ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާއި ގުޅުންހުރި މައްސަލައެއް ފުލުހުން ބަލަމުންދާކަމުގައި ބުނެފިއެވެ.
ފުލުހުން މިގޮތަށް ބުނެފައިވަނީ އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކާއި އެކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު ޔާސިރް ހަސަން އާއި ގުޅުންހުރި ފައިސާގެ މައްސަލައެއް ބަލަމުން ދޭތޯ ނޫސްވެރިޔަކު ފުލުހުންގެ މީޑިއާ ގުރޫޕުގައި ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ.
އާރުޑީސީއާއި ގުޅުންހުރި މައްސަލައެއް ބަލަމުންދާ ކަމުގައި ފުލުހުން ބުނި ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ. އަދި އެމައްސަލައަކީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މޫސާ އަލިމަނިކާއި ގުޅުންހުރި މައްސަލައެއް ކަމެއްވެސް ނުވަތަ ނޫންކަމެއްވެސް ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ.
އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކާއި ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު ޔާސިރް ހަސަން ގުޅިގެން އެ ކުންފުނީގެ އެކައުންޓުން 13.8 މިލިއަން ރުފިޔާ ވަގަށް ނެގި ކަމަށް ބުނެ ބައެއް މީޑިއާތަކުގައި މިއަދުވަނީ ރިޕޯޓު ކޮށްފައެވެ.
އެހެންނަމަވެސް އާރުޑީސީގެ އެމްޑީ މޫސާ އަލިމަނިކުވަނީ މި ޚަބަރު ދޮގު ކޮށްފައެވެ.
ނޫސްވެރިޔާ ފުލުހުންގެ މީޑިއާ ގުރޫޕުގައި ކުރި ސުވާލުގެ ޖަވާބުގައި ފުލުހުން ބުނެގައިވަނީ "އާރުޑީސީއާ ގުޅުންހުރި މައްސަލައެއް ފުލުހުން ދަނީ ތަހުގީގުކުރަމުން" ކަމުގައެވެ.
އާރުޑިސީއަކީ ފާއިތުވެދިޔަ އަހަރުތަކުގެ ފައިދާ ނުވެ، ކޮންމެ މާލީ އަހަރެއްވެސް ބޮޑު ގެއްލުމެއްގައި ނިންމައުން އަންނަ ކުންފުންޏެއްކަން ފާހަގަ ކޮށްލެވެއެވެ. އަދި އެކުންފުނީގެ އިސް ބައެއް ވެރިންގެ މައްޗަށް ގިނަބަޔަކު ކޮރަޕްޝަންގެ ތުހުމަތު ކުރަމުން ދެއެވެ.
ކޮމެންޓު ފޮނުވާ