ހޯދަން އިއުލާންކުރިތާ 9 ދުވަސްފަހުން ގައްބަރޭ އަމިއްލައަށް އަމިއްލައަށް ފުލުހަށް ހާޒިރުވެއްޖެ
ތޫނު އެއްޗެއް ބޭނުންކޮށްގެން ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރޫރު މަރާލަން އުޅުނުކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހޯދަން އިއުލާންކުރި ގައްބަރޭ 9 ދުވަސްފަހުން އަމިއްލައަށް ފުލުހަށް ހާޒިރު ވެއްޖެއެވެ.
މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ގައްބަރޭ ހޯދަން އިއުލާން ކުރީ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ، ގްރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައި، މީހަކު މަރާލަން އުޅުުނުކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުންނެވެ.
ފުލުހުން ވިދާޅުވީ އޭނާ އަމިއްލައަށް ފުލުހަށް ހާޒިރުވެފައިވާކަމަށެވެ. އަދި މިހާރު އޭނާ ހުރީ ފުލުހުންގެ ބަންދުގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މެންބަރު ޒަރީރަށް ޙަމަލާދީފައިވަނީ މިދިޔަ އޭޕްރީލް 30 ވަނަ ދުވަހުގެ ރޭ ކެފޭއެއްގެ އިންނަވަނިކޮށެވެ. މެންބަރު ޒަރީރަށް ބަޔަކު ޙަމަލާދީފައިވަނީ ނުރައްކާތެރި ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރާ އެއްޗެއް ބޭނުންކޮށްގެންކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ނަމަވެސް ޙަމަލާދިނީ ކޮން އެއްޗަކުން ކަމެއް ފުލުހުން ވިދާޅެއް ނުވެއެވެ.
މި ޙަމަލާއާ ގުޅިގެން މެންބަރު ޒަރީރަށް ލިބިވަޑައިގެންނެވި އަނިޔާއަށް އޭޑީކޭ ހޮސްޕިޓަލުން ވަނީ ފަރުވާ ހޯއްދަވާފައެވެ.