ވ.ރަކީދޫގައި ޢުމުރުން 3 އަހަރުގެ އިބްތިހާލް މުޙައްމަދަށް އަނިޔާކޮށް މަރާލި މައްސަލާގައި ދައުވާ އުފުލާފައިވާ އެކުއްޖާގެ މަންމަ އާފިޔާ މުޙައްމަދުގެ މައްޗަށް އުފުލި ދެ ދައުވާގެ ޙުކުމް ކުރުން އަންނަ މަހަށް ފަސްކޮށްފިއެވެ.
2015 ވަނަ އަހަރުގެ ޖެނުއަރީމަހުގެ ތެރޭގައި ވ.ރަކީދޫގައި އާފިޔާގެ އަމިއްލަ ދަރިފުޅު، ޢުމުރުން 3 އަހަރުގެ މުހައްމަދު އިބްތިހާލަށް އެކި ދުވަސްތަކުގެމަތިން އަނިޔާކޮށް މަރާލި މައްސަލާގައި އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާއާއި ގަސްތުގައި ކުއްޖަކު މެރުމުގެ ދައުވާއެވެ. އެދައުވާތަކަށް އާފިޔާ ކުރިން އެއްބަސްވިއެވެ. ނަމަވެސް ފަހުން އޭނާ ވަނީ އެ ދަޢުވާތަކަށް އިންކާރުކޮށްފައެވެ. މިމައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓްގައި ނިންމާލާފައިވަނީ މިއަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައެވެ.
ޖިނާޢީ އިޖްރާޢަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާގޮތުގައި މައްސަލައެއްގެ އަޑުއެހުން ނިންމާލާތާ ގިނަވެގެން ދުވަހުގެ ތެރޭގައި އެމައްސަލައެއްގެ ޙުކުމް އިއްވަން ވާނެކަމަށެވެ.
މިމައްސަލާގައި ޙުކުމްކުރަން މިއަދުބޭއްވި ޝަރީޢަތުގައި ވަކީކަލާއެކު ޝަރީޢަތުގެ މަޖިލީހަށް ހާޒިރުވެ އިން އާފިޔާ ވަނީ ޤާނޫނީ ވަކީލެއްގެ އެހީތެރިކަމާއެކު މައްސަލާގައި ޖަވާބުދާރީވާން ބޭނުންވާކަމަށް ބުނެފައެވެ. މިއަދުގެ ޝަރީޢަތުގައި އާފިޔާގެ ދީފާޢީ ވަކީލަކަށް ހަމަޖައްސާފައިވާ އާމިނަތު ރުކުޝާނާ އިބްރާހީމް ވިދާޅުވީ، ހުލާސާ ބަޔާންުގެ ފަހުން ކުރިއަށްދާން ބޭނުންވަނީ ވަކީލަކާއެކުކަމަށް އާފިޔާ ބުނެފައިވާކަމަށެވެ. އަދި އާފިޔާ ބޭނުންވަނީ މައްސަލަ އިތުރަށް ދިރާސާކޮށް އޭނާގެ ފަރާތުން ޝަރީޢަތުގައި އެއްޗެއް ބުނުމަށްކަމަށެވެ. އަދި މައްސަލައިގެ ހުކުމުގެ ކުރިން ޤާނޫނީ ވަކީލަކު ހަމަޖެއްސުމަކީ ކޮންމެ މީހަކަށްވެސް ލިބިގެންވާ ހައްގެއްކަމަށާއި، އެހެންކަމުން ހުކުމް ފަސްކޮށް ދިނުމަށްފަހު މިހާތަނަށް މިކަމުގައި ހިނގާފައިވާ ކަންކަން ބަލާ ދިރާސާކުރުމަށް ފުރުޞަތެއް ދިނުމަށް އެދިވަޑައިގަތެވެ. އަދި ޙުކުމުގެ ކުރިން ޝަރީޢަތުގައި އާފިޔާގެ ފަރާތުން ވާހަކަ ދެއްކުމަށް ފުރުޞަތެއް ދިނުމަށްވެސް ވަކީލު އެދިވަޑައިގަތެވެ.
ދިފާޢީ ވަކީލުގެ އެ އެދިވަޑައިގަތުމަށް ދައުލަތުގެ ވަކީލުންވެސް އިޢުތިރާޒް ނުކުރެއެވެ. އެހެންކަމުން މައްސަލަ އިތުރަށް ދިރާސާކުރުމަށް10 ދުވަހުގެ މުހުލަތެއް ދިނުމަށް އާފިޔާގެ ދިފާޢީ ވަކީލު އެދިވަޑައިގަތެވެ. މައްސަލަ ބައްލަވާ ގާޒީ ވަނީ ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ބޭޏުންވޭތޯ އާފިޔާކުރެ ސުވާލު ކުރައްވާފައެވެ. ޖަވާބުގައ އާފިޔާ ވަނީ އެހީތެރިކަން ބޭނުންވާކަމަށް ބުނެފައެވެ.
އެހެންކަމުން ގާޒީ ވަނީ އާފިޔާއަށް ޤާނޫނީ ވަކީލަކާއެކު ޖަވާބުދާރީވުމަށް 10 ދުވަހުގެ މުހުލަތެއްދީ، އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ޙުކުމް އިއްވާނެކަން އިޢުލާންކުރައްވާފައެވެ. އާފިޔާގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގައިވެސް ހުކުމް އިއްވާނީ އެއްދުވަހެއްގައެވެ.
ޤާނޫނީ ވަކީލެއްގެ އެހީތެރިކަން އާފިޔާ ބޭނުންވާކަމަށް ބުނެފައިވާއިރު، މީގެ ކުރިން އާފިޔާ ވަނީ ޝަރީޢަތުގައި އިބްތިހާލު މަރާލިގޮތް ތަފްސީލްކޮށް ކިޔާދީ ކުށްތަކަށް އިއުތިރާފުވެފައެވެ. ނަމަވެސް ފަހުން އެ އިއުތިރާފު އަނބުރާ ގެންގޮސްފައި ވަނީ، އެ ދައުވާތަކަށް އޭނާ އެއްބަސްވީ ބިރުދެއްކުމުންކަމަށް ބުނެއެވެެ.
އިބްތިހާލުގެ މަރުގެ މައްސަލާގައި ޖެންޑަރ މިނިސްތްރީގެ ބައެއް މުވައްޒަފުންގެ މައްޗަށްވެސް ދައުލަތުން ދައުވާ އުފުލިއެވެ. އެމިނިސްޓްރީން އިބްތިހާލުގެ މައްސަލާގައި އިހުމާލުވެފައިވާކަމަށް ބުނެ އުފުލި ބައެއް ދައުވާތައް ކުރިއަށް ނުގެންދެވޭނެކަން ކޯޓުން ކަނޑައަޅާފައިވެއެވެ.
އާފިޔާގެ އިތުރު 2 ދަރިން ތިބޭއިރު، އެކުދިންނާ އިބްތިޙާލްއާ ތަފާތުކުރާކަން ޝަރީޢަތުގައި ނަގާފައިވާ ހެކިންގެ ހެކިބަހުންނާއ، އެރަށުގެ ބައެއް މީހުންގެ ވާހަކަތަކުން އެނގެއެވެ.
ކޮމެންޓު ފޮނުވާ