ސިނާއީ ދާއިރާގައި މިހާރު ހުރި މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ފަރުމާ ކުރެވިފައިވާ ތިލަފުށި މާސްޓަރޕްލޭނާއި އެއްގޮތަށް ތިލަފުއްޓާއި ގުޅީފަޅުގެ ބިން ހިއްކައި އެ ސަރަހައްދު ތަރައްގީކުރަމުން އަންނަ އިރު، މިކަމުގައި ދިމާވާދަތިތަކަށް ހައްލު ހޯދުމަށް އެޗްޑީސީން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، އުސޫލެއް އެކުލަވާލައި ގެޒެޓުކޮށްފިއެވެ.
އެޗްޑީސީން ބުނެފައިވަނީ، މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ އަކީ ގުޅީފަޅުގެ ބިން ހިއްކައި އެ ސަރަހައްދު ތަރައްގީކުރަމުން އަންނައިރު، އެ ސަރަހައްދުގެ ފަޅު ތެރެއަށް ގިނަ އަދަދެއްގެ އުޅަނދުތަކެއް ދޫކޮށްލާފައިވުން ކަމުގައެވެ. މިކަމުގެ ސަބަބުން މާސްޓާ ޕްލޭނާ އެއްގޮތަށް ތަރައްގީގެ މަސައްކަތް ކުރިއަށްގެންދިއުމަށް އަންނަނީ ހުރަސް އެޅެމުންދާކަމަށާއި، އެ ސަރަހައްދުގެ ތިމާވެއްޓަށް ވެސް މިކަމުގެ ސަބަބުން އެތައް ގެއްލުމެއް ވަމުން އަންނަ ކަމުގައިވެސް އެޗްޑީސީން ބުނެފައި ވެއެވެ.
މި ގޮތުން، މި މައްސަލަ ހައްލުކުރުމަށް އުސޫލެއް އެކުލަވާލައި، ގެޒެޓު ކުރި ތާރީޚުން ފެށިގެން މި އުސޫލަށް އަމަލުކުރަން ފެށުމަށް ވަނީ ހަމަޖެހިފައެވެ.
އެޗްޑީސީން ގެޒެޓް ކޮށްފައިވާ އުސޫލުގައިވާ ބައެއް މުހިންމު ކަންކަން:
އާންމުކޮށްފައިވާ އުސޫލުގައި ވާނީ އެ ސަރަހައްދުގައިވާ އުޅަނދަކީ ދޫކޮށްލާފައިވާ އުޅަނދެއްތޯ ކަނޑައެޅުމަށް ބަލާނެ ކަންތައްތަކެއް ބަޔާންކޮށްފައެވެ. އޭގެ ތެރޭގައި އެ އެއްޗެއް އޮތް ތަނާއި، އޭގެ ސަބަބުން އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކަށް ވާ އުނދަގޫ އަދި ތިމާވެއްޓަށް ލިބޭ ގެއްލުމަށް ވެސް ބެލޭނެއެވެ. މި ނޫން ވެސް އެއީ ދޫކޮށްލާފައިވާ އެއްޗެއްތޯ ބަލާ ޔަގީންކުރާނެ ގޮތްތައް އާންމުކޮށްފައިވާ އުސޫލުގައި ބަޔާންކޮށްފައި ވެއެވެ.
މިގޮތަށް ދޫކޮށްލާފައިވާ އުޅަނދުތަކުގެ ތެރެއިން އޭގެ ސަބަބުން ނުރައްކާތެރި ހާދިސާއެއް ހިނގާފާނެ ނުވަތަ ތިމާވެއްޓަށް ނޭދެވޭ އަސަރެއް ކުރާ އެއްޗެއް ނަމަ އެޗްޑީސީން އެ އުޅަނދު ވަގުތުން ނަގައި އެހެން ސަރަހައްދަކަށް ގެންދާނެކަމަށްވެސް އުސޫލުގައި ބަޔާން ކޮށްފައި ވެއެވެ.
އަދި އެ ސަރަހައްދުގައި އޮތް އުޅަނދަކީ ދޫކޮށްލާފައިވާ އެއްޗަކަށް ވީނަމަވެސް އެ އުޅަނދު އެތަނުގައި ބާއްވަން ވަކި މުއްދަތެއް އެޗްޑީސީން ދޭނެއެވެ. އެގޮތުން އޭގެ ވެރިފަރާތް ޔަގީންވާ ނަމަ އެ އެއްޗެއްގެ ހާލަތުގެ ގޮތުން 7 ދުވަހާއި 30 ދުވަހު މުއްދަތެއް ދިނުމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ. އެހެންނަމަވެސް، އެ އުޅަނދަކީ އޭގެ ވެރިފަރާތް ނޭނގޭ އެއްޗެއް ނަމަ ހޯދަން މަސައްކަތްކުރުމާއި، ވެރިޔަކު ނެތް ތަކެއްޗާއި މެދު އަމަލުކުރުމަށް އެޗްޑީސީއަށް ބާރުލިބިފައިވާ ގޮތް ވެސް އުސޫލުގައި ތަފްސީލްކޮށްދީފައި ވެއެވެ.
އެޗްޑީސީން ބުނެފައިވަނީ، މިގޮތަށް ދޫކޮށްލާފައިވާ އުޅަނދުތަކުގެ ސަބަބުން މިހާރު ވެސް ތިމާވެއްޓަށް ބޮޑެތި ނޭދެވޭ އަސަރުކުރަމުން އަންނަ އިރު، އުޅަނދުތައް ހުރިގޮތުގެ ސަބަބުން އެތަކެއްޗަށް ވެސް އެކިވަރުގެ ގެއްލުން ވުމުގެ ފުރުސަތު އޮތް ކަމުގައެވެ. އަދި އެފަދަ ގެއްލުންތަކަކަށް އެ ކޯޕަރޭޝަނުން ޒިންމާ ނުވާނެކަމަށްވެސް ބުނެފައި ވެއެވެ.