އިތުރުވަމުންދާ އާބާދީއާއެކު ހުޅުމާލޭގެ ޕާކު ކުރުމުގެ މައްސަލަތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން ހުޅުމާލޭގައި ސްމާޓް ޕާކިންގ ތައާރަފު ކުރުމަށް ތައްޔާރު ވަމުންދާ ކަމުގައި އެޗްޑީސީން ބުނެފިއެވެ.
އެޗްޑީސީން ހާމަ ކޮށްފައިވާ ގޮތުގައި، ދިވެހިރާއްޖޭގައި މުޅިން އަލަށް ތަޢާރަފުކުރާ ސްމާޓް ޕާކިންގެ ސަބަބުން ޕާކު ކުރުމުގެ މައްސަލަތަކަށް އިންގިލާބީ ހެޔޮ ބަދަލުތަކެއް އަންނާނެއެވެ.
މިގޮތުން އެޗްޑީސީން ބުނެފައިވަނީ، މިވަގުތު ޕައިލެޓް ޕްރޮޖެކްޓެއް ގޮތަށް ކުރިއަށް ގެންދިމަށް ހަމަޖެހިފައިވާ ސްމާޓް ޕާކިން ސޮލިއުޝަން ޓެސްޓު ކުރުމުގެ މަސައްކަތް ހުޅުމާލޭގެ ފެރީ ޓާމިނަލް ސަރަހައްދުގައިވާ ފިތުރޯނު ޕާކިން ޒޯނުގައި ކުރިޔަށް ދާކަމުގައެވެ.
އެޗްޑީސީން ހާމަ ކޮށްފައިވާ ގޮތުގައި، ސްމާޓް ޕާކިންގގައި ޕާކިން ޖާގަ ރިޒާވް ކޮށްގެން ޕާކު ކުރަން އަންނަ ކާރުތަކުގެ ނަމްބަރ ޕްލޭޓްތައް ކެމެރާއެއް މެދުވެރިކޮށް ރީޑްވެގެން ހުޅުވޭ އޮޓޯ ބޫމް ގޭޓެއް ސްމާޓް ޕާކިން ޒޯންގައި ހަރު ކުރެވިފައި ވާނެއެވެ. އަދި ޕާކު ކުރާ އުޅަނދުތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ސީސީޓީވީ ކެމެރާވެސް މި ޕާކިން ޒޯންގައި ހަރުކުރެވިފައި ހުންނާނެއެވެ. އޭގެ އިތުރުން، ޒޯންގެ އެތެރޭގައިވާ ޕާކިން ޖާގަތައް ފެންނަގޮތަށް ހުންނަ ޑިޖިޓަލް ބޯޑެއް ޒޯންގެ ބޭރުގައި ހަރުކުރެވިފައި ހުންނާނެއެވެ. ހަމަ އެކަނި ކާރު ޕާކިންގއަށް ކަނޑައެޅިފައިވާ މި ސްމާޓް ޕާކިންގ ޒޯންގައި ކުރު މުއްދަތަށް ޕާކު ކުރަން އަދި ދިގު މުއްދަތަށް ޕާކު ކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ޖާގަ ތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ޖާގަތައް ހުންނާނެ ކަމަށްވެސް އެޗްޑީސީން ބުނެފައި ވެއެވެ.
އެޗްޑީސީން މައުލޫމާތު ދީފައިވާ ގޮތުގައި، ޕާކު ކުރުމުގެ ކަންކަން ލުއިފަސޭހަކުރުމަށްޓަކައި ޕާކިން އެޕްލިކޭޝަނެއް ތައްޔާރު ކުރުމުގެ މަސައްކަތްވެސް ދަނީ އެކުންފުނިން ދަނީ ކުރަމުންނެވެ. އަދި މި އެޕްލިކޭޝަނަކީ ޕާކު ކުރުމުގެ މައްސަލަތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ލުއި ފަސޭހަ ވެގެންދާނެ ކަމަށްވެސް އެޗްޑީސީން ބުނެއެވެ.
އައިއޯއެސް އަދި އެންޑްރޮއިޑް ޑިވައިސް ތަކުގައި ބޭނުން ކުރެވޭ މި އެޕް ބޭނުން ކުރާ ފަރާތްތަކަށް ސްމާޓް ޕާކިން ޒޯންގައި ހުންނަ ހުސް ޕާކިން ޖާގަތައް، އަދި ޕާކު ކުރެވޭ އަގުތައް ވަގުތުން ފެންނަން ހުންނާނެއެވެ. އަދި ފަސޭހަކަމާއެކު އެޕް މެދުވެރިކޮށް ޖާގަ ރިޒާވްކޮށް ފައިސާ ދައްކާލެވޭނެއެވެ. އޭގެ އިތުރުން، ޕާކިން ޖާގަ ހުސްވުމުން ނޮޓިފިކޭޝަންތަކާ، ޕާކިން ޖާގަޔާ ހަމަޔަށް ނެވިގޭޓުކޮށްދިނުމާ، ބޭނުން ކުރާ ފަރާތުގެ ޕްރޮފައިލް ވެސް މި އެޕް ގެ ޒަރީއާއިން ފެންނާނެއެވެ.
ހުޅުމާލޭ ޕާރކިންގެ އިންތިޒާމްތައް ހަމަޖައްސާ، އަދި ކުރިމަތިވާ މައްސަލަތައް ހައްލުކުރުމަށް އެޗް.ޑީ.ސީން އަންނަނީ ތަފާތު ގިނަ މަސައްކަތްތައް ކުރަމުންނެވެ. މިގޮތުން ދާދި ފަހުން އެކުންފުނިން ވަނީ ކާރު، އަދި ބަރު އުޅަނދު ފަހަރަށް ހާއްސަކޮށްގެން ޕާކު ކުރާނެ ޖާގަ ތަކެއް ހުޅުމާލޭގެ އެކި ސަރަހައްދު ތަކުން ދޫކޮށްފައެވެ.
އާބާދީއާއެކު އިތުރުވަމުންދާ ވެހިކަލްތައް ޕާކު ކުރުމަކީ ރާއްޖޭގެ ބިންކުޑަ ތަންތަނުގައި ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެކެވެ. ހާއްސަކޮށް މާލެ އަދި ހުޅުމާލޭގައި ޕާކު ކުރުން ވަނީ ވަރަށްވެސް އުނދަގޫ ކަމަކަށް ވެފައެވެ.