ޖޭއެސްސީ އިސްލާހު ނުކުރެވުނު ބަޔަކު ޝަރުއީ ދާއިރާގެ މިނިވަންކަމުގެ ވާހަކަ ނުދައްކާ: އުޝާމް

ޖޭއެސްސީ އިސްލާހު ނުކުރެވުނު ބަޔަކު ޝަރުއީ ދާއިރާގެ މިނިވަންކަމުގެ ވާހަކަ ނުދައްކާ: އުޝާމް

Author
މުޙައްމަދު ޝަޒައިމް
10 ފެބްރުއަރީ 2023 08:20
0

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިސްލާހު ނުކުރެވުނު ބަޔަކު ޝަރުއީ ދާއިރާގެ މިނިވަންކަމުގެ ވާހަކަ ނުދެއްކުން މާ ރަނގަޅު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ "ޤަޟާއީ އަހަރު 2023″ އިފްތިތާޙް ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ރައީސް ޞާލިހު ދެއްކެވި ވާހަކަތަކަށް އަމާޒުކޮށް ކުރެއްވި ޓުވީޓެއްގައެވެ. ޖުޑީޝަލް އަހަރު ފެށުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ޝަރުއީ ދާއިރާ މިހާރު ހިނގަމުން ދަނީ އެއްވެސް ނުފޫޒެއް ނެތި މިނިވަންކަމާ އެކު ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުންގެ އިތުބާރު ޝަރުއީ ދާއިރާ އަށް ލިބެމުން އަންނަ ކަމަށެވެ.

ރައީސްގެ ވާހަކަތަކަށް އަމާޒުކޮށް އުޝާމް ވިދާޅުވީ ވެރިކަމުގެ ހަތަރު އަހަރު ނިމި ފަސް ވަނަ އަހަރަކާއި ކުރިމަތި ލާފައިވާއިރު، ޖޭއެސްސީ އިސްލާހު ކޮށްލަން ސަރުކާރުން ބޭނުން ނުވިކަމަށެވެ. ޖޭއެސްސީ އިސްލާހު ނުކޮށް ޖުޑީޝަރީގެ މިނިވަންކަމުގެ ވާހަކަ ދެއްކުން ލަދުވެތިކަމަށް މެމްބަރު އުޝާމް ވިދާޅުވިއެވެ.

ކުރިން ތިބި ފަނޑިޔާރުން ބޭރުކޮށްފަ، މިސަރުކާރުން ބޭނުން ބަޔަކު ކޯޓުތަކަށް އައްޔަންކުރުމަކީ ޝަރުއީ ދާއިރާ މިނިވަންވުމެއްނޫން. 4 އަހަރުވެގެން ދިޔައިރު ވައުދުވިގޮތަށް JSC އެކުލެވިގެންވާ ގޮތް ބަދަލުކޮށްލަން ނުކެރުނު ބަޔަކު ޝަރުއީ ދާއިރާގެ މިނިވަންކަމުގެ ވާހަކަ ނުދެއްކުން ރަގަޅުވާނީ.

– އުޝާމް ވިދާޅުވިއެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރަން ހުށަހަޅާނެ މޮޑެލްތަކެއް އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ހާމަކޮށްފައެވެ. އެމޮޑެލްތައް ހާމަކުރީ ޝަރުޢީ ދާއިރާ އިޞްލާޙުކުރުމުގެ މަސައްކަތުގެ ތެރެއިން، ޖޭއެސްސީ އެކުލެވިގެންވާ ގޮތް އިޞްލާޙުކުރުމަށްޓަކައި ސަރުކާރުން ފަށާފައިވާ މަސައްކަތުގައި މިހާތަނަށް ކުރިއަށްގެންދެވުނު މަޝްވަރާއާއި، ކަމާގުޅޭގޮތުން ކުރެވުނު ދިރާސާގެ އަލީގައި "ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް އިޞްލާޙުކުރުން" މި ނަމުގައި އެކުލަވާލާފައިވާ ކަރުދާހުގައެވެ.

އާއްމު ކުރި ކަރުދާހުގައި ހުރި މޮޑެލްތަކަށް ބަލާއިރު ގިނަ މޮޑެލްތަކުގައި ހުރީ ޖޭއެސްސީގައި ފަނޑިޔާރުން ތިބޭ އަދަދު އިތުރު ކުރާށެވެ. ޖޭއެސްސީއަށް އުއްތަމަ ފަނޑިޔާރު އައްޔަން ކުރަންށާއި އެކޮމިޝަންގެ ރައީސް އަށް އުއްތަމަ ފަނޑިޔާރު ހުންނަވާ ގޮތައް ހަދަން ވެސް މަޝްވަރާކުރެވި މޮޑެލްތަކެއް ތައްޔާރު ކުރެވިފައި ވެއެވެ.

އާއްމުކުރި ކަރުދާހުގައި ބުނެފައިވާ ގޮތުގައި ޖޭއެސްސީ އަށް ގެންނާނެ ބަދަލުތަކާއި ގުޅޭ ގޮތުން ގާނޫނީ ވަކީލުންނާއިއެކު ބޭއްވި ބައްދަލުވުމުގައި ވަކީލުން ވަނީ ރައްޔިތުންގެ މަޖިލީހަކީ ޖުޑީޝަލް ސަރވިސް ކޮމިޝަނު ގައި ތަމްސީލުވާންޖެހޭ ބާރެއް ނޫންކަމަށް ފާހަގަ ކުރައްވާފައި ކަމަށެވެ. ސަބަބަކީ ރައްޔިތުންގެ މަޖިލީހުން ޢައްޔަންކުރާ މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނަކާމެދު ރައްޔިތުންގެ އިތުބާރު ކުޑަވާތީއާއި، އެ ކޮމިޝަންގެ މަސައްކަތާ ގުޅޭގޮތުން އެ ކޮމިޝަނުން ޖަވާބުދާރީވާންޖެހޭނީ ރައްޔިތުންގެ މަޖިލީހަށް ކަމުގައިވާތީ ކަމަށް ވެސް ކަރުދާހުގައި ބުނެފައި ވެއެވެ.

އާއްމުކުރި ކަރުދާހުގައި ބުނެފައި ވަނީ %91 އިންސައްތަ މީހުން ޖޭއެސްސީ އިސްލާހު ކުރަން ބޭނުންވާ ކަމަށް ދިރާސާއަކުން ދައްކާފައިވާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އޭ.އެން
އުޝާމު ޖުޑިޝަރީ ބޯކިބާ އޮތްގޮތަ ސަރުކާރަނަގާފަ ސަރުކާރުގެ ބޯކިބާ ހަތަރުބައިކުޅަ ތިންބައި ޢާއިލާޔާއި ގާތްތިމާގެމީހުނަ ބަހާލީމަ އެއޮތީ %100 އޯކޭއިނޫން؟