ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކަސްތޮޅުގައި ދިވެހިން ނުބޭތިއްބޭނެ: ނަޝީދު

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކަސްތޮޅުގައި ދިވެހިން ނުބޭތިއްބޭނެ: ނަޝީދު

Author
ހުސެއިން
26 ޖެނުއަރީ 2023 10:40
0

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކަސްތޮޅުގައި ދެން ދިވެހިން ނުބޭތިއްބޭނަ ކަމަށާއި، ހޮނިހިރު ދުވަހު އޮންނަ އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު، ސެޕްޓެމްބަރުމަހުގެ އިންތިޚާބު ކާމިޔާބުކޮށް އަނެއްކާވެސް ނޮވެމްބަރުމަހު އެމްޑީޕީ ރާއްޖޭގެ ވެރިކަމަށް އަންނާނެ ކަމުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިހާރު ކުރިޔަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިޚާބުގެ ޕްރައިމަރީގައި އެމަނިކްފާނުގެ ކެމްޕޭން ނިންމާލުމަށް، އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުންނާއެކު މިރޭ އާރޓިފިޝަލް ބީޗުގައި އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ މިއަދު ކަންބޮޑުވަނީ، އެމްޑީޕީއާއި ބީރައްޓެހި ސިޔާސަތުތަކެއް ސަރުކާރުން ތަންފީޒު ކުރަމުންދާތީ ކަމުގައެވެ.

މި ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ މުޅި ދައުލަތުގެ ހުރިހާ ބާރަކާއެކީ މި ސަރުކާރުން ހިސާބު ޖެއްސެވީ އެމަނިކްފާނަށް ކާމިޔާބު ނުކުރެެއްވޭނެކަމަށް ކަމަށާއި، އެހެންނަމަވެސް އިންތިޚާބު ވަރަށް ތަފާތު ބޮޑުކޮށް ކާމިޔާބު ކުރައްވާނެ ކަމުގައެވެ.

މި ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، ޓެކްސް ކުޑަ ކޮށްދެއްވާނެ ކަމަށާއި، ސްޑޫޓަންޓް ލޯން ކުޑަ ކޮށްދެއްވާނެ ކަމަށާއި، މަހުގެ މަގު އުފުއްލަވާ ދެއްވާނޭ ކަމުގައެވެ. އަދި ރޮލާ މަސް ބޭރުކުރުން ހުއްޓުވާނެކަމަށާއި، މަސް ޕްރޮސެއްކޮށް ކުރާނީ ރާއްޖޭގައި ކަމަށާއި، ގޯތި ކަނޑާފަ ދޭނީ ރޭގަޑުގެ ދަންވަރުގައި ނޫންކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

އަދި ނަޝީދު ވިދާޅުވީ ރައްޔިތުންގެ އާމްދަނީ އިތުރުކޮށްދީ، ރައްޔިތުންގެ ބޭންކު އެކައުންޓު ދެގުނަ ކޮށްދެއްވާނެ ކަމުގައެވެ. ނަޝީދު ވިދާޅުވީ އެމްޑީޕީ އިންތިޚާބު ކާމިޔާބު ކުރުމަށްފަހު ރައްޔިތުންގެ ޖީބަށް ވަންނަ މިންވަރު ދެގުނަ ވެގެން ދާނެކަމުގައެވެ.

މިގޮތުން އަންނަ ނޮވެމްބަރު މަހަށްފަހު ރާއްޖޭގައި އޮންނާނީ ރައްޔިތުންގެ ސަރުކާރެއް ކަމުގައި ވިދަޅުވަމުން ނަޝީދު ވިދާޅުވީ "މިއޮޑިއެއް ނުފެތޭނެ" ކަމުގައެވެ.

މި ޖަލްސާގައި ނަޝީދުވަނީ އެމަނިކްފާނުގެ ސަރުކާރެއްގައި ތަންފީޒު ކުރައްވާނެ ގިނަ ވައުދުތަކެއް ހުށަހަޅުއްވާ ދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.