އެސްޓީއޯގެ އެމްޑީގެ މަގާމުގައި ހުންނެވި ހުސެން އަމުރު މިއަދު މަގާމުން ދުރު ކުރުމާއި ގުޅިގެން އެކުންފުނި ވަގުތީގޮތުން ހިންގުން ސީއެފްއޯ މުހައްމަދު ނިޒާމްއާއި ހަވާލު ކޮށްފިއެވެ.
އެސްޓީއޯއިން ހާމަ ކޮށްފައިވާ ގޮތުގައި އެކުންފުނީގެ އެމްޑީ އަދި ސީއީއޯގެ މަމާމުގައި ހުންނެވި ހުސެއިން އަމުރު މިއަދުވަނީ މަގާމުން ވަކި ކޮށްފައެވެ. މިގޮތުން އެކުންފުނި ވަގުތީގޮތުން ހިންގުން ސިއެފްއޯ ނިޒާމްއާއި ހަވާލު ކުރުމަށް ޕީސީބީން ނިންމާފައި ވުމާއެކު، އެކުންފުނީގެ ބޯޑުގެ ބައްދަލުވުމެއް ބާއްވާ، އެ ބަދަލު ގެނައުމަށް ނިންމާފައިވާކަމަށް އެސްޓީއޯއިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
އެސްޓީއޯގެ ބަޔާނުގައި ބުނެފައިވަނީ އެކުންފުނީގެ އެމްޑީ އަދި ސީއީއޯގެ މަގާމުގައި ހުންނަވާ އަމްރު ކުންފުންޏަށް ކޮށްދެއްވި ޚިދުމަތްތަކަށް ޝުކުރު އަދާކުރާކަމުގައެވެ. އަދި ކުންފުނީގެ ތަސައްވުރުގައި ސާބިތުވެ، ވިޔަފާރީގައި ކުރިއެރުން ހޯދުމަށް އެކުންފުނިން މަސައްކަތް ކުރަމުންދާނެ ކަމުގައިވެސް ބަޔާނުގައި ބުނެފައިވެއެވެ.
އަމްރު އެސްޓީއޯގެ އެމްޑީ އަދި ސީއީއޯގެ މަގާމުން ވަކި ކޮށްފައިވާއިރު، އޭނާ ވަނީ އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ދެފެކްޝަންގެ ތެރެއިން ނަޝީދު ފެކްޝަންގައި އިސްކޮށް މަސައްކަތް ކުރަން ފަށާފައެވެ.
މިގޮތުން ދާދިފަހުން އޭނާވަނީ ފިކުރެއްގެ ދިރުން ސިޔާސީ ހަރާކާތުގެ ފަރާތުން، ނަޝީދުގެ މަންދޫބެއްގެ ގޮތުގައި ޖުމުހޫރީ ޕާޓީއާވެސް ބައްދަލު ކޮށްފައެވެ.
ސަރުކާރުގެ މަތީ މަގާމެއްގައި ހުންނަވައިގެން، އެމްޑީޕީގެ ފާއިތުވެދިޔަ ރިޔާސީ ޕްރައިމަރީން ފެށިގެން ސަރުކާރާ ދެކޮޅަށް އޭނާ ފާޅުގައި މަސައްކަތް ކުރާން ފެށުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުން އަމްރަށް އަމާޒު ވެފައި ވެއެވެ.
ކޮމެންޓު ފޮނުވާ