އެމްއާރުއެމްގެ ލީޑަރޝިޕްގައި ހިމެނޭ 8 ބޭފުޅަކު އެޕާޓީން ވަކިވެއްޖެކަން އިއުލާން ކޮށްފިއެވެ. ޕާޓީން ވަކިވިކަން އިއުލާންކުރި 8 ބޭފުޅުންނަކީ ސިޔާސީ މަގާމްތަކުގައި އެމްއާރުއެމްގެ ސްލޮޓްގައި ތިބި ފަރާތްތަކެވެ. އޭގެ ތެރޭގައި އެޕާޓީގެ އެއް ނާއިބު ރައީސް އަދި މޯލްޑިވް ގޭސްގެ އެމްޑީގެ މަގާމުގައި ހުންނެވި ޝަޒައިލް ޝިޔާމް ހިމެނޭއިރު، ދެންވެސް ހިމެނެނީ ސިޔާސީ ސީނިއަރ މަގާމްތަކުގައި ތިބި ފަރާތްތަކަވެ.
އެ ފަރާތްތަކަކީ:
- މުހައްމަދު ފައިސަލް – ޑެޕިއުޓީ އެމްބެސެޑަރ، ޔޫއޭއީ
- މުހައްމަދު ރާއިދު – އެމްއައިޓީޑީސީ، އެމްޑީ
- އަބުދުލް ހަމީދު އަހުމަދު – ސީނިއަރ އެގްޒެކެޓިވް ޑައިރެކްޓަރ
- ޝަޒައިލް ޝިޔާމް – މޯލްޑިވް ގޭސް، އެމްޑީ
- އިބުރާހިމް ފަހުދު – ސީނިއަރ ޕޮލިސީ ޑައިރެކްޓަރ
- އިސްމާއިލް ނާއިފް ނަޝީދު – ޑިރެކްޓަރ ކޮމިއުނިކޭޝަންސް، މިނިސްޓްރީ އޮފް އާރޓްސް އެންޑް ކަލްޗަރ
- ހަސަން ހައްޔާން އަހްމަދު – އެކްސްކޯގެ މެމްބަރ
- ތަޒްމީލް އަބުދުއްސަމަދު – އެމްޓީޑީސީ، އެމްޑީ
މި 8 ބޭފުޅުން އެމްއާރުއެމްއިން ވަކިވިކަން އިއުލާންކޮށް އެބޭފުޅުންގެ ސޮޔާއެކު ނެރުއްވި ސްޓޭޓްމަންޓުގައި ވަނީ އެމްއާރުއެމްގެ ބާނީ، ކުރީގެ ރައީސް މައުމޫން އެބޭފުޅުންނަށް ދެއްވި އެއްބާރުލެއްވުމަށް ޝުކުރު އަދާކޮށްފައެވެ.
އަދި މީގެ ތެރެއިން ބައެއް ބޭފުޅުން ސޯޝަލް މީޑިއާގައި ހާމަކޮށްފައިވާ ގޮތުގައި، އެމްއާރު ދޫކޮށްފައިވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ރައީސް ސާލިހަށް ތާއީދު ކުރުމަށްޓަކައެވެ.
އެހެންނަމަވެސް، އެމްއާރުއެމްއިން ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ސާލިހަށް ތާއީދު ކުރުމާއި ގުޅޭގޮތުން މިހާތަނަށް އެއްވެސް ނިންމުމެއް އަދި ނިންމާފައެއް ނުވެއެވެ. އެޕާޓީން ދަނީ އެމްޑީޕީއާއި އެކީ މަޝްވަރާތައް ބާއްވަމުންނެވެ.
ކޮމެންޓު ފޮނުވާ