"ފިކުރެއްގެ ދިރުން" ގޮފީގެ ފަރާތުންވެސް ގާސިމާއި ބައްދަލު ކޮށްފި

"ފިކުރެއްގެ ދިރުން" ގޮފީގެ ފަރާތުންވެސް ގާސިމާއި ބައްދަލު ކޮށްފި

Author
ހުސެއިން
20 ފެބްރުއަރީ 2023 06:43
0

ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ އެތެރޭގައި، އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވަކި ސިޔާސީ ހަރަކާތެއްގެ ގޮތުގައި މިހާރު ކުރިޔަށް ގެންދަވާ "ފިކުރެއްގެ ދިރުން" ގޮފީގެ ފަރާތުން، ނަޝީދުގެ ދެ މަންދޫބަކު ޖުމުހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބުރާހިމްއާއި ބައްދަލު ކުރައްވައިފިއެވެ.

ގާސިމް އިބުރާހިމް ދިރިއުޅުއްވަމުން ގެންދަވާ ސަން އައިލެންޑް ރިސޯޓުގައި "ފިކުރެއްގެ ދިރުން" ގޮފީގެ ފަރާތުން ގާސިމްއާއި ބައްދަލު ކުރައްވާފައިވަނީ ކުރީގެ ގދ. މެމްބަރު މުހައްމަދު ރަޝާދު ހުސެންއާއި އަދި ކުރީގެ މަޑަވެލި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އެވެ.

މި ދެބޭފުޅުން ގާސިމްއާއި ބައްދަލު ކޮށްފައިވަނީ، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ގާސިމް އިބުރާހިމް ނިކުމެވަޑައިގަންނަވާނަމަ، ނަޝީދުގެ ތާއީދު ގާސިމަށް އޮތްކަން ކަށަވަރުކޮށްދީ، "ފިކުރެއްގެ ދިރުން" ޓީމާ ގާސިމްއާއެކު މަސައްކަތް ކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަތާ ކުރެއްވުމަށްކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

އެހެންނަމަވެސް، މިމަޝްވަރާތަކުން ވަކި ގޮތަކަށް އެއްބަސް ވެވިފައިވާކަމެއް އަދި ކަށަވަރު ކުރެވިފައެއް ނުވެއެވެ.

ނަޝީދުގެ ފަރާތުން ދެ ބަންދޫބަކު ގާސިމް އިބުރާހިމްއާއި ބައްދަލު ކޮށްފައިވާއިރު، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ޖުމުހޫރީ ޕާޓީއާއެކު ކޯލިޝަން ހެދުމަށްޓަކާ ރައީސް ސާލިހުގެ ފަރާތުންވެސް ދެ މަންދޫބަކު ވަނީ މި ހަފްތާގައި ގާސިމްއާއި ބައްދަލު ކޮށްފައެވެ.

އެބައްދަލުވުމަށްފަހު، ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވެފައިވަނީ، ރައީސް ސާލިހު ވާދަކުރައްވާނީ ކޯލިޝަންއަކާއެކު ކަމަށާއި، އަދި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނީވެސް އެއްބުރުން ކަމުގައެވެ.

ރައީސް ސާލިހުގެ ފަރާތުންނާއި އަދި ނަޝީދުގެ ފަރާތުންވެސް ގާސިމްއާއި ބައްދަލު ކޮށްފައިވާއިރު، ފާއިތުވެދިޔަ ހަފްތާފައި އެމްޑީޕީގެ ގައުމީ މަޖިލިހުންވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް އަމާޒުކޮށް ކޯލިޝަން ހެދުމަށް ކުރިޔަށް ގެންދާންޖެހޭ މަޝްވަރާތައް ކުރިޔަށް ގެންދިއުމުގެ ހުރިހާ ބާރެއް ރައީސް ސާލިހަށް ދީފައެވެ.

އަދި ރައީސް ސާލިހު ވިދާޅުވަމުން ގެންދަވަނީ 2023ގެ ރިޔާސީ އިންތިޚާބުގައިވެސް ވާދަކުރައްވާނީ ކޯލިޝަންއާކަމަށާއި، އެއްވެސް ސިޔާސީ ލީޑަރަކަށް އެ އިންތިޚާބު ގިނިކަންޏާ ކާމިޔާބު ނުކުރެއްވޭނެ ކަމުގައެވެ.

އެހެންނަމަވެސް ރާއްޖޭގެ ސިޔާސީ މަސްރަހުގެ އެއްވެސް ޕާޓީއަކުން އަދި މިހާތަނަށް ރައީސް ސާލިހާއެކީ ކޯލިޝަން ހަދާނޭކަމަށް އަދި ބުނެފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.