ރައީސް މައުމޫނުގެ މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރުއެމް) އުވާލުމަށް އީސީން ނިންމާފައިވާ ނިންމުން އެ ކޮމިޝަނުން ބަދަލު ނުކޮށްފިނަމަ ކޯޓަށް ދިއުމަކީ އޮތް ގޮތެއް ކަމަށާއި އެހެންނަމަވެސް ފުރަތަމަ އެޕާޓީން އެދެނީ އިލެކްޝަން ކޮމިޝަނުގެ ނިންމުން އެ ކޮމިޝަނުން އަލުން މުރާޖައާ ކޮށްދިނުންކަމަށް އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.
އެމްއާރުއެމް އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމުމާއި ގުޅިގެން އެޕާޓީގެ ލީޑަރޝިޕްގައި ހިމެނޭ ބޭފުޅުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފާރިސް މައުމޫން ވިދާޅުވީ ޕާޓީ އުވާލުން ހުއްޓުވުމުގެ އަމުރެއް ކޯޓުން ހޯއްދެވުމަކީވެސް އޮތް ގޮތެއް ކަަމަށާއި އެހެންނަމަވެސް ފުތަމަ ގޮތަކީ އީސީގެ ނިންމުން އަލުން މުރާޖައާ ކޮށްދިނުން ކަމުގައެވެ.
އެންހެންވީމަ ކޯޓަށް ދިއުންވެސް، ދެން އަޅުގަނޑުމެން އެންމެ އެދޭ ގޮތަކީ އަލުން އިލެކްޝަންސް ކޮމިޝަނުން މި މައްސަލަ މުރާޖައާ ކޮށްދިނުން، އެހެންވީމަ އިލެކްޝަންސް ކޮމިޝަނުން އަލުން ބައްލަވާދެއްވާފަ އެބޭފުޅުންގެ ނިންމެވުމާ ބެހޭގޮތުން އެހެން ގޮތެއް ނިންމެވުން އަޅުގަނޑުމެން އެދޭ ގޮތަކީ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފާރިސް ވިދާޅުވިއެވެ.
ފާރިސް ވިދާޅުވީ އެމްއާރުއެމްއިން ކެޑެން އެދިފައިވާ ބައެއްކަމަށް ބުނެ އީސީން އެޕާޓީން ވަކިކޮށްފައިވާކަމަށް ބުނެފައިވާ ފަރާތްތަކަކީ 2017 ވަނަ އަހަރު އެޕާޓީން ކެޑުމަށް، އެޕާޓީން ވަކިވުމަށް ހުށަހެޅި ސިޓީތަކުގައި ބަޔާން ކޮށްފައިވާ ބައެއް މީހުން ކަމަށާއި، އެހެންނަމަވެސް އެތާރީޚުގައި އެޕާޓީ ވުޖޫދުވެސް ވެފައި ނުވާކަމުގައެވެ.
އޭނާ އިތުރަށް ވިދާޅުވެފައިވަނީ އީސީއަށް ސިޔާސީ ނުފޫޒު ފޯރާފައިވާކަމަށް ތުހުމަތު ކުރެވޭ ކަމަށާއި، އީސީން އެޕާޓީއަށް މީހުން ވައްދާ ގޮތާއި ވަކި ކުރާގޮތްވެސް ސާފުކުރަން ބޭނުންވާ ކަމުގައެވެ.
ކުރީގެ ރައީސް މައުމޫން އުފައްދަވާ އެމަނިކްފާނުގެ ދަރިކަލުން ރައީސްކަން ކުރައްވަމުން ގެންދަވާ އެމްއާރުއެމް އުވާލުމަށް މިއަދު އީސީން ނިންމާފައިވަނީ އެޕާޓީއަށް 3،000 މެމްބަރުން ހަމަކުރަން ދިން ދެވަނަ ފުރުސަތުގައިވެސް އެއަދަދަށް މެމްބަރުން ހަމަ ކުރެވިފައި ނުވާތީއެވެ.
އެމްއާރުއެމްގެ މެމްބަރުންގެ އަދަދު 3،000 އަށްވުރެ އަނެއްކާވެސް ދަށަށް ދިއުމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަން އެޕާޓީއަށް 3،000 މެމްބަރުން ހަމަކުރުމުގެ ދެވަނަ ނޯޓިސް ފޮނުވާފައިވަނީ ފާއިތުވި ފެބްރުއަރީމަހުއެވެ.
އެމްއާރުއެމްގެ މެމްބަރުންގެ އަދަދު 3،000 އަށްވުރެ ދަށަށް ދިއުމާއެކު އެޕާޓީއަށް 3،000 މެމްބަރުން ހަމަކުރުމަށް އީސީން 2022 ވަނަ އަހަރުވެސް ނޯޓިސް ފޮނުވާފައި ވެއެވެ. އެފަހަރު ދިން 3 މަހުގެ މުއްދަތު ހަމަވުމުގެ ކުރިން، ފާއިތުވި އަހަރުގެ ޖޫން މަހުގެ ތެރޭގައި އެޕާޓީން ގާނޫނުގައި ބުނާ އަދަދަށް މެމްބަރުން ހަމަކޮށްފައި ވެއެވެ.
އެހެންނަމަވެސް އަނެއްކާވެސް ގާނޫނުގައި ބުނާ އަދަދަށްވުރެ ޕާޓީގެ މެމްބަރުންގެ އަދަދު ދަށަށް ދިއުމާއި ގުޅިގެން އީސީން މެމްބަރުން ހަމަކުރުމަށް އެމްއާރުއެމްއަށް ނޯޓިސް ފޮނުވާފައިވަނީ މިއަހަރުގެ ފެބުރުއަރީމަހުގެ 22 ވަނަ ދުވަހުއެވެ.
ޕާޓީތަކާބެހޭ ގާނޫނުގައި ބުނާގޮތުން އިލެކްޝަންސް ކޮމިޝަނުން ދޭ މުއްދަތުގައި ސިޔާސީ ޕާޓީއަކަށް ގާނޫނުގައި ބުނާ މުއްދަތަށް މެމްބަރުން ހަމަ ނުކުރެވިއްޖެނަމަ އެޕާޓީއެއް އުވާލުމަށް ނިންމުމުގެ ބާރު އީސީއަށް ލިބިގެން ވެއެވެ.
މިގޮތުން ދާދިފަހުން އިލެކްޝަންސް ކޮމިޝަނުންންވަނީ ގާނޫނުގައި ބުނާ އަދަދަށް މީހުން ހަމަނުކުރެވިގެން ދެޕާޓީއެއް އުވާވެސްލާފައެވެ. އެއީ ރައީސް މައުމޫން އެންމެ ފުރަތަމަ އުފެއްދެވި ޑީއާރުޕީއާއި ދާދިފަހުން އުފެއްދި ލިބަރަލް ޕާޓީއެވެ.
އިލެކްޝަން ކޮމިޝަންގެ ވެބްސައިޓުގައި ވާގޮތުން 21 ފެބުރުވަރީ 2023ގެ ނިޔަލަށް އެމްއާރުއެމްގައި ތިބި މެމްބަރުންގެ އަދަދަކީ 2،981 މެމްބަރުންނެވެ.
އިލެކްޝަންސް ކޮމިޝަނުން އެމްއާރުއެމް އުވާލަން ނިންމިއިރު ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ކޯލިޝަން ހަދާނެ ޕާޓީތަކެއް ނިންމުމަށް ބައެއް ސިޔާސީ ޕާޓީތަކާއި އެޕާޓީން ދަނީ ވާހަކަވެސް ދައްކަމުންނެވެ.