މާލޭ ސިޓީ ކައުންސިލްގެ ހުއްދަ ބޯޑު ނުބަހައްޓައި ބޮޑުތަކުރުފާނުމަގުގެ ޕޭމަންޓްމަތީގައި މަސައްކަތްކުރަމުންދިޔަ ގެއެއް ކައުންސިލުން މިއަދު ޖޫރިމަނާކޮށްފި އެވެ.
ކައުންސިލުން ސޯޝަލް މީޑިއާގައި ހިއްސާކުރި ޗިޓުގައިވާ ގޮތުން، ޖޫރިމަނާކޮށްފައިވަނީ ހ. މާދޫ ގެއެވެ. މި ޖޫރިމަނާއަކީ މާލޭ ސިޓީގެ މަގުތަކާއި ޕޭމަންޓްތަކާއި ބަނދަރުތަކާއި އާންމު ތަންތަނުގައި މަސައްކަތްކުރުމުގެ ގަވާއިދާ ހިލާފުވުމުން ކުރި ޖޫރިމަނާއެއް ކަމަށް ޗިޓުގައި ބުނެފައިވެ އެވެ.
ޗިޓާ އެއްކޮށް، މަސައްކަތްކުރަމުންދިޔަ ތަނުގެ ފޮޓޯވެސް ކައުންސިލުން ވަނީ އާންމުކޮށްފަ އެވެ. ނަމަވެސް ޖޫރިމަނާކުރި އަދަދެއް ހާމައެއް ނުކުރެ އެވެ.
މަގުމަތީގައި މަސައްކަތްކުރުމަށް ކުރިން ކައުންސިލުގެ ހުއްދަ ހޯދައި، އެކަން އަންގައިދޭ ބޯޑު ބެހެއްޓުމަކީ ގަވާއިދުން ލާޒިމުކުރާ ކަމެކެވެ. މިފަދަ ގަވާއިދާ ހިލާފު އަމަލުތަކުގެ އިތުރުން، ގަވާއިދާ ހިލާފަށް މަގުމަތީގައި ކުނި ބެހެއްޓުން ފަދަ ކަންކަންވެސް ކައުންސިލުން މިހާރު ދަނީ ގާތުން ބަލައި، ފިޔަވަޅު އަޅަމުންނެވެ.
ކޮމެންޓު ފޮނުވާ