ހައުސިންގ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ ޕާސްޕޯޓް ހިފެހެއްޓުމާ ގުޅިގެން އޭނާގެ ފަރާތުން ހުށަހެޅި އިސްތިއުނާފު މައްސަލަ ބަލައިގަތުމަށް ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން މިއަދު ނިންމައިފިއެވެ.
މިދިޔަ އަހަރު ކްރިމިނަލް ކޯޓުގެ އަމުރަކާ ގުޅިގެން އަކްރަމްގެ ޕާސްޕޯޓް ހިފެހެއްޓިފައިވަނީ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ގޯއްޗާއި ފްލެޓް ދޫކުރުމުގެ މައްސަލަތަކާ ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރިއަށްގެންދާ ތަޙުޤީޤަކާ ގުޅިގެންނެވެ.
އަކްރަމްގެ ފަރާތުން މި މައްސަލަ އިސްތިއުނާފުކުރުމުން ފުރަތަމަ ހައިކޯޓުން ނިންމާފައިވަނީ މައްސަލަ ބަލައިނުގަތުމަށެވެ. ނަމަވެސް އެ ނިންމުން އަކްރަމްގެ ފަރާތުން ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުން، މަޖިލީހުގެ ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން މައްސަލަ ބަލައިގަތުމަށް ނިންމައިފައިވެއެވެ.
މި މައްސަލައިގައި އަކްރަމްގެ އިތުރުން ހައުސިންގ މިނިސްޓްރީގެ ކުރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރު މުޙައްމަދު އާރިފް، ކުރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރު ލިރުޝާން ވަޙީދު އަދި ޑިރެކްޓަރ ޖެނެރަލް އަޙްމަދު ވިޝާން ނަސީމްގެ ޕާސްޕޯޓްތައްވެސް ހިފަހައްޓާފައިވެއެވެ.
ފްލެޓްތަކާއި ގޯތިތައް ދޫކުރުމަށް އުފައްދާފައިވާ ޚާއްޞަ ކޮމިޓީގައި އިސްކޮށް ހަރަކާތްތެރިވެފައިވަނީ އަކްރަމާއި އާރިފްއެވެ. ކުރީގެ ސަރުކާރުން ތަޢާރަފުކުރި ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމަކީ ތަފާތު ކޮރަޕްޝަންގެ ޢަމަލުތަކާ ގުޅިފައިވާ ސްކީމެއްކަމަށް ތުހުމަތުކުރެވޭ ޙާލު، މި މައްސަލަ ކުރިއަށް ދާނެ ގޮތަކާމެދު ދިވެހިންގެ ސަމާލުކަން އިތުރުވަމުން އެބަދެއެވެ.
ކޮމެންޓު ފޮނުވާ