މިއަދު ޑިމޮކްރަސީގެ ވާހަކަ ރައީސް ނަޝީދު ދެއްކެވުމުން އަޅުގަނޑުމެން ކައިރިއަށް އަންނަނީ ހިނިކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދު ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަމުން ރޮޒެއިނާ ވިދާޅުވީ ނަޝީދަކީ ޕްރައިމަރީއެއް ބާއްވާފައި ބަލިވުމުން ބަލި ގަބޫލުކުރެއްވި ބޭފުޅެއް ނޫން ކަމަށާއި އަދި އެއީ އެމްޑީޕީގެ ރައީސް ކަމުގެ މަޤާމުގައި ހުންނަވައިގެން އެހެން ޕާޓީއެއް ހެދުމުގެ މަސައްކަތް މިހާރު ވެސް ކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމަށެވެ.
"މީތޯ ޑިމޮކްރަސީގެ ވާހަކަ ދައްކާ މީހާގެ ހާލަކީ؟ އަޅުގަނޑުމެން ކައިރި އަށް ހަމަ ހިނި އަންނަނީ މިކަމާ. މިގޮތަށް އަމަލު ކުރައްވާފައި ދެން މި ދައްކަނީ ޑިމޮކްރެސީގެ ވާހަކަ." ރޮޒެއިނާ ވިދާޅުވި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ވަނަމުން އެއްޗެހި ގޮވަން ނަޝީދު ހިތްވަރު ދެއްވިއިރު ރޮޒެއިނާ ވިދާޅުވީ މީހުންނާއި ދިމާލަށް އެއްޗެހި ކިޔުމަކީ ޑިމޮކްރެސީއެއް ނޫން ކަމަށާއި ޑިމޮކްރެސީއެއްގައި ވާހަކަ ދައްކަން ޖެހޭނީ އޭގައި ކޮންމެވެސް ވަރެއްގެ ތެދެއް ހުރެގެން ކަމަށެވެ. އަދި ނަޝީދަކީ ޑިމޮކްރެސީގެ ބައްޕައޭ ބުނުމުން މީގެކުރިން މީހުން އެކަން ގަބޫލުކޮށްފާނެ ކަމަށާއި ނަމަވެސް މިހާރު އެކަން މީހުން ގަބޫލެއް ނުކުރާނެ ކަމަށް ވިދާޅުވި އެވެ.
"ޕްރައިމަރީއެއް ހަޖަމު ނުވީމަ އެކަން ގަބޫލެއް ނުކުރާނެ. އަމިއްލަ އަނގައިން އެތައް ފަހަރަކު ވިދާޅުވި ޕްރައިމަރީން ބަލިވީމަ މޮޅުވާ ފަރާތް ކޮޅަށް އެންމެން އަރަން ޖެހޭނެއޭ އެއީ އޭ ޑިމޮކްރެސީގެ ރީތި އުސޫލަކީ. މި ވާހަކަ ތަކުރާރުކޮށް އެތައް ފަހަރަކު ދައްކަމުން އައިސް މިއަދު ތިމާ ޕްރައިމަރީއަކުން ބަލިވީ ދުވަހު ކޮބައިތޯ އެއްކަލަ ރީތި ޑިމޮކްރެސީގެ އުސޫލު؟ ހަނދާނެއް ނެތް، ޑިިމޮކްރެސީގެ އޮޔާއި ވަޔާއި ހިނގައްޖެ." ރޮޒެއިނާ ވިދާޅުވި އެވެ.
ނަޝީދު އިސްވެ ހުންނަވައިގެން އުފައްދާ ދަ ޑިމޮކްރެޓްސް ޕާޓީ އަށް ފާޑު އަމާޒު ކުރަމުން ރޮޒެއިނާ ވަނީ އެ ޕާޓީން ބާއްވާ ޕްރައިމަރީ އަކުން ވެސް ނަޝީދު ބަލިވެއްޖެ ނަމަ އިތުރު އެހެން ޕާޓީއެއް ހަދަން ޖެހިދާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.