ވާދަވެރިން އުޅެނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ވެރިކަމުގެ ކާމިޔާބީތައް ހަޖަމު ނުވެގެން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަންޑާރަ ނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސްގައި ވާހަކަދައްކަމުން ރޮޒެއިނާ ވިދާޅުވީ އަސްލު މައްސަލަ އަކީ ރައީސް ޞާލިހުގެ ވެރިކަމުގެ ކާމިޔާބީ ހަޖަމު ނުވުމުގެ މައްސަލަ އާއި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ހަޖަމު ނުވުމުގެ މައްސަލަ ކަމަށެވެ. އަދި މިހާރު ފެންނަނީ މި ވެރިކަމުގައި މުޅި ގައުމަށް ތަރައްގީ ގެނެސްދީ، ހަމަހަމަކަން ގެނެސްދީ، އިންސާފު ގެނެސްދީ، އަމާންކަން ގެނެސްދިނުމުން ވެރިކަމަށް ފާރަލައިގެން ހުންނެވި އެއްވެސް ބޭފުޅަކަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ނުވާނެ ކަމުގެ ޔަގީންކަން ލިބުމުން އެކަމާ ދޭތެރޭ ކުރާނެ ކަމެއް ނެތިގެން އުޅޭ މައްސަލަ ކަމަށް ވެސް ރޮޒެއިނާ ވިދާޅުވި އެވެ.
ރޮޒެއިނާ ވިދާޅުވީ ކަނޑުން ބައެއް ގެއްލިއްޖެ ކަމަށް ބުނެ ދައްކާ ވާހަކަތައް ރައްޔިތުން ގަބޫލުނުކުރާ ކަމަށެވެ. އޭގެ ހެއްކަކީ މުޅި ރާއްޖޭން އާދޭސްކޮށްގެން މީހުން ގެނެސްގެން ބޭއްވި ޖަލްސާގައި ވެސް ހުސް ގޮނޑި ހުރުން ކަމަށާއި ރައްޔިތުން ގަބޫލުކުރާ ކަންކަމާއިގެން ނިކުތުމުން ރައްޔިތުން ނިކުމެ ތަންތަން ފުރާލާނެ ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.
ޗާގޯސްއަކީ ރާއްޖޭގެ ބައެއް ކަމަށް ރާއްޖޭގެ ތާރީހުގައި އެއްވެސް ވެރިއަކު ދުވަހަކުވެސް ދައްކާފައި ނުވާ ކަމަށާއި މަޖިލީހުގެ ރިޔާސަތުގައި އިންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް މޮރިޝަސް އިން އެނބުރި ވަޑައިގެންނެވީ ކަރުގައި މެޑަލްތައް އަޅުއްވައިގެން ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ. ނަމަވެސް ނަޝީދު ވެސް ދައްކަވަމުން ގެންދަވަނީ ޗާގޯސް ހިފަން ދިވެހިން ދާންޖެހޭ ވާހަކަ ކަމަށް ވިދާޅުވި އެވެ.
ޖުމުލަ 13 މެންބަރުން ސޮއި ކޮށް އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ މިދިޔަ މަހުގެ 11 ވަނަ ދުވަހު އެވެ.
ބަންޑާރަނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ރާއްޖޭގެ ދެކުނުގެ މަސްކަނޑުން ބައެއް ގެއްލުނު މައްސަލައިގަ އެވެ.
ބަންޑާރަ ނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ވޯޓަށް ނާހައި މިއަދުގެ ޖަލްސާ ރިޔާސަތުން ނިންމަވާލެއްވީ "މަޖިލީހުގެ ނިޒާމު ގެއްލިފައި" ވާކަމަށް ބުނެ އެވެ.