އެމެރިކާގެ ޔުނައިޓެޑް އެއަރލައިނުން، އެގައުމުގެ ފިޒާ ކުންފުނިން އުފައްދާފައިވާ ކޯވިޑް19 ވެކްސިން ސަޕްލައި ކުރުމަށްޓަކާ ޗާޓަރ ފްލައިޓްތައް ބާއްވަން ހުކުރުދުވަހު ފައްޓާއިފިއެވެ.
އެމެރިކާގައި ވެކްސިން ދިނުމާއި ގުޅުން ހުރި ފަރާތްތަކުން މައުލޫމާތު ދޭގޮތުގައި، ޔުނައިޓެޑް އެއަރލައިން ހޯލްޑިންގ އިން ކޯވިޑް19 ވެކްސިން އުފުލުމަށް ޗާޓަރ ފްލައިޓްތައް ބާއްވަން މިފެއްޓީ، އެމެރިކާގެ ކަމާގުޅުންހުރި އިދާރާތަކުން ވެކްސިން ޖެހުމުގެ ހުއްދަ ދިނުމާއެކު، ހަމަ ޖައްސަންޖެހޭ ލޮޖިސްޓިކްސްއާއި ގުޅުން ހުރި އިންތިޒާމްތަަކަށް ބުރޫ ނާރާ، އަދި އަވަހަށް ވެކްސިން ފޯރުކޮށްދިނުމަށް މަގުފަހި ކޮށްދިނުމުގެ ގޮތުންނެވެ.
އެމެރިކާގައި ވެކްސިން ފޯރުކޮށްދިނުމަށް، ދުރާލާ މިފެށި ދަރުތުތަކަކީ، ވެކްސިން ޖެހުމުގެ ހުއްދަ ދިނުމާއެކު، ވެކްސިން މުޅި ދުނިޔެއަށް ފޯރުކޮށް ދޭން ޖެހޭނެތީ، މުޅި ދުނިޔޭގެވެސް ސަޕްލައި ޗޭނަށް ވަރަށް ބޮޑަށް ބުރުލެއް އަރާނެކަމަށް ބަލާ، ކުރިން ހަމަޖައްސަން ތައްޔާރު ކޮށްފައިވާ ސަޕްލައި ޗެއިން ލިންކްތަކުގެ ތެރޭގައި ހިމެނޭ އެއް ލިންކެވެ.
ވެކްސިން ތައްޔާރުކޮށް، ހުއްދަ ހޯދުމަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނަށް ހުށަހަޅާފައިވާ ފިޒާ ކުންފުނިންވެސް، ހުއްދަ ލިބުމާއެކު، ވެކްސިން އެކި ހިސާބުތަކަށް ފޯރުކޮށްދޭނެ ގޮތުގެ އެސްއޯޕީތައް މިހާރުވަނީ ތައްޔާރުކޮށް ނިންމާފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ގަޑުފެނުގައި ބަންދު ކޮށްގެ އުފުލަން ޖެހޭ، މި ވެކްސިންގެ ޝިޕްމަންޓުތައް ޑިއުޓްރިބިއުޝަން ސެންޓަރުތަކަށް ގެންދިއުމުގެ ހުއްދަ އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) އިން މިހާރުވަނީ ދީފައެވެ.
"އޮޕަރޭޝަން ރެޕް ސްޕީޑް (އެމެރިކާގައި ވެކްސިން އުފައްދާ އަދި ފޯރުކޮށް ދިނުމަށް ހިންގާ ޕްރޮގްރާ)އިން ވެކްސިން އުފައްދާ އަދި ފަރުވާތެރިކަމާ އެކީ ގާއިމް ކޮށްފައިވާ، ލޮޖިސްޓިކަލް އިންތިޒާމްތަކުގެ ނަތިޖާއެއްގެ ގޮތުން، ވެކްސިން އުފެއްދުމުގައި ފެނިގެން ދިޔަ އާދަޔާ ޚިލާފް އަވަސްމިނުގެ ސަބަބުން، އެފްއެއޭއިން މިހާރު ވަނީ މިވެކްސިންގެ ފުރަތަމަ ޝިޕްމަންޓު އުފުލުމުގައި އެހީތެރިވެދީ ވެދިނުމަށް ނިންމާފައި،" އެމެރިކާގެ އޭވިއޭޝަން އެޑްިމިނިސްޓްރޭޝަންއިން ނެރުނު ނޫސް ބަޔާނެއްގައި ހުކުރުދުވަހު ބުނެފައި ވެއެވެ.
އެމެރިކާގެ ވޯލް ސްޓްރީޓް ޖާނަލްގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި، ހުކުރު ދުވަހު ފަށާފައިވާ މި ޗާޓަރު ފްލައިތައް އޮޕަރޭޓް ކުރަމުން ދަނީ ބެލްޖިއަމްގެ ބްރަސަލްސްއާއި އެމެރިކާގެ ޗިކާގޯއާ ދެމެދުއެވެ. ޗިކާގޯއަކީ އެމެރިކާގެ އެކި ސްޓޭޓްތަކަށް ވެކްސިން ފޯރުކޮށް ދިނުމަށް ހަމަޖައްސާފައިވާ މައި ސެންޓަރެވެ.
ފިޒާ ކުންފުނިން ތައްޔާރު ކޮށްފައިވާ ވެކްސިން އެކިހިސާބު ތަކަށް ފޯރުކޮށް ދިނުމުގައި ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، މިވެކްސިން ރައްކާކޮށްފައި ބަހައްޓަން ޖެހެނީ އާދަޔާ ޚިލާފު ފިނީގައި ކަމަށް ވުމެވެ. ފިޒާ ކުންފުނިން ތައްޔާރު ކުރި މިވެކްސިން ބަހައްޓަން ޖެހެނީ 94- ޑިގްރީ ފެރެންހައިޓްގައެވެ.
އާންމު ގޮތެއްގައި މަތިންދާ ބޯޓުތަކުގައި ގަޑުފެން އުފުލެނީ ވަކި އަދަދަކަށެވެ. އެހެންނަމަވެސް، އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަންއިން ވަނީ ޔުނައިޓެޑް އެއަރލައިނަށް ކޮންމެ ދަތުރެއްގައިވެސް، 1،500 ޓަނުގެ ގަޑުފެން އުފުލުމުގެ ޚާއްސަ ހުއްދައެއް ދީފައެވެ.
ހަމަ އެއާއެކު، އިންގިރޭސި ވިލާތުގެ ނޭޝެނަލް ހެލްތު ސާވިސްގައި ހިމެނޭ ހޮސްޕިޓަލްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް، ޑިސެމްބަރ 7 ހާތާގައި ވެކްސިންތައް ލިބޭނެކަމަށް އިގިރޭސި ސަރުކާރުން މިހާރު އަންގާފައި ވާކަމަށް މީޑިއާ ރިޕޯޓުތައް ވަނީ ބުނަން ފަށާފައެވެ. ބެލެވޭ ގޮތުގައި، އިގިރޭސި ސަރުކާރުން ވެކްސިން ޖެހުމުގެ ހުއްދަ ދިނުމާއެކު އެންމެ ފުރަތަމަ ވެކްސިން ޖަހާނީ، ކުރީ ސަފުގައި މަސައްކަތް ކުރަމުންދާ ނަރުހުންނާއި، ޑޮކްޓަރުންނާއި، އަދި ހޮސްޕިޓަލްތަކުގެ އެނޫން މުވައްޒަފުންނަށެވެ.
ކޮމެންޓު ފޮނުވާ