ރައީސް ނަޝީދު އިސްވެ ހުންނަވާ، އެމްޑީޕީގެ އެތެރޭގައި ހިންގަމުން ގެންދާ ފިކުރެއްގެ ދިރުން ސިޔާސީ ހަރަކާތުގެ އިސްބޭފުޅުންނާއި، ގާސިމް އިބުރާހިމްގެ އެޑްވައިޒަރު އިލްހާމް އަހުމަދު ހިމެނޭގޮތުން މިއަދު ރައްޔިތުންގެ މަޖިލީހުގައި މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންފައިވަނީ، އެމްޑީޕީގެ އެތެރޭގައި ވަކި ސިޔާސީ ހަރަކާތެއްގެ ގޮތުގައި ކުރިޔަށްދާ ފިކުރެއްގެ ދިރުން ސިޔާސީ ހަރަކާތުގެ ލީޑަރު، އަދި އެޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި، އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒުއާއި، ފިކުރެއްގެ ދިރުން ހަރަކާތުގެ އިސް ބޭފުޅުން ކަމުގައިވާ ހުޅުދޫ ދާއިރާގެ މެމްބަރުން އިލްޔާސް ލަބީބުއާއި، ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެމްބަރު ހަސަން ލަތީފެވެ.
މި ބައްދަލުވުމުގައި، ޖުމުހޫރ ޕާޓީގެ ލީޑަރު ގާސިމް އިބުރާހިމްގެ ފަރާތުން ބައިވެރިވެ ވަޑައިގެންފައިވަނީ، ގާސިމްގެ އެޑްވައިޒަރުކަމަށް ދާދިފަހުން އައްޔަން ކުރެއްވި، ކުރީގެ މަޖިލިސް މެމްބަރުން އިލްހާމް އަހުމަދުއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބައްދަލުވުމުގައި މަޝްވަރާ ކޮށްފައިވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އެކީގައި މަސައްކަތް ކުރުމާއި ގުޅޭގޮތުންނެވެ.
ޖުމުހޫރީ ޕާޓީގެ ފަރާތުން ފިކުރެއްގެ ދިރުން ސިޔާސީ ހަރަކާތުގެ އިސް ބޭފުޅުންނާއި ބައްދަލު ކޮށްފައިވާއިރު، އެޕާޓީން ދާދި ފަހުން ބޭއްވުނު ގައުމީ ކޮންފަރެންސްގެ ފެށުމުގެ ރަސްމިއްޔާތަށްވެސް އަދި ނިންމުމުގެ ރަސްމިއްޔާތަށްވެސް އެމްޑީޕީގެ ފަރާތުން ވަޑައިގެންފައިވަނީ އެޕާޓީގެ ރައީސް މުހައްމަދު ނަޝީދެވެ.
އަދި ގައުމީ ކޮންފަރެންސްގެ ނިންމުމުގެ ރަސްމިއްޔާތުގައި ގާސިމް އިބުރާހިމް ވަނީ، ނަޝީދަށް ވަރަށް ބޮޑަށް ތައުރީކޮށް ވާހަކަ ދައްކަވާ، މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވެސް ވިދާޅުވެފައެވެ.
ދާދިފަހުން ބޭއްވުނު، ޖުމުހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސްއިންވަނީ، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އެޕާޓީން ވާދަކުރުމަށް ތާއީދުކޮށް ގަރާރެއްވެސް ފާސް ކޮށްފައެވެ. އެހެންނަމަވެސް އެޕާޓީގެ ލީޑަރު ގާސިމް އިބުރާހިމް ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބާއި ގުޅޭގޮތުން ގޮތެއް ނިންމާނީ ޕާޓީގެ ކައުންސިލުން ކަމުގައެވެ.
ފާއިތުވި، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވެ ވަޑައިގެންނެވި، އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ސާލިހަށް ތާއީދު ނުކުރައްވާނެކަމަށް ވިދާޅުވެ، ރިޔާސީ އިންތިޚާބަށް ނިކުމެވަޑައިގަތުމަށް ގާސިމަށް ހިތްވަރު ދެއްވަމުންނެވެ.
ކޮމެންޓު ފޮނުވާ