އެމްއާރްއެމް އުވައިލުން ފަސްކުރަން ނެރުނު އަމުރު ދަމަހައްޓައިފި

އެމްއާރްއެމް އުވައިލުން ފަސްކުރަން ނެރުނު އަމުރު ދަމަހައްޓައިފި

Author
މުޙައްމަދު ޝަޒައިމް
23 ޖޫން 2023 10:15
0

މޯލްޑިވްސް ރިފޯމް މޫމެންޓް (އެމްއާރްއެމް) އުވައިލަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމި ނިންމުން ތަންފީޒުކުރުން ފަސްކުރަން ސިވިލްކޯޓުން ނެރުނު އަމުރު، ،އެކޮމިޝަނުން އެދުނު ގޮތަށް މުރާޖައާކޮށްދެވެން ނެތް ކަަމަށް ސިވިލްކޯޓުން ނިންމައިފިއެވެ.

އެމްއާރުއެމް އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމީ، އެ ކޮމިޝަނުން ބުނި ގޮތުގައި ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ 3،000 މެމްބަރުން ހަމަނުވުމުގެ ސަބަބުންނެވެ.

ސިވިލް ކޯޓުން އިއްޔެ ނިންމި ނިންމުމުގައި ބުނީ އެކޮމިޝަނުގެ ޣައިރު ހާޒިރުގައި އަމުރު ނެރެދޭން ހުރަސް އެޅޭ ފަދަ، ޝަރީއަތަށް ގަބޫލުކުރެވޭ ފަދަ ހަގީގަތެއް އެމްއާރްއެމުން ހާމަނުކޮށް އޮތް ކަން އީސީއަށް ބުނެދެވިފައި ނުވާ ކަމަށެވެ. އެއީ އަމުރު މުރާޖައާކޮށްދޭން އީސީން ހުށަހެޅި އެއް ނުކުތާއެވެ. ޣައިރު ހާޒިރުގައި އަމުރު ނެރެދޭން ތަން ނުދޭ ސަބަބުތަކެއް ހުރިކަމަށް، އެމްއާރްއެމުން ހުށަހެޅި ލިޔެކިއުންތަކަށް ބަލާއިރު ކޯޓަށް ބުރަ ނުވެވޭ ކަމަށް ވެސް އެ ނިންމުމުގައި ވެއެވެ.

އެމްއާރްއެމް އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ މިދިޔަމަހު 24 ވަނަ ދުވަހުއެެވެ. ކޮމިޝަންގެ ނިންމުމަށް އަމަލުކުރުން ހުއްޓުވުމަށް އެމްއާރްއެމް އިން ސިވިލް ކޯޓަށް ހުށަހެޅުމުން ކޯޓުން 28 މެއި 2023 ގައި ވަނީ އަމުރެއް ނެރެފައެވެ. މިއަމުރުގައި ވަނީ އެމްއާރްއެމް އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަށް އަމަލުކުރުން 30 ދުވަހަށް މަޑުޖައްސާލުމަށެވެ.

އެމްއާރްއެމް އުވާލަން ކޮމިޝަނުން ނިންމީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ 3،000 މެމްބަރުން ހަމަނުވާތީ އެ އަދަދު ހަމަކުރުމަށް ދެ ފަހަރު ނޯޓިސް ދިނުމުންވެސް ގާނޫނުގައި ބުނާ އަދަދަށް މެންބަރުން ހަމަކޮށް ކޮމިޝަނަށް ހުށަހަޅާފައި ނުވާތީ ކަމަށް އެކޮމިޝަނުން ބުނެއެވެ.

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އަކީ ވަކި ފިކުރެއް ކަމަށް އެ ޕާޓީ އުފެއްދެވުމުގައި އިސްކޮށް އުޅުއްވި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.