ބަންޑާރަނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމަށް މަޖިލީހުގައި މިއަދު ވޯޓަށް ނޭހީ ރައީސް ނަޝީދު ބޭނުންފުޅުވާ ގޮތަށް އެ ވޯޓު ނުނިންމިދާނެތީ ބިރުންކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 7 ވަނަ ޖަލްސާގައި ވަނީ ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދާރީވެ ވަޑައިގަތުމަށް ތާވަލުކުރެވިފަ އެވެ. އެހެން ނަމަވެސް އެމަނިކުފާނު ހާޒިރުވެވަޑައިނުގެން ވަނީ ޖަވާބުދާރީވުމަށް ލިޔުމެއް މަޖިލީހަށް ހުށައަޅާފައެވެ. އެއާއެކު މިއަދުގެ ޖަލްސާގައިވަނީ ބަންޑާރަނައިބު ޖަވާބުދާރީވެ ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ ގޮތަކާއި ގުޅިގެން ޚިޔާލުތަފާތުވުން އުފެދިފައެވެ.
މަޖިލީހުގައި އުފެދުނު ޚިޔާލުތަފާތުންތައް މަޝްވަރާގެ ތެރެއިން ޙައްލުކުރުމަށް ރިޔާސަތު ބަލަހައްޓަވަމުން ގެންދެވި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވެސް މަސައްކަތްޕުޅު ކުރެއްވި އެވެ.
އެހެން ނަމަވެސް އެއްބަސްވުމަކަށް ނާދެވުމުން، އެމަނިކުފާނު ނިންމެވީ ސުޕްރިމް ކޯޓުގެ ލަފާފުޅެއް ހޯއްދަވައިގެން އެ މައްސަލަ ކުރިއަށް ގެންދިއުމަށެވެ. އެހާތަނަށް ބަންޑާރަނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވަނީ މަޑުޖައްސާލާފަ އެވެ.
އެކަމަށް އިޝާރާތްކުރައްވާ މެމްބަރު ރޮޒައިނާ ވިދާޅުވީ ރިޔާސަތުން އެފަދައިން ނިންމެވީ އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ބާރުގެ ބޭނުން ނަހަމަގޮތުގައި ހިއްޕަވައިގެން ކަމަށެވެ.
ރައީސް ނަޝީދު ބޭނުމަކީ އެ ވޯޓު ނެގުން ފަސްކުރުން ކަމަށާއި، މިއަދު ވޯޓަށް އަހައިފިނަމަ ބަންޑާރަ ނައިބުގެ އިތުބާރު ނެތްކަމަށް ފާސްނުވާނެކަން އެމަނިކުފާނަށް ވެސް އެނގިވަޑައިގަންވާނެކަމަށް ރޮޒައިނާ ވިދާޅުވި އެވެ.
"މިއަދު މި ވޯޓު ނަގާއިރު މަޖިލީހުގެ 44 މެމްބަރުން އެބަ ޖެހޭ މަޖިލީހުގައި ވަޒީރަށް އިތުބާރު ނެތްކަމަށް ވޯޓުދޭން. އެހެންވީމަ އެ އަދަދު ހަމަނުވާތީވެ އަދި ކުރިއަށް ޖޫން 2 ވަނަ ދުވަހު މިބޭފުޅުން ރާވާފައި އޮތް މުޒާހަރާއަށް ގުޅޭއިރުގައި، މި ވޯޓު އޭގެކުރިން ނަގައިގެން ވަޒީރުގެ އިތުބާރު އޮތްކަމަށް މަޖިލީހުން ފާސްވެއްޖެކަމަށް ވާނަމަ، މިބޭފުޅުންގެ މުޒާހަރާއަށް އޭގެ އަސަރެއް ކޮށްފާނެކަމަށް ދެކިވަޑައިގަންނަވާތީ ކޮންމެ ގޮތެއް ހަދާފައި ނަމަވެސް ރިޔާސަތުގައި އިންނެވި ބޭފުޅާ އެ ބޭފުޅާގެ ބާރުތައް ނަހަމަގޮތުގައި ބޭނުންކުރައްވައިގެން މިއަދު މި ވޯޓު ނެގުނަ ނުދިނުން ބޭނުމަކީ" ރޮޒައިނާ ވިދާޅުވިއެވެ.
އެކަންކަން ފާހަގަކުރައްވާ ރޮޒައިނާ އިތުރަށް ވިދާޅުވީ ކޮންމެ ދުވަހަކު އެ ވޯޓު ނެގިކަމުގައި ވީ ނަމަވެސް ބަންޑާރަނައިބުގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާހެއް ނުވާނެކަމަށެވެ. އަދި އެ އަދަދަށް ވޯޓު ވެސް ހަމަ ނުކުރެވޭނެ ކަމަށެވެ.