ނަޝީދު ހަޑިކޮށް ނޫޅުއްވުމަށް ރޮޒައިނާ ގޮވާލައްވައިފި

ނަޝީދު ހަޑިކޮށް ނޫޅުއްވުމަށް ރޮޒައިނާ ގޮވާލައްވައިފި

Author
އަޒްފާ ރަޝީދު
16 މެއި 2023 05:27
0

ރައީސް މުޙައްމަދު ނަޝީދު ހަޑިކޮށް ނޫޅުއްވުމަށް އައްޑޫ މީދާ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ގޮވާލައްވައިފި އެވެ.

ރޮޒައިނާ ރައީސް ނަޝީދަށް ނިސްބަތްކޮށް މިގޮތަށް ގޮވާލާފައިވަނީ މެންބަރުންގެ ރުހުމާނުލައި އެ މެންބަރުން މަޖިލީހުގައި ތިއްބަވާ ކޮމިޓީތަކުން ވަކިނުކުރެވޭނެ ކަމަށް ނަޝީދު މިއަދު ވިދާޅުވުމާއި ގުޅިގެން ރޮޒައިނާ ކުރެއްވި ޓްވީޓެއްގައެވެ.

މިކަމާ ގުޅިގެން ރޮޒެއިނާ ވިދާޅުވީ މަޖިލިސް ގަވާއިދުގައި މަޖިލިސް ކޮމިޓީތަކަށް މެމްބަރުން ލުމާއި ވަކި ކުރުމަކީ މެމްބަރު ހިމެނޭ ސިޔާސީ ޕާޓީއަށް އޮންނަ ބާރެއް ކަމަށާއި އެއީ މަޖިލީހުގެ ރައީސަށް އޮންނަ ބާރެއް ނޫން ކަމަށް ވިދާޅުވެފައިވެއެވެ.

"އެކަން ކުރަންވީ ގޮތް ވެސް މަޖިިލިސް ގަވާއިދުގައި ސާފުކޮށް އެބައޮތް. ރައީސް ނަޝީދު ތިހާ ހަޑިކޮށް ނޫޅުއްވާ." ރޮޒައިނާ ވިދާޅުވި އެވެ.

މިފަހުން އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް ރައީސް ނަޝީދަށް ފޮނުއްވި ސިޓީއެއްގައި ވަނީ މަޖިލީހުގެ ކޮމިޓީތަކުގައި އެމްޑީޕީ ތަމްސީލުކުރާ މެންބަރުންނަށް ބަދަލުގެންނެވުމަށް އެދި ހުށަހަޅާފަ އެވެ. އެގޮތުން 8 ކޮމިޓީއަކަށް ބަދަލު ގެންނެވުމަށް އެދި ހުށަހަޅާފައިވެ އެވެ.

މިކަމާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ރިޔާސަތުގައި އެމަނިކުފާނު އިންނެވިހާ ހިނދަކު މެންބަރުންގެ ރުހުމާ ނުލައި މަޖިލީހުގެ އެއްވެސް ކޮމިޓީއަކުން އެއްވެސް މެންބަރަކު ވަކި ނުކުރެވޭނެ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހަކީ ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނަވާ ގޮތަކަށް ހިންގާން އޮންނަ ތަނެއް ނޫން ކަމަށް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 131 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރުގައި ބުނެފައިވަނީ، ސިޔާސީ ޕާޓީއަކުންް ބޭނުންވަނީ މަޖިލީހުގެ ދާއިމީ ކޮމިޓީއެއްގައި ހިމެނޭ އެ ޕާޓީގެ މެންބަރެއްގެ ބަދަލުގައި އެޕާޓީގެ އެހެންް މެންބަރަކު އައްޔަންކުރަންް ކަމުގައިވާނަމަ، އެ ޕާޓީގެ ޕާލިމަންޓަރީ ގްރޫޕުން އެކަން ލިޔުމަކުން މަޖިލީހުގެ ރައީސް އަންގަންވާނެ ކަމަށެވެ. އަދި އެލިޔުން މަޖިލީހުގެ ރައީސަށް ލިބުމުން، އެ މެންބަރުގެ އިއުތިރާޒެއް ނެތްކަން މަޖިލީހުގެ އިދާރާއިން ކަށަވަރުކުރުމަށްފަހު، މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރުންނަށް އެކަން އަންގަންވާނެ ކަމަށެވެ.

މަޖިލީހުގެ ގަވައިދުގެ 131 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގައި ބުނެފައިވަނީ، "ސިޔާސީ ޕާޓީއެއްގެ މެންބަރަކު އެ މެންބަރަކު ހިމެނޭ ކޮމިޓީ ބަދަލުކުރުމަށް އިއުތިރާޒުކުރާ ހާލަތުގައި، އެ ޕާޓީއެއްގެ ޕާލިމެންޓަރީ ގްރޫޕުގެ ޖުމުލަ އަދަދުގެ އަގްލަބިއްޔަތުން އެ މެންބަރަކު އެ ކޮމިޓީން ބަދަލުކުރަން ނިންމާފައިވާކަން މަޖިލީހުގެ އިދާރާއިން ކަށަވަރު ކުރަންވާނެ" ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ސ ސެއްޅި
ހަޑިވާ ތަންކޮޅު ދޮވެލާނީ.