ވެބް ޓެސްޓިންގ އާއި އިންޓަނެޓުގެ އެކި މައްސަލަތަކަށް ފަރުވާދޭ ކުންފުނި އޯކްލާއިން ތައްޔާރުކުރާ ދުނިޔޭގެ އިންޓަރނެޓް ސްޕީޑް ލިސްޓުން ރާއްޖެ މިވަނީ ސާކު ސަރަހައްދުގެ 8 ގައުމުގެތެރެއިން "މޯބައިލް އިންޓަރނެޓް" ސްޕީޑް އެންމެ ހަލުވި ގައުމަށް ވެފައެވެ.
އަދި އެކުންފުނިން ހަދާފައިވާ ރިސަރޗް ތަކުން ދައްކާގޮތުގައި ކޯވިޑް-19ގެ ޕެންޑަމިކް ފެށުނު އިރު " މޯބައިލް އިންޓަރނެޓް" ސްޕީޑް ހުރިވަރަށްވުރެ މިހާރު ރާއްޖޭގައި އިންޓަރނެޓް ސްޕީޑް ހުރީ 12 އިންސައްތަ ހަލުވިވެފަ އެވެ. ނަމަވެސް "ފިކްސްޑް ބްރޯޑްބޭންޑް" ނުވަތަ ގޭގެއަށް ލާފައި ހުންނަ ކޭބަލުން ދޭ އިންޓަނެޓްގެ ސްޕީޑަށް ބަލާއިރު ރާއްޖެ އަދިވެސް އޮތީ ސާކްގެ 8 ގައުމުގެ ތެރެއިން 5 ވަނާގައެވެ.
ދުނިޔޭގެ 139 ގައުމު ހިމަނައިގެން އޮކްޓޫބަރު މަހާއި ހަމައަށް އަޕްޑޭޓްކޮށްފައިވާ "މޯބައިލް އިންޓަރނެޓް" ސްޕީޑް ލިސްޓުގައި ރާއްޖެއޮތީ 53 ވަނާގަ އެވެ. ރާއްޖޭގެ "މޯބައިލް އިންޓަރނެޓް" ސްޕީޑަކީ 38.37 އެމްބީޕީއެސް އެވެ.
ސާކުގެ 8 ގައުމުގެ މޯބައިލް އިންޓަރނެޓް ސްޕީޑާއި ދުނިޔޭގެ ރޭންކުން އުޅޭ ދަރަޖަ:
ދުނިޔޭގެ 176 ގައުމު ހިމެނޭ "ފިކްސްޑް ބްރޯޑްބޭންޑް" ސްޕީޑް ލިސްޓުގައި ރާއްޖެއޮތީ 117 ވަނާގައެވެ. ރާއްޖޭގެ "ފިކްސްޑް ބްރޯޑްބޭންޑް" ސްޕީޑަކީ 22.53 އެމްބީޕީއެސް އެވެ. ކޯވިޑް-19ގެ ޕެންޑަމިކް ފެށުނު އިރު "ފިކްސްޑް ބްރޯޑްބޭންޑް" ސްޕީޑް ހުރިވަރަށްވުރެ މިހާރުގެ ސްޕީޑް 6 އިންސައްތަ ވަނީ ހަލުވިވެފަ އެވެ.
ސާކުގެ 8 ގައުމުގެ ފިކްސްޑް ބްރޯޑްބޭންޑް އިންޓަރނެޓް ސްޕީޑާއި ދުނިޔޭގެ ރޭންކުން އުޅޭ ދަރަޖަ:
މުޅި ދުނިޔެއަށް ބަލާއިރު މޯބައިލް އިންޓަރނެޓް ސްޕީޑް އެންމެ ހަލުވި ގައުމަކީ ސައުތު ކޮރެއާއެވެ. އެ ގައުމުގެ މޯބައިލް އިންޓަރނެޓް ސްޕީޑަކީ 145.03 އެމްބީޕީއެސް އެވެ. އަދި ފިކްސްޑް ބްރޯޑްބޭންޑް އިންޓަރނެޓް ސްޕީޑް އެންމެ ހަލުވި ގައުމަކީ ސިންގަޕޫރެވެ. އެ ގައުމުގެ ފިކްސްޑް ބްރޯޑްބޭންޑް ސްޕީޑް ހުރީ 229.42 އެމްބީޕީއެސް ގައެވެ.
ސަރަހައްދީ ގައުމުތަކާ އަޅާބަލާއިރު ރާއްޖޭގައި މޯބައިލް އިންޓަރނެޓްގެ ސްޕީޑް ހަލުވި ނަމަވެސް ރާއްޖެއަކީ ސަރަހައްދުގެ ނިސްބަތުން އިންޓަރނެޓްގެ އަގު ބޮޑު ގައުމެއްކަން ރާއްޖޭގެ ކަމާގުޅުންހުރި އިދާރާތަކުން މީގެކުރިން ކުރިއަށްގެންސިޔަ ދިރާސާ ތަކުން ހާމަވާން ހުރިކަމަށް އެފަރާތްތަކުން ބުނެއެވެ. އެހެންކަމުން ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކީ ވެސް ދެވޭ ހިދުމަތާއި ސްޕީޑާ ނުބައްދަލު އަގުތައް މި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ނަގަމުންދާ މައްސަލައެވެ.
ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ އިންޓަނެޓް އަގުހެޔޮ ކުރުމުގެ ވައުދު ފުއްދުމުގެ ގޮތުން ރާއްޖޭގައި އިންޓަނެޓް ފޯރުކޮށްދޭ ފަރާތްތަކާ މަޝްވަރާތައް ކުރުމަށް ފަހު ކޮމިއުނިކޭޝަން މިނިސްޓްރީން ވަނީ އިންޓަނެޓް އަގުހެޔޮ ކުރުމުގެ އެންމެ ފަހުގެ މައުލޫމާތު ޖޫން މަހު ރައީސް އޮފީހަށް ފޮނުވައިފައެވެ. ނަމަވެސް ރައީސް އޮފީހުން މިމަސައްކަތް އެކަށީގެންވާ ބާރު މިނުގައި ނުކުރެވުމުން މިކަންވަނީ މަޑުޖެހިފައެވެ.
އިންޓެނެޓަށް ސަރުކާރުން ވެފައިވާ ވައުދު 2 އަހަރު ވެގެންދާއިރުވެސް ފުއްދިގައި ނުވާތީ ގިނަ ބައެއްގެ ފާޑުކިޔުން މިނިސްޓަރ މަލީހަށް ވަނީ އަމާޒުވެފައެވެ. އަދި މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ނަގަން ނިންމައި، މަލީހުގެ އިތުބާރު އެމްޑީޕީގެ ޕީޖީއަށް ނެތްކަން ރައީސަށް ވަނީ ދަންނަވާފައެވެ. އިންޓަނެޓްގެ އަގު ހެޔޮކުރުމަށް ވާދަވެރި މާކެޓެއް އުފެއްދުމަށް އިތުރު ކުންފުޏަކަށް ޖާގަ ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފައެވެ.