޮވާލާފައެވެ. އަދި ސިޔާސީ ޕާޓީތަކުގެ ޤާނޫނާއި އެއްގޮތަށް ތަފާތުކުރުމެއް ނެތި، ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ މިނިވަން މުއައްސާއެއްގެ ގޮތުގައި އަމަލުތައް ބައްޓަންކުރުމަށްވެސް ވަނީ ގޮވާލާފައެވެ. އަދި ހަމަ އެހެންމެ، އިލެކްޝަން ކޮމިޝަންގެ ކަންކަން އިސްލާހުކުރުމަށް ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤަށްވެސް ވަނީ ގޮވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.