ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމް ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އުވާލުމުގައި ސަރުކާރުގެ އެއްވެސް ނުފޫޒެއް ފޯރުުވާފައިވާ ނުވާނެކަމަށް ސަރުކާރުން ބުނެފިއެވެ.
މޯލްޑިވްސް ރީފޯމް މޫވްމަންޓް، އެމްއާރުއެމް އުވާލަން އިލެކްޝަންސް ކޮމިޝަން އީސީން ނިންމީ އިއްޔެއެވެ. އެމްއާރުއެމް އުވާލަން އީސީން ނިންމީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ 3000 މެމްބަރުން ހަމަނުވެގެން ދެ ވަނަ ނޯޓިސްއެއް ދިނުމަށްފަހުއެވެ.
މެމްބަރުން ހަމަނުވެގެން މިދިޔަ ފެބުރުއަރީމަހުގެ ތެރޭގައި އެމްއާރުއެމްއަށް ދިން ދެވަނަ ނޯޓިސްގެ މުއްދަތު މިދިޔަ ބުދަ ދުވަހު ވަނީ ހަމަވެފައެވެ. ގާނޫނުގައި ބުނާ އަދަދު ހަމަނުވެއްޖެނަމަ ކޮމިޝަނުގެ ޖަލްސާއެއް ބާއްވައި ޕާޓީ އުވާލެވޭނެ ކަމަށް ގާނޫނުގައިވެއެވެ. އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މެންބަރުން ހަމަކުރުމަށް ދެވުނު 3 މަސްދުވަހުގެ މުއްދަތުގައި 3000 މެންބަރުން ހަމަވެފައި ނުވާތީ މޯލްޑިވްސް ރިފޯމް މޫވްމަންޓް އުވާލުމަށާއި މިއަދުން ފެށިގެން އެއްވެސް ސިޔާސީ ހަރަކާތެއް ނުހިންގުމަށް އެޕާޓީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާކަމަށެވެ.
މިނިންމުމާއި ގުޅިގެން އެމްއާރުއެމްގެ އިސްބޭފުޅުންގެ ބޮޑެތި ތުހުމަތުތަކެސް ސަރުކާރަށް ވަނީ އަމާޒުވެފައެވެ. އަދި މިއީ ސަރުކާރުގެ ނުފޫޒެއް އޮވެގެން ކޮށްފައިވާކަމެއްކަމަށް އެމްއާރުއެމްއިން ތުހުމަތު ކުރެވެއެވެ. މިތުހުމަތުތަކަށް ރައްދު ދެއްވައި ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން ވިދާޅުވީ އެމްއާރުއެމް އުވާލީ އިލެކްޝަން ކޮމިޝަނުން ބަލަންޖެހޭ ކަންކަން ބަލާފައި ކަމަށެވެ. އެކަމުގައި ސަރުކާރުގެ އެއްވެސް ނުފޫޒެއް އިލެކްޝަންގެ މައްޗަށް ނޯންނާނެކަމަށެވެ.
ސަރުކާރުން އެއްވެސް ނުފޫޒެއް ފޮރުވައިގެން ނޫން އެމްއާރުއެމް އުވާލީ. އިލެކްޝަންސް ކޮމިޝަން ހިނގަމުންދަނީ މިނިވަންކަމާއިއެކު، ސަރުކާރުގެ އެއްވެސް ނުފޫޒެއް އިލެކްޝަންގެ މައްޗަކަށް ނޯންނާނެ.
– މިއުވާން ވިދާޅުވިއެވެ.
އެމްއާރުއެމްގެ ރައީސް ފާރިސް ވަނީ މި އުނދަގޫ ވަގުތަކީ އެމްއާރުއެމްގެ ސަޕޯޓަރުން ކެތްތެރިކަން އިސްކުރުމަށް ގޮވާލައްވައިފައެވެ. އަދި އެމްއާރުއެމް އުވާލަން އިލެކްޝަން ކޮމިޝަނުން ނިންމީ ކޮރަޕްޝަންގެ ނުފޫޒުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އިލެކްޝަންގެ ނިންމުމާ ދެކޮޅަށް މަސައްކަތް ކުރައްވާނެ ކަމަށާއި އަދި އާހިރުގައި ކާމިޔާބު ހޯއްދަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ފާރިސްގެ ވާހަތަކަށް ތާއީދު ކުރައްވައި ރައީސް މައުމޫން ވެސް ވިދާޅުވީ ދަރިކަލުން ދެއްކެވި ވާހަކަތަކަކީ ހަގީގަތެއް ކަމަށެވެ. އިލެކްޝަންސްގެ ނިންމުމަށް އެމްއާރުއެމްގެ ނާއިބު ރައީސް ނާދިރާވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ދޫ ނުދެއްވާނެ ކަމަށާއި އާހިރުގައި ކާމިޔާބު ހޯދާނެ ކަމަށެވެ.
އެޕާޓީން ބުނެފައިވަނީ މިއީ ކޮރަޕްޝަނާއި، ނުފޫޒުގެ ތެރެއިން ހިންގާފައި ބޮޑު ޖަރީމާއެއް ކަމަށެވެ.