މަޖިލީހުގެ ނައިބް ރައީސްކަމުގެ މަޤާމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ގެނައުމަށް ކުރިންވެސް ތާއީދު ނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އީވާގެ އިތުބާރު ނެތްކަމުގެ މައްސަލާގައި އޭނާ ދެއްކެވި ވާހަތަކަށް ރައްދު ދެއްވަމުންނެވެ. އީވާ މިއަދު ވިދާޅުވީ އެ މައްސަލައިގައި "ތިމަންނަ ތަބާވަނީ އަގްލަބިއްޔަތަށް" ކަމަށް އަލީ ނިޔާޒް އިއްޔެ ވަޓްސްއަޕް ގްރޫޕެއްގައި ލިޔުއްވާފައިވާކަމަށެވެ.
އެކަމަކު އަގްލަބިއްޔަތަށް ތަބާވުމަކީ ޑިމޮކްރަސީ ނޫން ކަމަށާއި، މައިނޯރިޓީގެ ހައްގު ހިމާޔަތް ނުކުރެވޭހާ ހިނދަކު އެއީ ޑިކްޓޭޓާޝިޕެއް ކަމަށް އީވާ ވިދާޅުވި އެވެ. އަދި ސިޔާސީ މަސައްކަތުގައި އުޅޭއިރު އެކަންކަން "ކޮންމްވެސް ވަރަކަށް އޮޅުން ފިލުވާލުން މުހިންމު،" ކަމަށް އީވާ ނިޔާޒަށް އަމާޒުކުރައްވައި ވިދާޅުވިއެވެ.
އީވާގެ ވާހަތަކަށް ރައްދު ދެއްވައި ނިޔާޒު ވިދާޅުވީ މަޖިލިސް ރައީސް އާއި ނައިިބް ރައީސް ކަނޑައެޅުމަށް ކުރެވުނު މަޝްވަރާތަކުގައި އޭރުވެސް އީވާ މަޖިލީހުގެ ނައިބް ރައީސްކަމަށް ގެނައުމަށް ތާއީދު ނުކުރާކަމަށެވެ. އޭނާ ތާއީދު ކުރީ މަޖިލީހުގެ ރައީސް ކަމަށް އީވާ ގެނައުމަށް ކަމުގައި އަލި ނިޔާޒު ވިދާޅުވިއެވެ.
އަޅުގަނޑަކީ އެއްވެސް އިރެއްގައި އިވާ މަޖްލިސް ނައިބް ރައީސްކަމަށް ގެންނަން ބޭނުންވި މީހެއްނޫން. އަޅުގަނޑު އީވާގެ ކިބައިން އެދުނީ މަޖްލިސް ރައީސް ކަމަށް އައުމަށް. ވަރަށް ގިނަ ސަބަބުތައް އޮތީމަ. އެކަން އިވާ އަށް ކިޔާދިނިން. އޭރުވެސް ތަބާވީ ޕާޓީގެ މެޖޯރިޓީ އަށް. މިފަހަރުވެސް އެގޮތައް.
– އަލީ ނިޔާޒު ވިދާޅުވިއެވެ.
މަޖިލީހުގެ ނާއިބް ރައީސްކަމުގެ މަޤާމުން އީވާ ވަކިކުރެއްވުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ނިންމި ނިންމުމާއެކު އިއްޔެ ވަނީ އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދައިފައެވެ. އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދީ 50 މެމްބަރުންގެ ސޮޔާއި އެކުއެވެ. މަޖިލިސް ޤަވާއިދު ބަޔާންކުރާގޮތުގައި މަޖިލީހުގެ ރައީސް ނުވަތަ ނާއިބު ރައީސް މަޤާމުން ވަކިކުރެވޭނީ، މަޖިލީހުގެ އެ ޖަލްސާއެއްގައި ޙާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣްލަބިއްޔަތުން ފާސްކުރުމުންނެވެ.
މަޖިލީހުގެ ނާއިބް ރައީސްގެ އިތުބާރު ނެތްކަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ހުށަހަޅުއްވާފައިވާއިރު، ޗާގޯސް މައްސަލާގައި ބަންޑާރަ ނާއިބް އިބްރާހީމް ރިފްޢަތާއި، ޚާރިޖީ ވަޒީރު ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހުގައި ހިމެނޭ އިދިކޮޅު މެމްބަރުން ވަނީ މަޖިލީހަށް ވައްދާފައެވެ.
ކޮމެންޓު ފޮނުވާ