އެމްއާރުއެމް އުވާލުން މަޑުޖައްސާލަން ކޯޓުން އަމުރުކޮށްފި

އެމްއާރުއެމް އުވާލުން މަޑުޖައްސާލަން ކޯޓުން އަމުރުކޮށްފި

Author
މުޙައްމަދު ޝަޒައިމް
28 މެއި 2023 11:05
0

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުވާލަން އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމި ނިންމުމަށް އަމަލުކުރުން މަޑުޖައްސާލުމުގެ ވަގުތީ އަމުރެއް ސިވިލް ކޯޓުން މިއަދު ނެރެފިއެވެ.

ގާނޫނުން ސިޔާސީ ޕާޓީއެއްގައި އެންމެ މަދުން ތިބެވޭނެ ކަމަށް ބުނާ 3،000 މެންބަރުން ހަމަނުވުމުގެ ސަބަބުން އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީ އުވާލަން ނިންމީ ޕާޓީތަކުގެ މެންބަރުންގެ ގާނޫނީ އަދަދު ފުރިހަމަ ކުރުމަށް އެ ޕާޓީއަށް ދިން މުއްދަތުގައިވެސް އެކަން ނުވުމުންނެވެ.

މި މަހުގެ 24 ގައި އީސީއިން ނިންމި މި ނިންމުމަކީ ގާނޫނާ ހިލާފު އަމަލެއް ކަމަށް ބުނެ މައުމޫނާއި އެމަނިކުފާނުގެ ދަރިކަލުން އަހްމަދު ފާރިސް މައުމޫން ނުރުހުން ފާޅުކުރެއްވިއެވެ.

ގާނޫނުގައި ބުނާ އަދަދު ހަމަނުވެއްޖެނަމަ ކޮމިޝަނުގެ ޖަލްސާއެއް ބާއްވައި ޕާޓީ އުވާލެވޭނެ ކަމަށް ގާނޫނުގައިވެއެވެ. އިލެކްޝަންސް ކޮމިޝަނުން އެމްއާރުއެމް އުވާލަން ނިންމުމާއި ގުޅިގެން އެ ޕާޓީގެ ވެރިން ވަނީ އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ. ޕާޓީގެ ޒައީމް މައުމޫންއާއި ޕާޓީގެ ރައީސް ފާރިސް ވަނީ މިއީ ޤާނޫނާއި ހިލާފު ނިންމެވުމެއްކަމަށް ވިދާޅުވެ، އެ ނިންމެވުމާއި ދެކޮޅަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވެފައެވެ.

ސިވިލް ކޯޓުގެ ގާޒީ ފަރުހާދު ރަޝީދު ސޮއިކުރައްވައި މިއަދު ނެރުއްވި އަމުރުގައި، އީސީގެ ނިންމުމަށް އަމަލުކުރުން މަޑުޖައްސާލާފައި ވަނީ 30 ދުވަހުގެ މުއްދަތަކަށެވެ. އެއީ މި މައްސަލައިގައި އީސީއާ ދެކޮޅަށް އިތުރު މައްސަލައެއް ކޯޓަށް ވައްދާނެ ކަމަށް އެމްއާރުއެމް އިން ބުނާތީއެވެ.

އެހެންވެ، ގާޒީ ނިންމެވީ އެމްއާރުއެމް އުވާލުމަށް ނިންމާފައިވާ ނިންމުމަށް އަމަލުކުރުން ފަސްކުރުމަށާއި އެ ނިންމުން ތަންފީޒުކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށެވެ.

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުވާލަން ނިންމާފައިވާތީ އެ ޕާޓީގެ ދަރަންޏެއް އޮތް ނަމަ، އެކަން އެންގުމަށްވެސް އިލެކްޝަން ކޮމިޝަން (އީސީ) އިން ވަނީ އިއުލާންކޮށް ކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.