ކުރީގެ ރައީސް މައުމޫން އިސްވެ ހުންނަވާ އުފައްދަވާފައިވާ މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ މެމްބަރުންގެ އަދަދު އަނެއްކާވެސް، ސިޔާސީ ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރި ވުމަށް ބޭނުންވާ ގާނޫނީ އަދަދު ކަމުގައިވާ 3،000 މެމްބަރުންނަށްވުރެ ދަށަށް ހިގައްޖެއެވެ.
މިކަން ހާމަ ވެފައިވަނީ، އިލެކްޝަން މިއަދު އާންމު ކޮށްފައިވާ، 2023 ފެބުރުވަރީ 21 ވީ އަންގާރަ ދުވަހުގެ ނިޔަލަށް ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮތުގައި ދަފްތަރު ކުރެވިފައިވާ އަދަދު ތަކުންނެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު އާންމު ކޮށްފައިވާ މައުލޫމާތުތަކުން އެގޭ ގޮތުގައި މިއަހަރުގެ ބަޖެޓް، ފާއިތުވެދިޔަ އަހަރުގެ ނޮބެމްބަރުމަހުގެ 28 ވަނަ ދުވަހު ފާސްކުރުމާއި ހަމައަށް އެމްއާރުއެމްގެ މެމްބަރުންގެ ގޮތުގައި ތިބީ 3،023 މީހުންނެވެ. އެހެންނަމަވެސް 31 ޑިސެމްބަރާއި ހަމައަށް ދިޔައިރު އެޕާޓީގެ މެމްބަރުންގެ އަދަދު އަނެއްކާވެސް، ސިޔާސީ ޕާޓީއެއް ހިންގުމަށް ބޭނުންވާ ގާނޫނީ އަދަދަށްވުރެ ދަށްވެ، 2،993 އަށް ވެއްޓިފައި ވެއެވެ.
2023 ފެބުރުވަރީ 21 ވީ އަންގާރަ ދުވަހުގެ ނިޔަލަށް ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮތުގައި ދަފްތަރު ކުރެވިފައިވާ އަދަދު @SecretariatMDA @MDPSecretariat @drpmaldives @AdhaalathOffice @Jumhooree_MV @ProgressPartyMV @MRM_Office @MNP_Secretariat @MTDSecretariat pic.twitter.com/JRYJ8KHlOX
— Elections Commission (@ElectionsMv) February 23, 2023
އިލެކްޝަންސް ކޮމިޝަނުން އާންމު ކޮށްފައިވާ ހިސާބުތައް ދައްކާ ގޮތުން، މިމަހުގެ 21 ވަނަ ދުވަހާއި ހަމައަށް އެމްއާރުއެމްގެ މެމްބަރުންގެ އަދަދު ދަށަށް ގޮސް، މިހާރު އެޕާޓީގެ މެމްބަރުންގެ ގޮތުގައި ތިބީ 2،981 މީހުންނެވެ.
އިލެކްޝަންސް ކޮމިޝަންގެ ދަފްތަރަށް ބަލާއިރު، 3،000 މެމްބަރުންނަށްވުރެ މަދުން މިހާރު މެމްބަރން ތިބި ޕާޓީތަކަކީ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެސްއެލްޕީ)އާއި ދިވެހިރައްޔިތުންގެ ޕާޓީ (ޑިއާރުޕީ) އެވެ. މީގެތެރެއިން ޑިއާރުޕީއަކީ އިލެކްޝަންސް ކޮމިޝަނުން މިހާރު އުވާލުމަށް ނިންމާ، އުވާލުމުގެ މަރުހަލާ ފަށާފައިވެސް ވާޕާޓީއެކެވެ.
ކުރީގެ ރައީސް މައުމޫން އުފައްދަވާ، އަދި އެމަނިކުފާނުގެ ދަރިކަރުން ފާރިސް މައުމުން ރައީސްކަން ކުރައްވަމުން ގެންދަވާ އެމްއާރުގެ މެމްބަރުންގެ އަދަދު، ޕަޓީ އުވި ނުދިއުމަށް ބޭނުންވާ ގާނޫނީ އަދަދަށްވުރެ ދަށަށް ދިއުމާއި ގުޅިގެން މީގެކުރިންވެސް އިލެކްޝަންސް ކޮމިޝަނުން، މެމްބަރުންގެ އަދަދު ހަމަ ކުރުމަށް އަންގާ އެޕާޓީއަށް ނޯޓިސްވެސް ފޮނުވާފައި ވެއެވެ.
އެފަހަރު މެމްބަރުންގެ އަދަދު ހަމަނުވާ ޕާޓީތަކަށް ނޯޓިސް ފޮނުވާ، އިލެކްޝަންސް ކޮމިޝަނުން ދިން މުއްދަތުގައި އެމްއަރުއެމްއިން 3،000 މެމްބަރުން ހަމަ ކޮށްފައި ވެއެވެ.
ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 11 ސިޔާސީ ޕާޓީއެއް އޮތްއިރު، އޭގެ ތެރެއިން ގިނައީ 10000 މެމްބަރުން ހަމަނުވާ ސިޔާސީ ޕާޓީތަކެވެ. ޤާނޫނުގައި ބުނާގޮތުން 3000 މެމްބަރުން ތިބި ކަމުގައިވާނަމަ އިލެކްޝަންސްގެ ދަފްތަރުގައި ޕާޓީ ހިމެނޭނެއެވެ. ނަމަވެސް ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޫކުރާ ފައިސާ ލިބެނީ 10000 މެމްބަރުން ހަމަވާ ޕާޓީތަކަށެވެ.
ކޮމެންޓު ފޮނުވާ