ވެރިކަން ކުރާ މައި ޕާޓީގެ އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުގައި ހަރަކާތްތެރިވާ ރައީސް ނަޝީދު އިސްކޮށް ހުންނަވައިގެން އުފެއްދި ފިކުރެއްގެ ދިރުމުގެ މެމްބަރުންނާއިމެދު ފިޔަވަޅު އެޅުމަށް ޕާލިމަންޓްރީ ގްރޫޕްގެ ބައްދަލުވުމެއް މިއަދު ބޭއްވުމަށް ނިންމައިފިއެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ބައެއް މެމްބަރުން "ފިކުރެެއްގެ ދިރުން" ނަމުގައި ވަކި ޕާލިމެންޓްރީ ގްރޫޕެއް އުފައްދައި ހަރަކާތްތެރިވާތީ، އެ މެމްބަރުންނާ މެދު ފިޔަވަޅު އަޅައިދިނުމަށް އެދުނީ ޕާލިމެންޓްރީ ގްރޫޕްގައި އެ ގްރޫޕްގެ ޗީފް ވިޕް ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣުނީއެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމަށް އެޑްރެސް ކުރައްވައި، މެމްބަރު މުޣުނީ ފޮނުއްވި ސިޓީއެއްގައި ބުނެފައިވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ދެކޮޅަށް އެކި ގަރާރުތައް ހުށަހަޅައި، ކޮމިޓީތަކުގައި ވެސް އެ ރޫހުގައި އެެމެމްބަރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ނަޝީދު ފެކްޝަންގައި ބައިވެރިވާ ބައެއް މެމްބަރުންނަކީ، އެމްޑީޕީގެ ފަރާތުން ކޮމިޓީތަކަށް ހަމަޖައްސާފައިވާ މެމްބަރުން ކަމަށާއި ބައެއް މެމްބަރުން ކޮމިޓީތަކުގެ މުގައްރިރުގެ މަގާމުގައި ވެސް ތިއްބެވި ކަމަށް މުޣުނީ ވިދާޅުވިއެވެ.
އެމްޑީޕީގެ ޕީޖީ ގްރޫޕުގެ މެމްބަރަކު ވިދާޅުވީ މިމައްސަލާގައި ފިޔަވަޅު އެޅުމާއި ގުޅޭ ގަރާރެެއް ޕީޖީ ގުރޫޕަށް ހުށައަޅާފައިވާ ކަމަށެވެ. އެމައްސަލައާއި މެދު މަޝްވަރާކުރުމަށް ޕީޖީ ގުރޫޕްގެ ބައްދަލުވުމެއް މިއަދު ބޭއްވުމަށް ތާވަލްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މިކަމާއި ގުޅޭގޮތުން މަޝްވަރާ ކުރމަށްފަހު އެމެމްބަރުންނާއިމެދު އަޅާނެ ފިޔަވަޅެއް ސާފުވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް ނަޝީދަށް ތާއީދުކުރާ ފިކުރެއްގެ ދިރުމުން ގެންދަނީ ވަކި ޕީޖީ ގްރޫޕެއް ހަދައި، ބައްދަލުވުންތައް ބާއްވައި، މަޖިލީހުގައި ހިނގާ އެކި ކަންކަމާއި ގުޅޭގޮތުން މަޝްވަރާވެސް ކުރަމުންނެވެ.
އެމްޑީޕީގެ އެތެރޭގެ ރިޔާސީ ޕްރައިމަރީ ރައީސް ސޯލިހު ކާމިޔާބު ކުރެއްވި ފަހުން އެ ޕްރައިމަރީގައި ނާކާމިޔާބުވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން ނިންމާފައިވަނީ ރައީސް ސޯލިހަށް ތާއީދު ކުރުމުގެ ބަދަލުގައި ވަކި ފެކްޝަނެއް ގޮތުގައި މަސައްކަތް ކުރުމަށެވެ. އެ ގޮތުން ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމަށް ތާއީދު ކުރުމަށް ވެސް އެ ފެކްޝަނުން ނިންމާފައިވެއެވެ.