މިހާރަކަށް އައިސް، ފައިސާ ހޯދުމުގެ ނިޔަތުގައާއި އަދި އެހެނިހެން ގޮތް ގޮތުން، ދިވެހި މުޖުތަމަޢުގައި އެކިއެކި ފާޙިޝް ޢަމަލުތައް ޕްރޮމޯޓުކޮށް، އެއްވެސް ޖެހިލުމެއް ނެތި އެފަދަ ނުބައި ޢަމަލުތަކަށް ހިތްވަރުދޭ މެސެޖުތައް، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ދިއުން ކުށްވެރިކޮށް، އެމްއާރުއެމުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެމްއާރުއެމްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެފަދަ މައްސަލަތަކުގައި ބައިވެރިވާ ފަރާތްތަކާ މެދު، ކަމާބެހޭ މުއައްސަސާތަކުން އަޅަންޖެހޭ ޤާނޫނީ ފިޔަވަޅު ނޭޅި، މައްސަލަތައް ދިގުލައި ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެފަދަ ޢަމަލުތައް ފްރޮމޯޓްކޮށް، އެފަދަ ފާޙިޝް ޢަމަލުތަކުގައި ބައިވެރިވާ މީހުންގެ މައްސަލަ، އެއްވެސް އިސްތިސްނާއެއް ނެތި، ހަމަހަމަ އުޞޫލެއްގެ ދަށުން ކަމާއިބެހޭ މުއްސަސާތަކުން، ވީހާވެސް އަވަހަކަށް ބަލައި ޤާނޫނީ ފިޔަވަޅު އެޅުމަށް އެމްއާރުއެމްއިން ވަނީ ގޮވާލާފައެވެ.
މިފަދަ ޢަމަލުތަކަކީ ދިވެހި މުޖްތަމަޢުގެ އިޖްތިމާޢީ ފޭރާން ވީދި، މުޅި މުޖްތަމަޢު ނުރައްކަލެއްގެ ތެރެއަށް ހުށަހެޅިގެންދާނެ ބިރުވެރި ކަންކަމެއް. މާތް ވެގެންވާ އިސްލާމްދީނަށް އޮންނަ ލޯތްބާއި ޤަދަރު ކުޑަވެގެންދާނެ ކަންކަމެއް. އެހެންކަމުން، އެފަދަ ފާޙިޝް ޢަމަލުތައް ހުއްޓުމަށްޓަކައި މުޅި މުޖްތަމަޢު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމުގައި މި ފާޓީން ދެކެން.
– އެމްއާރުއެމްއިން ބުނެފައިވެއެވެ.
އެހެންކަމުން، މިހާރަށްވުރެ ޒިންމާދާރުވެ، އެފަދަ ފާޙިޝް ޢަމަލުތައް ހިންގުމަށް، އެއްވެސް ފަރާތަކަށް ޖާގަ ނުދިނުމަށާއި، އެފަދަ ކަންކަން ރާވައި ހިންގުމަށް ހިތްވަރުދީ މީސްމީޑިއާގައި މެސެޖުތައް ދައުރުކުރާ ފަރާތްތަކަށާއި، އަދި ފާޙިޝް ޢަމަލުތައް ހިންގުމުގައި ބައިވެރިވާ ފަރާތްތަކަށް ޤާނޫނުގައި ކަނޑައެޅިފައިވާ ފިޔަވަޅު އެޅުމަށް، ކަމާބެހޭ މުއައްސަސާތަކަށް އެމްއާރުއެމްއިން ވަނީ ގޮވާލާފައެވެ.
ރާއްޖޭގައި މިފަހުން ފާޅުކަންބޮޑުކޮށް މަސާޖް ޕާލާ ހިންގުމާއި، ހަށި ވިއްކުމާއި، އެއްޖިއްސުން ގުޅުން ހިއްގުން ޢާންމު ވެގެންދާއިރު މިކަންކަމަށް އެކަށީގެންވާ ފިޔަވަޅު ނާޅާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުނެވެ.
ކޮމެންޓު ފޮނުވާ