ފިރިހެން މެންބަރުން މަޖިލީހުގެ ތަޅުމުން ނެރުމަށް ފިރިހެން އޮފިސަރުން ހަމަޖެއްސުމަށް މަޖިލީހުގެ ގަވާއިދު އިސްލާހުކުރަން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި އިސްލާހު މަޖިލީހަށް ބަލައިގެންފިއެވެ.
ރޮޒައިން ހުށަހެޅުއްވި އިސްލާހު މަޖިލީހުން ބަލައިގެންފައިވަނީ 44 މެންބަރުންގެ ވޯޓުންނެވެ. ވަކިކޮޅަކަށް ވޯޓު ނުދެއްވާ ދެ މެންބަރަކު ތިއްބެވިއެވެ. މި ގަރާރު މަޖިލީހަށް ބަލައިގަތުމުން ދިރާސާކުރުމަށް އާންމު ކޮމިޓީއަށް ވަނީ ފޮނުވާފައެވެ. ރޮޒައިނާ ހުށަހެޅުއްވީ މަޖިލީހުގެ މާލަމުން ފިރިހެން މެންބަރުން ނެރުމަށް ފިރިހެން އިންޓާނަލް ސެކިއުރިޓީ އޮފިސަރުން ހަރަކާތްތެރިވުމަށާއި އަންހެން މެންބަރުން ނެރުމަށް އަންހެން އިންޓާނަލް ސެކިއުރިޓީ އޮފިސަރުން ހަރަކާތްތެރިވާ ގޮތަށް ގަވާއިދު އިސްލާހު ކުރުމަށެވެ.
މި އިސްލާހު ހުށަހަޅާފައި މިވަނީ ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ފެބްރުއަރީ ހަވަނަ ދުވަހު ބޭއްވި ޖަލްސާގައި އިދިކޮޅު ފިރިހެން މެންބަރުން މަޖިލީހުގެ ނިޒާމު ގެއްލުވާލި ވަގުތު އެ މެންބަރުން ޗެމްބަރުން ނެރުމަށް އަންހެން ސެކިއުރިޓީ އޮފިސަރުން ހަރަކާތްތެރިވުމާ ގުޅިގެން އެ އޮފިސަރުންނަށް ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށެވެ.
އެ ޖަލްސާގައި އިދިކޮޅު ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމާއި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ޗެމްބަރުން ނެރުމުގައި ހަރަކާތްތެރިވީ އަންހެން އޮފިސަރުންނެވެ. ރޮޒައިނާ ވަނީ އަންހެން އޮފިސަރުންނަށް ސޯޝަލް މީޑިއާގައި ފުރައްސާރަކޮށް އަދި ފާޑުކިޔާތީ އެކަން ކުށްވެރިކުރައްވާފަ އެވެ.
ރޮޒައިނާ ވިދާޅުވީ ފުލުހުންނާއި ކަސްޓަމްސް އަދި އިމިގްރޭޝަން ފަދަ ތަންތަނުގައި އަންހެނުން ބަލާ ފާސްކުރުމުގައި ހަރަކާތްތެރިވަނީ އަންހެން އޮފިސަރުން ކަމަށާއި ފިރިހެނުން ބަލާފާސްކުރުމަށް ހަރަކާތްތެރިވަނީ ފިރިހެން އޮފިސަރުން ކަމަށެވެ.
ކޮމެންޓު ފޮނުވާ