މޯލްޑިވްސް ހާފް މެރަތަން 2023 ޕަވާޑް ބައި އެޗް.ޑީ.ސީ ބޭއްވުމަށް އެއްމެ ފަހުގެ ތައްޔާރީތައް ވަމުން ދާއިރު، މެރަތަންގައި ބައިވެރިވާ ފަރާތްތަކަށް ރޭސް ކިޓް ހަވާލު ކުރުމަށާއި، ދުޅަހެޔޮ ސިއްހަތާއި ބެހޭ ގިނަ މަޢުލޫމާތުތަކެއް ފޯރުކޮށްދިނުމަށް ބާއްވާ އެކްސްޕޯ މިއަދު ސިންތަޓިކް ޓްރެކްގައި ކުރިޔަށް ގެންދާގޮތަށް އެޗްޑީސީން ހަމަޖައްސައިފިއެވެ.
އެޗްޑީސީން ހާމަކޮށްފައިވާ ގޮތުގައި، މި އެކްސްޕޯގެ ތެރެއިން، މެރަތަންގައި ބައިވެރިވާ ފަރާތްތަކަށް ޑައިބެޓިކްސް އެސޯސިއޭޝަންގެ ފަރާތުން ހިލޭ ހެލްތު ސްކްރީނިންގް ހެދުމުގެ ފުރުޞަތު ވެސް ވަނީ ހުޅުވާލެވިފައެވެ. އަދި ހެލްތީ ލައިފް ސްޓައިލާއި ތިމާވެށި ރައްކާތެރި ކުރުމާއި ގުޅޭ ހާއްސަ ޕެނަލް ޑިސްކަޝަންތަކެއް ވެސް މި އެކްސްޕޯގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ސިންތަޓިކް ޓްރެކްގައި މި އެކްސްޕޯ ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދު ހެނދުނު 9:00 އިން ފަށައިގެން 11:00 ޖަހަން ދެން، އަދި 14:30 އިން ފެށިގެން 18:00 އާއި ހަމައަށެވެ.
މޯލްޑިވްސް ހާފް މެރަތަން ޕަވާޑް ބައި އެޗް.ޑީ.ސީގައި ހާފް މެރަތަން، 15 ކިލޯމީޓަރ، 10 ކިލޯމީޓަރ އަދި 5 ކިލޯމީޓަރގެ އިތުރުން 5 ކިލޯމީޓަރުގެ ވީލް ޗެއަރ ރޭހެއް ވެސް ކުރިއަށް ދާނެއެވެ. މި ވީލް ޗެއަރ ރޭހުގައި ޖުމްލަ 20 ބައިވެރިއަކު ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުންވެސް ކުޑަކުދިންނަށް ޙާއްސަ ރޭހާއި އިންލައިން ސްކޭޓިންގެ އެކި ދުރުމިނުގެ ރޭސްތައް ހިމެނިފައިވެއެވެ. މޯލްޑިވްސް ހާފް މެރަތަން 2023 ޕަވާޑް ބައި އެޗް.ޑީ.ސީގެ ހުރިހާ ރޭހެއް ވެސް ކުރިއަށް ދާނީ 11 މާރިޗު 2023 ވަނަ ދުވަހުއެވެ.