ކުންފުނީގެ ހުރިހާ އެސެޓެއް ވިއްކައިގެންވެސް ދަރަނި ނުދެއްކޭވަރަށް ފެނަކަ ވަނީ ދަރާފަ: އަމްރު

ކުންފުނީގެ ހުރިހާ އެސެޓެއް ވިއްކައިގެންވެސް ދަރަނި ނުދެއްކޭވަރަށް ފެނަކަ ވަނީ ދަރާފަ: އަމްރު

Author
ހުސެއިން
10 އޭޕްރިލް 2023 07:55
0

ފެނަކަ ކުންފުނީގެ ހުރިހާ އެސެޓެއް ވިއްކައިގެންވެސް ކުންފުނީގެ ދަރަނި ނުދެއްކޭވަރަށް އެކުންފުނި ދަރަނިވެރި ވެފައިވާކަމަށް، ދާދިަފހުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަމުން ވަކިކުރި ހުސެއިން އަމްރު ވިދާޅު ވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ލ. އަތޮޅު ގަމުގައި ހުންނަ ފެނަކަ ކޯޕަރޭޝަންގެ އިންޖީނުގެއިން ޑިސަލް ހުސްވެގެން އެރަށުން ކަރަންޓު ކެނޑުމާއި ގުޅޭގޮތުން ކުރެއްވި ޓުވީޓެއްގައެވެ.

އަމްރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، އިންޖީނުގެއަކުން ޑިސަލް ހުސްވެގެން ރަށަކުން ކަރަންޓު ކެނޑުމަކީ މީގެކުރިން ރާއްޖޭގައި ހިނގާފައި އޮތް ކަމެއް ނޫން ކަމަށާއި، ފެނަކައިގެ ހިންގުން ދޯދިޔާވެ އެތަން ވަނީ ބޮއްސުން ލާފައި ކަމުގައެވެ.

އޭނާ ވިދާޅުވީ ފެނަކައިގެ ދަރަނި އަތް ނުފޯރާ ފަށަށް މަތިވެފައިވާއިރު، މިއީ ދައުލަތުގެ އެއްވެސް މުވައްސަސާއަކަށް ހައްލު ހޯދާ ދެވިފައިވާ މައްސަލައެއްވެސް ނޫންކަމުގައެވެ.

ފެނަކައިގެ ދަރަނި އިންތިހާއަށް މަތިވެފައިވާކަމަށް އަމުރު ވިދާޅުވެފައިވާއިރު، ފެނަކަ ކޯޕަރޭޝަނުން ކުދި އަދި މެދުފަންތީގެ ގިނަ ވިޔަފާރިތަކަށް ދައްކާންޖެހޭ ފައިސާ އެކުންފުނިން ނުދައްކައިގެން ގިނަ ކުންފުނިތަކުން ދަނީ ޝަކުވާކުރަމުންނެވެ.

އަދި އެކުންފުނީގެ އިސް ބައެއް ވެރިންގެ މައްޗަށް ފާއިތުވެދިޔަ ތަނުގައިވަނީ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއްވެސް ކުރެވިގެން ގޮސްފައެވެ. މިގޮތުން ފެނަކަ ކޯޕަރޭޝަންގެ އެމްޑީ އަހުމަދު ސައީދުގެ މައްޗަށް ކޮށްފައިވާ 27 ކޮރަޕްޝަންގެ ތުހުމަތުތަކާއި ގުޅުންހުރި މައްސަލަތަކުގެ ތެރެއިން 18 މައްސަލައެއް އަދިވެސް ތަހުގީގު ކުރަމުން ދާކަމުގައި އޭސީސީން މީގެކުރިން ވަނީ ބުނެފައެވެ.

މިގޮތުން މިމައްސަލަތައް މިހާތަނަށް ކުރިޔަށް ގޮސްފައިވާކަމަށް އޭސީސީން ހާމަ ކޮށްފައިވާ މައުލޫމާތު ތިރީގައި މިވަނީއެވެ.

  1. ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ގުޅޭގޮތުން 2020 ސެޕްޓެމްބަރު 7ގައި 27 މައްސަލައެއް އޭސީސީއަށް ހުށަހަޅާފައި ވާކަން
  2. ހުށަހެޅި މައްސަލަތަކުގެ ތެރެއިން:
    • 2 މައްސަލައެއް ކޮމިޝަންގެ މެންޑޭޓުގެ ތެރޭގައި ނުހިމެނޭތީ ކަމާއި ގުޅުންހުރި އިދާރާތަކަށް ވަނީ ފޮނުވާފައެވެ.
    • 1 މައްސަލަ ތަހުގީގު ނުކުރުމަށް ނިންމާފައި ވެއެވެ.
    • މިހާތަނަށް ނިމިފައިވަނީ 6 މައްސަލައެކެވެ.
    • 18 މައްސަލައެއް މިވަގުތު ދަނީ ތަހުގީގު ކުރެވެމުންނެވެ.

އޭސީސީން ހާމަ ކޮށްފައިވާ މި މައުލޫމާތުތަކުގެ ތެރޭގައި ހިމެނޭ، މިހާތަނަށް ނިންމާފައިވާ މައްސަލަތަކުގެ ތެރޭގައި ހިމެނޭ 6 މައްސަލާގައި އެ ކޮމިޝަނުން ނިންމާފައިވާ ގޮތެއް މިހާތަނަށް މިޑިއާއަށް ހާމަ ކޮށްފައެއް ނުވެއެވެ.

ފެނަކަ ކޯޕަރޭޝަން މެދުވެރިކޮށް ހިންގާ ކޮރަޕްޝަންގެ އަމަލުތައް ނުހުއްޓުވައިފި ނަމަ ދައުލަތަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމަށް ބުނެ އެ ކުންފުނީގެ މުވައްޒަފުންތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހެޅި 28 މައްސަލައިގެ ތެރެއިން 22 މައްސަލަ ތަހުގީގު ކުރަން ނިންމައިފައިވަނީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

ފެނަކަ ކޯޕަރޭޝަންގައި ހިންގާފައިވާ ކަމަށްބުނާ ކޮރަޕްޝަންގެ މި 28 މައްސަލަ އޭސީސިއަށް އެ ކުންފުނީގެ މުވައްޒަފުންތަކެއް ހުށަހެޅިއިރު، މި މައްސަލަތަކުގެ ގިނަގުނަ ތަފްސީލަތައްވެސް ހިމަނާގައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.