މިއަދު ކުރިއަށްދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގެ ވޯޓުލުން ކުރިއަށްދިޔަ ސަރަހައްދުތަކަށް ވަދެގަނެ ވޯޓުލުން ހުއްޓުވަން އިދިކޮޅު ޕީޕީއެމްގެ އެކްޓިވިސްޓުން މަސައްކަތްކޮށްފައިވާކަމަށް އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީގެ އިންތިޚާބު ކޮމިޓީގެ މުޤައްރިރު އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވީ މިއީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބެއްކަމަށްވިޔަސް އިދިކޮޅު ޕީޕީއެމްގެ އެކްޓިވިސްޓުން އިންތިޚާބުގެ އެކިއެކި ކަންކަމުގެ ތެރެއަށްވަދެ ހަމަނުޖެހުން އުފައްދާފައިވާކަމަށެވެ. އަދި ބައެއް ސަރަޙައްދުތަކުގައި ވޯޓުލުން ކުރިއަށްގެންދެވުނީ ފުލުހުންގެ އެހީތެރިކަމާއެކު ޕީޕީއެމްގެ އެކްޓިވިސްޓުން ނެރެގެންކަމަށްވެސް އޭނާ ވިދާޅުވިއެވެ. އިބުރޭ ވިދާޅުވީ މިއީ ވަރަށް ދެރަކަމެއްކަމަށާ، މިކަމާ ހިތާމަކުރައްވާކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ސިޔާސީ ޕާޓީތަކުން ހިންގާ މިފަދަ އެތެރޭގެ ސިޔާސީ ޙަރަކާތްތަކުގެތެރެއަށް އެހެން ޕާޓީތަކުން ވަދެ ހަމަނުޖެހުން އުފެއްދުމަކީ ހުއްޓުވަންޖެހޭ ކަމެއްކަމަށެވެ. އެހެންނޫންނަމަ މިކަމުގެ ނަތީޖާ މާ ރަނގަޅުނުވާނެކަމަށް އޭނާ ވިދާޅުވިއެވެ.
އިބުރޭ ވިދާޅުވީ، މިއަދުގެ ވޯޓުލުން ކުރިއަށްދިޔައިރު ބައެއް ސަރަހައްދުތަކުގައި ހިނގި ހަމަނުޖެހުންތަކާއި ނުތަނަވަސްކަން ބަލައި ނިމޭއިރު މިއީ އެމްޑީޕީއާ އެއްވެސް ގުޅުމެއް ނެތްކަންތައްތަކަކަށް ވުމަކީވެސް އެކަށީގެންވާކަމެއްކަމަށެވެ. އަދި އެމްޑީޕީގެ ރިޔާސީ ޕްރައިމެރީއާ ގުޅިގެން ޕާޓީގެ ތެރޭގައި ޚިޔާލުތަފާތުވުންތަކެއް އުފެދުނުނަމަވެސް އިންތިޚާބު ނިމުމާއެކު އެކަން ނިމި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އެކުގައި އެމްޑީޕީން މަސައްކަތް ފަށާނެކަމަށެވެ.
އިބުރޭ މިމޭރުމުން ވާހަކަފުޅުދެއްވެވީ ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ މިރޭގެ 8ގެ ޚަބަރުގެ ތެރެއިން ވާހަކަދައްކަވަމުންނެވެ.
ކޮމެންޓު ފޮނުވާ