މާލޭގައި ކުރިމަތިވެފައިވާ ޕާކިންގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯއްދަވައި ދެއްވުމަށް، މިއަހަރުގެ ތެރޭގައި ދެ ޕާކިން ބިލްޑިން އެޅުމުގެ މަސައްކަތް ފަށްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
"ދަ ޕަލްސް" ޕޮޑްކާސްޓްގެ ހަތަރުވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޕާކިން ބިލްޑިންގެ މަޝްރޫޢުތައް ކުރިން ކުރިއަށް ގެންދިއުމަށް ރޭވިފައި އޮތީ ބޭރުގެ ފަރާތްތަކުގެ އެހީގައި ކަމަށާއި، އެ ސަބަބާ ހުރެ މަސައްކަތްތައް ލަސްވެފައިވާ ކަމަށެވެ. ނަމަވެސް ދެން ސަރުކާރުން ނިންމަވާފައިވަނީ ދައުލަތުގެ ބަޖެޓުން ޚަރަދު ކުރައްވައިގެން މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ކަމަށާއި، މިއަހަރު ތެރޭގައި ދެ އިމާރާތެއްގެ މަސައްކަތް ފެށޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މިހާރުވެސް ބައެއް ޕާކިން ބިލްޑިންގެ ޢަމަލީ މަސައްކަތްތައް ފެށިފައިވާ ކަމަށާއި، އެ ތަންތަން ނިމުމުން މަގުމަތީގައި ޕާކުކުރުމުގެ މައްސަލައަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މާލޭގެ ޓްރެފިކްގެ ދަތިކަމަށް ވެސް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރެއްވުމުގެ މަޝްރޫޢު ނިމި، ކުރިއަށް އޮތް ހަފުތާގެ ތެރޭގައި އެ މަގު ޢާންމުންނަށް ހުޅުވާލެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ބަދަލާއެކު މާލޭގެ އެތެރޭގެ މަގުތަކުގައި އޮތް ބާރު ބޮޑުކަން ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މާލެ ތޮއްޖެހުމުގެ އަސްލު ސަބަބުތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މާލެ މިހާ ބޮޑަށް ތޮއްޖެހިފައި މިވަނީ ކުރީގައި ރާއްޖޭގެ ތަރައްޤީ ބައްޓަން ކުރެވިފައި އޮތް ގޮތުގެ ސަބަބުން ކަމަށެވެ. މި ދަތިކަމަށް ދާއިމީ ހައްލެއް ހޯއްދެވުމުގެ ގޮތުން، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އާބަން ސެންޓަރުތައް ޤާއިމުކުރެއްވުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"މި މައްސަލައަކީ ރޫޓް ކޯސްއަށް ދާންވެފައި އޮތް ކަމެއް. ރޫޓްކޯސްއޭ މި ދަންނަވަނީ މާލޭއަށް މީހުން ތޮއްޖެހެން ޖެހޭ ސަބަބު. އެހެންވެ ސަރަޙައްދީ ތަރައްޤީގެ މަޝްރޫޢުތައް ފެށީ. އަޅުގަނޑުމެންނަށް ދެ ތިން އަހަރު ތެރޭގައި ހައްލު ނުވާނެ ކަމެއްވީމަ ނަތީޖާއެއް ނުފެންނަނީ،" ރައީސް ވިދާޅުވިއެވެ.
އާބަން ސެންޓަރުތައް ތަރައްޤީ ވުމުން، މާލޭގައި ދިރިއުޅޭ ރައްޔިތުން އެ ސަރަޙައްދުތަކަށް ދިރިއުޅުން ބަދަލުކުރަން ފަށާނެ ކަމަށާއި، އެއީ ތޮއްޖެހުމުގެ މައްސަލައަށް ލިބޭ ޙަޤީޤީ ހައްލު ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ