ފެންބޮޑުވީ ސްޓޯމް ވޯޓާ ސިސްޓަމްގެ ޕަމްޕުތައް އޮން ނުކޮށް ބެހެއްޓުމުން: މުއިއްޒު

ފެންބޮޑުވީ ސްޓޯމް ވޯޓާ ސިސްޓަމްގެ ޕަމްޕުތައް އޮން ނުކޮށް ބެހެއްޓުމުން: މުއިއްޒު

Author
މުޙައްމަދު ޝަޒައިމް
01 އޭޕްރިލް 2023 12:07
0

މިއަދު ހެނދުނު މާލެއަށް ކުރި ވިއްސާރައިގައި ބޯކޮށް ވާރޭވެހި، ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެފައިވަނީ ސްޓޯމް ވޯޓާ ސިސްޓަމް ބަލަހައްޓާ ފަރާތްތަކުން ޕަމްޕުތައް ސްވިޗް އޮން ނުކޮށް ބެހެއްޓުމުން ކަމުގައި މާލެ ސިޓީ ކައުންސިލުގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހެނދުނު 6:30 ހާއިރު މާލެއަށް ގުގުރުމާއެކު ބޯކޮށް ވާރެވެހުމުގެ ސަަބަބުން މާފަންނާއި ހެންވޭރުގެ ބައެއް ސަރަހައްދުތަކުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ. އަދި މަގުމަތީގައި ފެންބޮޑުވުމުގެ ސަބަބުން ބައެއް ގޭގެއަށްވެސް ވަނީ ފެން ވަދެފައެވެ. މީގެއިތުރުން ބައެއް ސަރަހައްދުތަކުގައި ވެހިކަލްތައް ދުއްވުމަށް ދަތިވާވަރަށް ވަނީ ފެންބޮޑުވެފައެވެ.

މިކަމާއި ގުޅިގެން މުއިއްޒު ވިދާޅުވީ މާލޭގެ ސްޓޯމް ވޯޓާ ސިސްޓަމް ބަލަހައްޓާ ފަރާތްތަކުން ޕަމްޕުތައް ސްވިޗް އޮން ނުކޮށް ގިނަ އިރުތަކެއް ވެގެން ދިއުމަކީ ދެރަ ކަމެއްކަމަށެވެ. އަދި ހަމަ މިއާއިއެކު މާލޭގެ މަގުތައް ހެދުމަށް ސިޓީ ކައުންސިލުން ކުރިއަށް ގެންދާ މަޝްރޫޢުވެސް އަނބުރާ ގެންދިއުމުގެ ސަބަބުން މާލޭގެ މަގުތައްވެސް ވަނީ ނުހެދިފައިކަމަށް މުއިއްޒު ވިދާޅުވިއެވެ.

ސްޓޯމް ވޯޓާ ސިސްޓަމް ބަލަހައްޓާ ފަރާތްތަކުން ޕަމްޕުތައް ސްވިޗް އޮން ނުކޮށް ގިނަ އިރުތަކެއް ވެގެން ދިއުމަކީ ދެރަ ކަމެއް. އަދި ކިރިޔާ ޕަމްޕުތައް ޖެއްސީ! މާލޭގެ މަގުތައް ހަދަން ސިޓީ ކައުންސިލުން ކުރިޔަށް ގެންދާ މަޝްރޫޢުވެސް އަނބުރާ ގެންދިއުމުގެ ސަބަބުން މަގުތައްވަނީ ނުހެދިފަ.

– މާލެ ސިޓީގެ މޭޔަރު ޑރ.މުއިއްޒު ވިދާޅުވިއެވެ.

މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން އެމްއެންޑީއެފްއިން ވަނީ ފެން ހިންދުމުގެ މަސައްކަތްވެސްކޮށްފައެެވެ. މޫސުމާބެހޭ ޤައުމީ އިދާރާއިން މިހާރު ވަނީ މާލެ އަތޮޅާއި ވ.އަތޮޅަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް ވައިޓް އެލާޓްވެސް ނެރެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.