މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްއިން އިންތިޚާބުގައި ވާދަކުރާ އެމްޑީޕީއާއިއެކު މަޝްވަރާ ބައްދަލުވުމެއް މިރޭ ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
މިބައްދަލުވުމާއި ގުޅޭގޮތުން އެމްއާރުއެމްއިން ބުނެފައިވަނީ، އެމްޑީޕީގެ އިސް ފަރާތްތަކާއިއެކު އޮންނަ ފުރަތަމަ ބައްދަލުވުން މިރޭ އޮންނާނެކަމަށެވެ. މިރޭގެ ބައްދަލުވުމުގައިި އެއްވެސް ކަމެއް ނުނިންމާނެކަމަށް އެމްއާރުއެމްއިން ބުނެއެވެ. މިރޭގެ ބައްދަލުވުމުގައި ބައިވެރިވާ ބޭފުޅުންގެ ތަފްސީލެއްވެސް އެޕާޓީން ދީފައި ނުވެއެވެ.
އެމްއާރުއެމްއިން އެމްޑީޕީއާއި މިރޭ ބައްދަލުކުރާއިރު، ޖޭޕީއާއިއެކުވެސް މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޖޭޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވަނީ ނިންމަވައިފައެވެ. އަދި ޖޭޕީއާ އެކުގައި ކޯލިޝަން ހެދުމަށް މަޝްވަރާ ކުރުމުގެ ދައުވަތު ގާސިމް ވަނީ ތިން ސިޔާސީ ޕާޓީއަކަށް ދެއްވައިފައެވެ.
އެއީ އެމްއާރުއެމްގެ އިތުރުން އިދިކޮޅު އެންމެ ބޮޑު ޕާޓީ ޕީޕީއެމް އާއި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އެވެ. ޕީޕީއެމުން ބުނެފައި ވަނީ އެ ޕާޓީން ރިޔާސީ އިންތިހާބުގައި އެއްވެސް ބައެއްގެ ފަހަތަށް ނާރާނެ ކަމަށެވެ. އަދި އެމްއެންޕީން ނިންމާފައި ވަނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޖޭޕީގެ ފަހަތަށް ނާރައި ވަކިން ވާދަކުރުމަށެވެ. އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓަކީ އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމެވެ.
އެމްއާރުއެމާ އެކު ދެވަނަ ދައުރަކަށް ކޯލިޝަން ހަދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަނީ ދައުވަތު ދެއްވައިފައެވެ. އަދި އެކަމާ ގުޅޭ ގޮތުން ފުރަތަމަ ބައްދަލުވުން ބޭއްވި ނަމަވެސް، ނިމިފައި ވަނީ ކޮޅެއްގައި ނުޖެހިފައެވެ. އެކަމަކު، އިތުރު ބައްދަލުވުންތައް ބާއްވަން އެއްބަސްވެފައިވެއެވެ.
ޖޭޕީން ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ މަސައްކަތް ޕާޓީ އެތެރޭގައި ފަށާފައިވާ އިރު، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފަޅިން ވަނީ ރިޔާސީ އިންތިހާބުގައި ޖޭޕީއާ އެކުގައި ކުރިއަށް ދިއުމަށް ނިންމައި، ކޯލިޝަން މަޝްވަރާތަކާއި ރިޔާސީ މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތް ފަށައިފައެވެ.
ކޮމެންޓު ފޮނުވާ