އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ނިއުޔޯކަށް ޒިޔާރަތް ކޮށްފިނަމަ، ބައިނަލްއަޤުވާމީ ޖިނާއީ ކޯޓު (އައިސީސީ) ން ނެރެފައިވާ ހައްޔަރީ އަމުރު ތަންފީޒު ކުރެވިދާނެ ގޮތަކާމެދު މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް ނިއުޔޯކުގެ މޭޔަރު ޒޮހްރާން މަމްދާނީ ވިދާޅުވެއްޖެއެވެ.
ނިއުޔޯކް ޓައިމްސް އަށް ދެއްވި އިންޓަވިއުއެއްގައި މަމްދާނީ ވިދާޅުވީ، ނިއުޔޯކް ސިޓީގެ ޤާނޫނުން ހުއްދަކުރާ ކޮންމެ ކަމެއް ކުރައްވާނެ ކަމަށާއި، ނަމަވެސް އެކަމަށްޓަކައި ވަކި ޚާއްޞަ ޤާނޫނެއް ނުހައްދަވާނެ ކަމަށެވެ. އޭނާ ސިފަކުރެއްވި ގޮތުގައި ނަތަންޔާހޫ އަކީ އައިސީސީން ދައުވާ އުފުލާފައިވާ ހަނގުރާމަވެރި ކުށްވެރިއެކެވެ.
އައިސީސީން ނަތަންޔާހޫ ހައްޔަރު ކުރުމަށް އަމުރު ނެރެފައި ވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޣައްޒާގައި ހިންގާފައިވާ ގަތުލުއާންމާއި ގުޅިގެންނެވެ. މި ޤަޟިއްޔާގައި އިސްރާއީލުގެ އިސް ވެރިންނާއި ހަމާސްގެ ވެރިޔާގެ މައްޗަށް ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގުމުގެ ތުހުމަތު ކޮށްފައި ވެއެވެ.
މި މައްސަލައިގައި ސަމާލުކަން ލިބިފައި ވަނީ، އަންނަ ސެޕްޓެމްބަރު މަހު ނިއުޔޯކުގައި ބޭއްވުމަށް ހަމަޖެހިފައިވާ އދ.ގެ ޢާންމު މަޖިލީހުގެ ބައްދަލުވުމަށް ނަތަންޔާހޫ ވަޑައިގަންނަވާނެ ކަމަށް ބެލެވޭތީއެވެ. އެހެންނަމަވެސް، އައިސީސީން ނަތަންޔާހޫއާ ދެކޮޅަށް ނެރެފައިވާ އަމުރަށް އެމެރިކާއިން ދެކޮޅު ހަދާފައި ވެއެވެ.
2002 ވަނަ އަހަރު އުފެއްދި އައިސީސީއަކީ ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ފަދަ ބޮޑެތި ކުށްތައް ބެލުމަށް ދުނިޔޭގައި އޮންނަ ހަމައެކަނި މިނިވަން ކޯޓެވެ. އެއީ ޤައުމުތަކުން އަމިއްލައަށް މައްސަލަތައް ބެލުމަށް ނުކުޅެދިއްޖެ ޙާލަތުގައި ފިޔަވަޅު އަޅާ "ކޯޓް އޮފް ލާސްޓް ރިޒޯޓް" ގެ ގޮތުގައި ބެލެވޭ ކޯޓެކެވެ.
ރޯމް ސްޓެޓިއުޓުގައި ސޮއިކޮށްފައިވާ 124 މެމްބަރު ޤައުމުތަކަށް، އައިސީސީން ބޭނުންވާ މީހުން ހައްޔަރުކޮށް ހޭގަށް ޙަވާލު ކުރުން ލާޒިމު ކުރެއެވެ. އަދި ޣައިރު ޙާޟިރުގައި ޝަރީޢަތެއް ނުފެށޭނެ ކަމަށް ވެސް އެ މުޢާހަދާގައި ބުނެފައި ވެއެވެ. ނަމަވެސް ކޯޓަށް ތަންފީޒީ ބާރެއް ލިބިފައި ނުވާތީ، ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކުރުން ބިނާވެފައި ވަނީ މެމްބަރު ޤައުމުތަކުގެ އެއްބާރުލުމުގެ މައްޗަށެވެ.
ކޮމެންޓު ފޮނުވާ