މާލޭ ސަރަހައްދުގައި އެކި ފަންތިތަކުގެ ބޯހިޔާވަހިކަން ޤާއިމު ކުރުމަށް އެޗް.ޑީ.ސީގެ ފަރާތުން ކުރިޔަށް ގެންދާ މަސައްކަތްތަކުގެ ތެރެއިން، މެދު އަދި މަތީ ފަންތީގެ ގެދޮރުވެރިކަމަށް ޙާއްޞަކޮށްގެން ގިނަ ޕްރޮޖެކްޓްތަކެއް ހުޅުމާލޭގައި ވަނީ މިހާރު ކުރިޔަށްދާ ކަމުގައި އެޗްޑީސީން ބުނެފިއެވެ. އެޗްޑީސީން ހާމަ ކޮށްފައިވާ ގޮތުގައި، މިގޮތުން، 22 ޕްރޮޖެކްޓެއް ހުޅުމާލޭގައި ކުރިއަށް ގެންދާއިރު، މީގެތެރޭގައި ޖުމްލަ 5،198 ޔުނިޓް ހިމެނެއެވެ.
އެޗްޑީސީން ބުނެފައިވާ ގޮތުގައި، ފާއިތުވެދާ ދެ އަހަރު ވެސް ގިނަ މިކްސްޑް ރެޒިޑެންޝަލް މަޝްރޫޢުތަކެއް ސޮއި ކުރެވި މަސައްކަތްތައް ވަނީ ފެށިފައެވެ.
އެޗްޑީސީން ބުނެފައިވަނީ، މިމަޝްރޫޢޫތަކާއެކު، ކުޑަ އަގުގައި އާންމުނަށް ބޯހިޔާވަހިކަން ލިބިގެންދާނެކަން ކަށަވަރުކުރުމަށްޓަކައި އެކުންފުނިން ދަމީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން އާއްމުކޮށް ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓެއް އަމިއްލަ ފަރާތްތަކަށް ދިނުމުގައި ގެންގުޅޭ އުޞޫލަށް ބަދަލުތަކެއް ގެނެވި، ކޮންމެ ޕްރޮޖެކްޓަކުންވެސް 60% ޔުނިޓް ވިއްކުމަށް ކަނޑައެޅޭ އެއްމެ ކުޑަ އަގަށް އިމަރާތްކުރާ ކުންފުނިން އުނި އިތުރު ނުގެނައުމަށް އެންގިފައިވާއިރު އިތުރު ފީއެއް ނުވަތަ އެޑް އޮންގެ ގޮތުގައި އެއްވެސް އިތުރު ފައިސާއެއް ނަގާނަމަ ޔުނިޓް ގަންނަ އާއްމު ފަރާތުގެ އެއްވެސް އިޢުތިރާޒެއް ނެތް ކަމުގެ ފޯމެއްގައި ސޮއިކުރުމަށް ކަނޑައަޅާފައިވާކަން އެޗްޑީސީން ފާހަގަ ކޮށްފައި ވެއެވެ.
މިގޮތަށް މިކަން ކުރުމުން ބައެއް ހާލަތްތަކުގައި އިތުރަށް އެޑްއޮންގެ ގޮތުގައި ނެގޭ ފައިސާ ނެގުން ހުއްޓުމަކަށް އައިސް އަތްފޯރާފަށުގައި ރަނގަޅު ފެންވަރުގެ ބޯހިޔާވަހަކަމުގެ ފުރުޞަތު އާއްމު ރައްޔިތުންނަށް ލިބިގެންދާނެ ކަމުގައިވެސް ގަބޫލުކުރާކަމަށްވެސް އެޗްޑީސީން ބުނެފައި ބެއެވެ.
އެޗްޑީސީން ހާމަކޮށްފައިވާ ގޮތުގައި، މި މަޝްރޫޢުތަކުގެ ތެރޭގައި އާރް.ސީ.ސީ އާއި ހަވާލު ކުރެވިގެން ހިންގޭ މަޝްރޫޢުގެ ދަށުން ޖުމްލަ 116 ޔުނިޓް ތަރައްޤީ ކުރެވިގެން ދާނެއެވެ. މިހާރު މި މަސައްކަތުގެ 50 ޕަސަންޓް ވަނީ ނިމިފައެވެ. އަދި ސާސެ ގްލަޓްއާއި ހަވާލު ކުރެވިގެން ތަރައްޤީ ކުރާ މިކްސް ރެޒިޑެންޝަލް ޕްރޮޖެކްޓްގެ ދަށުން 129 ޔުނިޓުގެ މަސައްކަތްތައް ވެސް ދަނީ ކުރެވެމުންނެވެ. މީގެ އިތުރުން، އެސް.ޖޭ ކޮންސްޓްރަކްޝަން އާ ހަވާލު ކުރެވުނު 105 ޔުނިޓް، ފެޑޯ އާއި ހަވާލު ކުރެވުނު 53 ޔުނިޓް އަދި ރެއިންބޯ މެގަ ޑިވެލޮޕާސް އާ ހަވާލުކުރެވިގެން ތަރައްޤީ ކުރާ 162 ހިމެނެއެވެ. މިގޮތުން ރެއިންބޯ މެގަ ޑިވެލޮޕާސް އާ ހަވާލުކޮށްގެން ތަރައްޤީ ކުރެވިގެންދާ މަޝްރޫޢުގެ 58 ޕަސަންޓް މަސައްކަތް މިހާރު ނިމިފައިވާކަމަށްވެސް އެޗްޑީސީން މައުލުމާތު ދީފައި ވެއެވެ.
އެޗްޑީސީން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، ހުޅުމާލެ އަކީ ހުރިހާ ފަންތިތަކެއްގެ ބޯހިޔާ ވަހިކަން ވެސް ހިމެނޭ ގޮތަށް ތަރައްޤީ ކުރެވިގެންދާ ރަށަކަށް ހެދުމަށް އެޗް.ޑީ.ސީން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބޮޑު ޕަސަންޓޭޖެއް މިހާރު ދަނީ ތާވަލާއި އެއްގޮތަށް ކުރެވެމުންނެވެ. އަދި ކުރިން ފަށާފައި އެކި ސަބަބުތަކާއި ހެދި ލަސްވެފައިވާ 4 މަޝްރޫޢުތަކުގެ މައްސަލަތައް ދެނެގަނެ، ހައްލު ހޯދައި ކޮންޓްރެކަޓަރުންނާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ.
މިގޮތުން އެންސިސް އާ ހަވާލުކޮށްގެން ތަރައްޤީ ކުރެވުނު 94 ޔުނިޓުގެ މަސައްކަތް މަޑު ޖެހިފައިވަނިކޮށް، ޕަރޮޖެކްޓް އަލުން ފަށާ މިހާރު އާއްމުންނަށް ފުލެޓަށް ބަދަލުވުމަށް ވަނީ ފުރުޞަތު ހުޅުވާލެވިފައިވާކަމަށް އެޗްޑީސީން ބުނެފައި ވެއެވެ. އޭގެ އިތުރުން، އެޗްޑީސީން ހާމަކޮށްފައިވާ ގޮތުގައި އެން.ޕީ.އެޗް އާ ހަވާލު ކޮށްގެން ތަރައްޤީ ކުރާ 129 ޔުނިޓްގެ މަސައްކަތް ވެސް ވަނީ 98 ޕަސަންޓް މިހާރުވަނީ ނިމިފައެވެ.