އެމެރިކާގެ އިންތިޚާބީ ރައީސް ޖޯ ބައިޑްން

ދުނިޔޭގެ އެންމެ ބާރުގަދަ މަގާމުގެ އިންތިގާލީ މަރުހަލާ ކުރިޔަށް ދާނީ ކިހިނެއް؟

ދުނިޔޭގެ އެންމެ ބާރުގަދަ މަގާމުގެ އިންތިގާލީ މަރުހަލާ ކުރިޔަށް ދާނީ ކިހިނެއް؟

ގުޅުންހުރި

އެމެރިކާގެ ރިޔާސީ އިންތިޚާބު ނިމި، މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރަސްމީކޮށް ބަލި ގަބޫލު ކޮށްފައި ނުވިނަމަވެސް، ޖޯބައިޑް ވަނީ އިންތިޚާބު ކާމިޔާބު ވެއްޖެކަން އިއުލާން ކުރައްވާފައެވެ. އަދި ވެރިކަން ބަދަލުވުމުގެ މަރުހަލާ ފެށުމަށް އެއްބާރުލުން ނުދެއްވާ ހުންނެވުމަށްފަހު، ޓަރަމްޕް މިހަފަތާގައި ވަނީ، އިންތިޚާބުގެ ސައްހަކަމާމެދު ސުވާލު އުފައްދަވާ އަދި، އިންތިޚާބުގެ ނަތީޖާ ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތްތައް ކުރިތަށް ގެންދަވަމުންވެސް، ވެރިކަން ބަދަލުވުމުގެ ގޮތުން ކުރިޔަށް ދާންޖެހޭ އިންތިގާލީ އިންތިޒާމްތަކަށް މިހާރު ފުރުސަތު ދެއްވާފައެވެ.ހަމަ އެއާއެކު ސަރުކާރު ބަދަލުވުމުގެ މަރުހަލާ މިހާރު އެމެރިކާގައި ދަނީ ފެށިގެން ކުރިޔަށެވެ.

މިގޮތުން ތިރީގައި މި އަލި އަޅުވާލަނީ، މިމަރުހަލާގައި އެމެރިކާގައި ކަން ހިގާނެ ގޮތުގެ ބައެއް ތަފްސީލު ތަކަށެވެ.

އިންތިގާލީ މަރުހަލާއަކީ ކޮބާ؟

އެމެރިކާގައި ވެރިކަން ބަދަލުވުމުގެ އިންތިގާލީ މަރުހަލާ އަކީ، އިންތިޚާބީ ރައީސް ހުވާ ކުރައްވާ ދުވަހުން ފެށިގެން، ސަރުކާރުގެ ހިގުން އާންމު އުސޫލުން ހިގަމުންދާނެކަން ޔަގީން ކުރުމުގެ ގޮތުން، ކުރިޔަށް އޮތް ސަރުކާރު ހިންގުމަށް ވައިޓްހައުސްއަށް ވަންނަވާ މުވަޒަފުންނަށް މަސައްކަތް ކުރެވޭނެ ހުރިހާ އިންތިޒާމްތަކެއް ހަމަޖައްސާ، އާ ރައީސް ހުވާކުރުމުގެ ކުރިން ވެރިކަމުގެ ބާރުތައް ނަގުލު ކުރުމަށްޓަކާ އެމެރިކާގެ ސަރުކާރުގެ ތެރޭގައި ހަމަޖައްސަން ޖެހޭ އިންތިޒާމުތަކެވެ.

މިގޮތުން އަންނަ ކޮންމެ ސަރުކާރަކަށްވެސް މިއިންތިޒާމަތަކުގައި އެހީތެރި ވެދޭނެ މުވައްސަސާއަކީ ޖެނެރަލް ސާވިސް އެޑްމިނިސްޓްރޭޝަން (ޖީއެސްއޭ) އެވެ. މި އޭޖެންސީއިން، އަންނަން އޮތް ސަރުކާރަށް ކުރަންޖެހޭ ޚަރަދުތައް ހަމަޖައްސާދީ، އޮފީސް ޖާގައާއި، ތަކެއްޗާއި އަދި ބޭނުންވާ ޓެކްނޮލޮޖީގެ ވަސީލަތްތައް ހަމަޖައްސަ ދޭނެއެވެ.

އެމެރިކާގެ ޖެނެރަލް އެޑްމިނިސްޓްރޭޝަން އޮފީސް ހިންގާ އިމާރާތް

އިންތިގާލީގެ މުއްދަތު އާންމު ގޮތެއްގައި ދެމިއޮންނަނީ 11 ހަފްތާގެ މުއްދަތަކަށެވެ. އެއީ، އިންތިޚާބުގެ ވޯޓުލާ، ކާމިޔާބު ކުރާ ކޭޑިޑޭޓަކު ޔަގީންވާ ދުވަހުން ފެށިގެން އާރައީސް ހުވާ ކުރައްވާ ދުވަސް ކަމުގައިވާ ޖެނުއަރީ 20 ވަނަ ދުވަހާ ހަަމައަށެވެ.

އިންތިގާލީ މަރުހަލާގައި ވަޒީފާ ހަމަޖެހިގެންދަނީ ހަމައެކަނި ހުވާ ކުރައްވާ ރައީސަށް އެކަންޏެއް ނޫނެވެ. އެމެރިކާގެ ސެންޓަރ ފޯރ ޕްރެޒިޑެންޝަލް ޓްރާންސިޝައިން ހާމަ ކޮށްފައިވާ ގޮތުގައި، ދައުރެއް ނިމި އާދައުރެއް ފެށިގެންދާއިރު، 4000 ސިޔާސީ މުވައްޒަފުންނަށް އެމެރިކާގައި ވަޒީފާ ހަަޖެހިގެން ދެއެވެ.

އިންތިގާލީ މަރުހަލާގައި ކަން ހިގަނީ ކިހިނެއް؟

އިންތިގާލީ މަރުހަލާގެ ދުވަސްވަރު، މައިގަޑު 3 ކަމެއް ހިގަމުންދާނެއެވެ. އެއީ، ކުރިޔަށް އޮތް ސަރުކާރުގައި މަސައްކަތް ކުރާނެ މުވައްޒަފުން ނެގުމާއި، މުވައްޒަފުންނަށް ބްރީފިންތައް ދެމުން ގެންދިއުމާއި އަދި މީގެ އިތުރުން އިންތިޚާބީ ރައީސްގެ ޝެޑިއުލްތަކާއި އިންތިޒާމްތައް ހަމަޖައްސަމުން ގެންދިއުމެވެ.

ސަރުކާރުގެ ތެރޭގައި ކަންކަން އާ ސަރުކާރާ ހަވާލްކުރުމުގެ މަައްކަތް ރަސްމީކޮށް ފެށުމާއެކު، މިހުރިހާ ކާމެއްގެ ޒިންމާ އުފުލަމުން ދާނީ އިންތިޚާބީ ރައީސްގެ އިންތިގާލީ ޓީމުންނެވެ. މިޓީމަކީ ކެމްޕޭންގެ ދުވަސްވަރުން ފެށިގެންވެސް މިކަމަށް ތައްޔާރުވަމުން އަންނަ ޓީމެކެވެ.

އިންތިގާލީ މަރުހަލާގައި ހިގާ ކަންކަމުގެ ތެރެއިން އެންމެ މުހިންމު ކަމަކީ، އިންތިޚާބީ ރައީސަށް ކޮންމެ ދުވަހަކުވެސް އަރުވަމުން ގެންދާނެ ސެކިއުރިޓީ ބްރީފިންއެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާ މައިގަޑު ހުރިހާ ކެޑިޑޭޓުންނަށްވެސް، ގައުމީ ސަލާމަތާއި ގުޅުން ހުރި މައުލޫމާތު އިންތިޚާބުގެ ކުރިންވެސް ކޮންމެވެސް ވަރަކަށް ލިބެމުންދާނެއެވެ. އެހެންނަމަވެސް، ރިޔާސީ ކެޑިޑޭޓަށް މިމައުލޫމާތު ލިބިލައްވާނީ އިންތިޚާބީ ރައީސަށް ލިބިލައްވާހާ ފުރިހަމަކޮށް އަދި އަވަސް މިނުގައެއްވެސް ނޫނެވެ.

އެމެރިކާގެ އިންތިޚާބީ ރައީސް ޖޯ ބައިޑްއަށް މިހާރު، އެމެރިކާގް ގައުމީ ސަލާމަތާ ގުޅުންހުރި ސިއްރު މައުލޫމާތު ދުވަހުން ދުވަހަށް ލިބިވަޑައިގަންނަވަމުން ދާނެއެވެ. މީގެ ބޭނުމަކީ އަންނަން އޮތް ސަރުކާރު، އިންތިގާލީ މަރުހަލާގައި ކުރިމަތިވެދާނެ ކޮންމެ ގޮންޖެހުމަކަށްވެސް ތަޔާރަށް އޮތުމެވެ.

2001 ވަނަ އަހަރުގެ ސެޕްޓެމްބަރު 11 ގައި އެމެރިކާއަށް ދެވުނު ޓެރަރިސްޓު ހަމަލާ ތަހުގީގު ކުރުމަށް އުފެއްދި ކޮމިޝަންއިން އެކުލަވާލި ތަހުގީގް ރިޕޯޓުން ފާހަގަ ކޮށްފައިވާގޮތުގައި 2000 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބުގައި ބުޝް އިންތިޚާބު ކާމިޔާބު ކުރުމާއި ގުޅިގެން އުފެދުނު ޚިޔާލު ތަފާތުވުންތަކުގެ ތެރެއިން އިންތިގާލީ މަރުހަލާ ނުފެށި ލަސްވެގެން ދިޔަ ދިއުން، ސެޕްޓެމްބަރު 11ގެ ހަމަލާ އެމެރިކާއަށް އަމާޒުވެގެން ދިއުމުގައި ކޮންމެވެސް ވަރެއްގެ ދައުރެއް އަދާކޮށްފައި ވެއެވެ.

2000 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށްފަހު، ފްލޮރިޑާގެ ވޯޓު ގުނުން ކަށަވަރު ނުކުރެވިގެން އިންތިގާލީ މަރުހަލާ ފެށުން ލަސްވެފައިވޭ

އިންތިގާލީ މަރުހަލާގައި، އަންނަން އޮތް ސަރުކާރުގައި މަސައްކަތް ކުރާނެ މުވައްޒަފުންނަށް ވަގުތީ ގޮތުން އޮފީސް ޖާގަ މިހާރުގެ ސަރުކާރުން ހަމަޖައްސާ ދޭނެއެވެ. އަދި މީގެ އިތުރުންވެސް، މުވައްޒަފުން ހަމަޖެއްސުމަށްޓަކާ އިދާރާތަކާއި އެކީ ބާއްވަންޖެހޭ ބައްދަލުވުންތައް ހަޖައްސާ ދިނުމާއި، ޕޮލިސީތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގައި އަލަށް ވަޒީފާއަށް އައުމަށް ތަޔާރު ވަމުންދާ މުވައްޒަފުން މިހާރުގެ މުވައްޒަފުންނާއެކު އެއް އޮފީހެއްގައި މަސައްކަތް ކުރަމުން ދާނެއެވެ.

ބައިޑްން މިހާރުވަނީ އޭނާގެ ސަރުކާރުގެ މުހިންމު މަގާމްތަކަށް މީހުން ހަމަޖައްސަވަން ފައްޓަވާފައެވެ. އެހެންނަމަވެސް، ކޮންމެ އޭޖެންސީއަކަށްވެސް އައްޔައްވާ އެންމެ އިސްބޭފުޅެއްގެ އަސްލު ޒިންމާތައް ކަޑައެޅިގެންދާނީ އިންތިގާލީ މަރުހަލާގެ ތެރެއިންނެވެ.

ކުރިޔަށް އޮތް ސަރުކާރުގައި މަސައްކަތް ކުރާނެ 4000 ސިޔާސީ މުވައްޒަފުންގެ ތެރެއިން 1200 މުވައްޒަފުންނަކީ، އެމެރިކާގެ ސެނެޓުން ރުހުން ލިބެންޖެހޭ މުވައްޒަފުންނެވެ. އިންތިގާލީ މަރުހަލާގެ ތެރޭގައި، މިހުރިހާ މުވައްޒަފުންފެ ވަނަވަރުތައް އެމެރިކާގެ ސަރުކާރުން އެގައުމުގެ ސެނެޓަށް ހުށަހަޅާނެއެވެ.

މިއަހަރަކީ ކޯވިޑް19 ކާރިސާ އެމެރިކާއަށް ކުރިމަތިވެފައި އޮތް އަހަރު ކަމަށް ވުމާއިއެކު، ބައިޑްންވަނީ، އިންތިގާލީ މަރުހަލާގައި އެމެރިކާގެ ސިއްޙީ ދާއިރާގެ މުވައްޒަފުންނާއި ވަރަށް ގާތުން މަސައްކަތް ކުރައްވަން ބޭނުންފުޅު ވާކަމަށް ވިދާޅުވެފައެވެ.

ކޯވިޑް19 އެޑްވައިޒަރީ ކޮމިޓީއެއް އުފައްދަވާފައިވި ނަމަވެސް، ބައިޑްން ވިދާޅުވަމުން ގެންދަވަނީ، ކޯވިން19 އާއި ގުލުންހުރި މުހިންމު މައުލޫމާތުތައް އަދިވެސް ލިބިވަޑައިގެންފައި ނުވާކަމަށް

އިންތިޚާބީ ރައީސް ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލު ކުރެއްވުމާއި އަދި މީގެ އިތުރުން، އިންތިޣާލީ މަރުހަލާގައި ދުނިޔޭގެ ގައުމުތަކުގެ ވެރީންނާއި ކުރައްވަންޖެހޭ ފޯން ކޯލްތައް އިންތިޒާމުގެ ކަންކަމުގައި އިންތިގާލީ ޓީމުން ކޯޑިނޭޓް ކުރައްވަމުން ގެންދަވާނީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓާއެވެ.

މިހާތަނަށް މިހުރިހާ މުއާމަލާތުތަކެއް ބައިޑްންގެ ޓީމުން ކުރައްމުން ގެންދިޔައީ އަމިއްލަ ޗެނެލްތައް ބޭނުން ކޮށްގެންނެވެ. އެހެންނަމަވެސް މިހާރު އެގައުމުގެ ޖީއެސްއޭއިން އިންތިގާލީ މަރުހަލާ ރަސްމީކޮށް ފަށާފައިވާތީ، މިހާރު ބައިޑްންގެ ޓީމަށް ވާނީ ސަރުކާރުގެ ރަސްމީ އީމެއިލްތަކާއި އަދި ރައްކާތެރި އެނޫން ވަސީލަތްތައްވެސް ހިންގަންޖެހޭ މުއާމަލާތުތައް ހިންގުމަށްޓަކާ ލިބިފައެވެ.

މީގެ ކުރީގެ އިންތިޚާބުތަކުގައި، އިންތިޚާބީ ރައީސަށާއި އަދި އަބިކަބަލުންނަށް ވައިޓްހައުސް ދައްކާލުމުގެ ގޮތުން ޚާއްސަ ދައުވަތެއް ދެވެއެވެ. އަދި މިދައްކާލުމުގައި އިންތިޚާބީ ރައީސާއި އަބިކަބަލުންނަށް ވައިޓްހައުސް ޑެކަރޭޓް ކުރުމަށް ބޭނުންފުޅުވާ ގޮތްތައް ވިދާޅުވުމަށް ފުރުސަތު ލިބިވަޑައިގަންނަވާނެއެވެ.

އިންތިޚާލީ މަރުހަލާގެ ޚަރަދުތައް

އިންތިގާލީ މަރުހަލާގަ ހިގާ ޚަރަދުތައް ކުރެވިގެންދާނީ، އެކަމަށްޓަކާ ސަރުކާރުން ހަމަޖައްސާ ބަޖެޓުންނާއި އަދި މީގެއިތުރުން އަމިއްލަ ފަރާތްތަކުން ވެދެއްވާ އެހީތެރިކަމާ އެކުގައެވެ.

އެމެރިކާގެ ޖީއެސްއޭއިން އިންތިޚާބީ ރައީސް ގަބޫލުކޮށް އިންތިގާލީ މަރުހަލާ ފެށުމުގެ ދައުވަތު އިންތިޚާބީ ރައީސަށް ދިނުމާއެކު، އެމެރިކާ ސަރުކާރުން 7 މިލިއަން ޑޮލަރުގެ ބަޖެޓެއް މިމަސައްކަތަށް ދޫކުރާނެއެވެ.

އާންމު ގޮތެއްގައި މި ބަޖެޓަށްވުރެ އިތުރުވާ ޚަރަދުތައް ހިގާނީ، ކެމްޕޭނަށް އިންތިޚާބީ ރައީސް ހޯއްދެވި ފައިސާގެ ތެރެއިންނެވެ.

ނިއުޔޯކް ޓައިމްސްއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ބައިޑްންވަނީ އޭނާގެ އިންތިގާލީ އިންތިޒާމްތަކަށް 7 މިލިއަން ޑޮލަރު، ނޮވެމްބަރު މަހުގެ ކުރީކޮޅު ހޯއްދަވާފައެވެ. އަދި އޭގެފަހުންވެސް، ތާއީދު ކުރާ ފަރާތްތަކުން އިންތިގާލީ އިންތިޒާމްތަކަށް އެހީތެރިކަން ފޯރުކޮދިނުމަށް ބައިޑްންވަނީ އެދިވަޑައިގެންފައެވެ.

މިހުރިހާ ފައިސާއެއް ޚަރަދު ވާނީ، އިންތިޚާބީ ރައީސްގެ އިންތިގާލީ ޓީމުން ކުރަމުންގެންދާ އެތައް މިލިއަނަ ޑޮލަރުގެ ބިލްތައް ދެއްކުމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ