ފްރެންޗް ކަޕާ އެކު ތޫލޫސް އަށް ފުރަތަމަ ތަށި

ފްރެންޗް ކަޕާ އެކު ތޫލޫސް އަށް ފުރަތަމަ ތަށި

ފްރެންޗް ކަޕުގެ ފައިނަލުގައި ނޯންޓް ބަލިކޮށް ޗެމްޕިއަންކަން ޓޮލޫސްއިން ހޯދައިފިއެވެ.

މިމުބާރާތް ޓޮލޫސްއިން ކާމިޔާބުކުރީ ރޭ ކުޅުނު ފައިނަލްގައި ނޯންޓް ފަސް ލަނޑު އެއްލަނޑުން ބަލިކޮށްގެންނެވެ. ޓޮލޫސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ނޯޓްސް އިން ބޯޅަ ގެންގުޅުނު އިރު ގިނަ ހަމަލާ އުފައްދާފައިވަނީ ޓޮލޫސްއިންނެވެ. މިމެޗްގެ ފުރަތަމަ 10 މިނެޓްގެ ތެރޭގައި ޓޮލޫސްއިން ވަނީ ދެލަނޑުގެ ލީޑެއް ނަގާފައެވެ. މިދެލަނޑު މެޗްގެ ހަތަރު ވަނަ މިނެޓާއި ދިހަ ވަނަ މިނެޓްގައި ޖަހާދިނީ ލޯގަން ކޯސްޓާއެވެ. އަދި މެޗްގެ 23 ވަނަ މިނެޓްގައި ޓޮލޫސްގެ ތީސް ޑަލިންގާވަނީ އެޓީމްގެ ލީޑު އިތުރަށް ފުޅާކޮށްދީގައެވެ.

މިމެޗްގައި ޓޮލޫސްއިން ކާމުޔާބުކުރި ހަތަރު ވަނަ ލަނޑު މެޗްގެ 31 ވަނަ މިނެޓްގައި ޖަހާދިނީވެސް ޑަލިންގާއެވެ. ތަށި ދިފާއު ކުރުމުގެ އަޒުމާއެކު މިމެޗަށް ނިކުން ނޯޓްސްއިން މިމެޗްގައި ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗްގެ 75 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ލުޑޮވިޗް ބްލާސްއެވެ. އަދި ޓޮލޫސްގެ ފަހު ލަނޑު މެޗްގެ 79 ވަނަ މިނެޓްގައި ޖަހާދިނީ ޒަކާރިއާ އަބޫހްލާލްއެވެ.

މިއީ މިދިޔަ ސީޒަންގައި ފްރެންޗް ލީގް އާންއަށް ޕްރޮމޯޓްވި ޓޮލޫސްގެ ތާރީހްގައި ހޯދުނު ފުރަތަމަ ތައްޓެެވެ. އަދި މިއީ 1970 ވަނަ އަހަރަށް ފަހު މިމުބާރާތުގެ ފައިނަލެއްގައި ޓީމަކުން ހޯދި އެންމެ ތަފާތު ބޮޑު ނަތީޖާއެވެ. އެއަހަރަކީ މިހާރު މިފެންނަ ޓޮލޫސް ޓީމް އުފެދުނު އަހަރުވެސްމެއެވެ. 1970 ވަނަ އަހަރުގެ ފައިނަލްގައި ނޯޓްސް ވަނީ ސެއިންޓް އެޓިއޭން އަތުން ފަސް ލަނޑު ސުންލަނޑުން ބަލިވެފައެވެ.

1957 ވަނަ އަހަރުގެ ފްރެންޗް ކަޕް ޓޮލޫސް އެފްސީ ނަމަކަށްކިޔާ ޓީމަކުން ކާމިޔާބު ކުރި ނަމަވެސް އޭގެ 10 އަހަރު ފަހުން ޕެރިހުގެ ކްލަބެއްކަމަށްވާ ރެޑް ސްޓާރ އާއި ގުޅުމާއެކު އެޓީމްވަނީ އުވިގެން ގޮސްފައެވެ. އަދި ފަރަންސޭސި ފުޓްބޯޅައިގާ މިހާރު މިފެންނަ ޓޮލޫސް ޓީމް ބެލެވިފައިވަނީ ތަފާތު ޓީމެއްގެ ގޮތުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *