ނަޝީދު ފުވައްމުލަކަށް ވަޑައިގެންފި

ނަޝީދު ފުވައްމުލަކަށް ވަޑައިގެންފި

Author
ހުސެއިން
25 ޖެނުއަރީ 2023 06:19
0

މިހާރު ކުރިޔަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަމުން ގެންދަވާ އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ފުވައްމުލަކަށް ވަޑައިގެންފިއެވެ.

"ފިކުރެއްގެ ދިރުން" ކެމްޕޭގައި ނަޝީދު ފުވައްމުލަކަށް ވަޑައިގެންނެވީ އައްޑޫ ސިޓީގެ ރަށްތަކުގައި ދެދުވަހު ކެމްޕޭން ކުރެއްވުމަށްފަހުއެވެ. ނަޝީދުވަނީ އައްޑު ސިޓީގެ ހުރިހާ ރަށަކަށްވަޑައިގެން އެރަށްރަށުގައި ތިބި އެމްޑީޕީގެ މެމްބަރުންނާއި ބައްދަލުކުރައްވާފައެވެ.

ނަޝީދު މިއަދު ފުއައްމުލަކަށް ވަޑައިގެންފައިވާއިރު، ޕްރައިމަރީއަށް ފޯމު ހުށަހެޅުއްވުމަށްފަހު މިހާތަނަށް ނަޝީދުވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ 70 ރަށަކަށް މި ކެމްޕޭންގައި ޒިރާރަތްކޮށްފައެވެ.

އޭގެ އިތުރުން ނަޝީދުގެ "ފިކުރެއްގެ ދިރުން" ކެމްޕޭންގެ ތިން ޓީމަކުން ރާއްޖޭގެ ހުރިހާ ރަށަކަށް މިހާރުވަނީ ޒިޔާރަތް ކޮށްފައެވެ.

އަންނަ ހޮހިރު ދުވަހު ވޯޓުލާއިރު ދެ ކެނޑިޑޭޓުންވެސް ދަނީ ވަރަށް ފޯރީގައި ކެމްޕެއިން ކުރައްވަމުންނެވެ. ރައީސް ޞާލިހުވެސް އަދި ރައީސް ނަޝީދުވެސް ވަރަށް އިތުބާރާއިއެކު ވިދާޅުވަމުންދަނީ މިއިންތިޚާބު ކާމިޔާބު ކުރާނެކަމަށެވެ.

އެމްޑީޕީން ބުނެފައިވަނީ މި އިންތިޚާބުގައި 200އަށް ވުރެ ގިނަ ވޯޓު ފޮށި ބެހެއްޓުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން މާލެ ސަރަހައްދުގައި ޖުމްލަ 49 ވޯޓު ފޮށި ބަހައްޓާއިރު، އަތޮޅުތެރޭގައި 194 ވޯޓު ފޮށި ބަހައްޓަން އެޕާޓިން ނިންމާފައިވެއެވެ.މި އިންތިޚާބުގައި ވޯޓުލުން ކުރިއަށްދާނީ 28 ވަނަ ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ.

މި އިންތިޚާބުގައި މޮނީޓަރުންގެ ގޮތުގައި ހަރަކާތްތެރިވާން ބޭނުންވާ މީޑިއާތަކަށް ވެސް މިހާރު ވަނީ އެ ފުރުސަތު ހުޅުވާލާފައެވެ. މި ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 20 ވަނަ ދުވަހުގެ 12:00އާއި ހަމައަށެވެ. ކޮންމެ ވޯޓު ފޮއްޓެއްކައިރި އެއްވަގުތެއްގައި ހަރަކާތްތެރިވެވޭނީ ކޮންމެ ޕްރިންޓް އަދި އޮންލައިން މީޑިއާ އަކުން އެއްބޭފުޅަކަށާއި އަދި ކޮންމެ ޓީވީ ސްޓޭޝަނަކުން 2 މީހަކަށް އެ ޕާޓީން ބުންޏެވެ.

އެމްޑީޕީންވަނީ ޕާޓީގެ ވޯޓާސް ލިސްޓުވެސް މިހާރު އާންމުކޮށްފައެވެ. އެ ލިސްޓުގައި ހިމެނެނީ 57،257 މީހުން ވޯޓު ލެވޭނެކަމަށް ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.