ކުރި އަރަމުން އަރަމުން އައިސް ޓެލްސާ އިންކްގެ އެއް ބާނީ ކަމުގައިވާ އެލޮން މަސްކް މި ހަފްތާގެ ހޯމަ ދުވަހު، ދުނިޔޭގެ މުއްސަދިންގެ ލިސްޓުގައި، ދެވަނައަށް އެންމެ މުއްސަދިމީހާގެ މަގާމުގައި ހުރި މަޝްހޫރި ބިލްގޭޓްސްއަށް ވުރެ ކުރި ހޯދައިފިއެވެ.
އުމުރުން 49 އަހަރުގެ ވިޔަފާރި ވެރިޔާ، އެލޮން މަސްކުގެ ބައިތުލްމާލުގެ އަގު ވަނީ 7.2 ބިލިއަންއިން ޑޮލަރުން 127.0 ބިލިއަން ޑޮލަރަށް އަރާފައެވެ. އެލޮން މަސްކުގެ ބައިތުލްމާލަށް ކުރު މުއްދަތެއްގެ ތެރޭގައި މިކުރިއެރުން އައީ، ހިއްސާގެ ބާޒާރުގައި އޭނާގެ ޓެލްސާ ކުންފުނީގެ ހިއްސާގެ އަގު ކުއްލިއަކަށް މަތިވެގެން ދިއުމާ ގުޅިގެންނެވެ. މަސްކް ވަނީ މިއަރު އޭނާގެ ބައިތުލްމާލަށް އިތުރު 100.3 ބިލިއަން ޑޮލަރު އިތުރު ކޮށްފައެވެ. މިއީ، ބްލޫންބާގްގެ ބިލިއަނަރުންގެ ލިސްޓުގައި ހިމެނޭ ދުނިޔޭގެ އެންމެ މުއްސަދި 500 ބިލިަނަރުންގެ ތެރެއިން މިއަހަރު އަމިއްލަ ބައިތުލްމާލަށް އެންމެ ބޮޑު ކުރިއެރުމެއް ގެނެވުނު ބިލިއަނަރު ވެސްމެއެވެ.
މިއަހަރުގެ ޖެހުރައީމަހު، ބްލޫންބާގްގައި މަސްކު އޮތީ ދުނިޔޭގެ މުއްސަދިންގެ ލިސްޓުން 35 ވަނައިގައެވެ.
މުއްސަދިންގެ ލިސްޓުން މަސްކް މިހޯދި ކުރިއެރުމުގެ އެންމެ ބޮޑު ހިއްސާއެއް އަދާކުރަނީ، އޭނާގެ، އެއްގަމުގައި ބޭނުންކުރާ އިލެކްޓރި ފުރޮޅުލީ އުޅަދުތައް އުފައްދާ މިކުންފުނީގެ ހިއްސާ މިހަފްތާގެ އާދީއްތަ ދުވަހު މަތިވެގެން ގޮސް މާރކެޓް ވަލިއު 500 ބިލިއަން ޑޮލާރާހަމައަށް އެރުމުގެ ސަބަބުންނެވެ.
މަސްކުގެ މި ކުރި އެރުމާއެކު، މިފަހަރު ވެގެން މިދިޔައީ، ދުނިޔޭގެ އެންމެ މުއްސަދިން 8 އަހަރުވަންދެން ލިސްޓު ކުރަމުން އަންނަ ބްލޫމްބާގު އިންޑެކްސްގެ ތާރީޚުގައި މައިކްރޯސޮފްޓް ކޯޕަރޭޝަންގެ އެއް ބާނީ ކަމުގައިވާ ބިލްގޭޓްސް ދުނިޔޭގެ މުއްސަދިންގެ ލިސްޓުގެ ދެވަނައިން ވެއްޓިގެންދިޔަ 2 ވަނަ ފަހަރު ކަމުގައެވެ.
ބިލް ގޭޓްސްވަނީ، އެމޭޒަން ކުންފުނީގެ ފައުންޑަރ ޖެފް ބެޒޯސް ލިސްޓުގެ އެއްވަނައަށް އައުމުގެ ކުރިން، ލިސްޓުގެ އެއްވަނާގައި އެތައް އަހަރެއް ވަންދެން އޮވެފައެވެ.
ފާއިތުވެދިޔަ އަހަރުތަކުގައި، ބިލް ގޭޓްސް، ހިލޭ އެހީގެ ގޮތުގައި ބޮޑެތި އަދަދުތަކުން ހޭދަ ކުރަމުން ނުދިޔަ ނަމަ އޭނާގެ މާލިއްޔަތުގައި127.7 ބިލިއަން ޑޮލަރު ހުންނާނެއެވެ. ބިލް ގޭޓްސް ވަނީ، އޭނާގެ ނަމުގައި އުފައްދާފައިވާ ފައުންޑޭޝަނުން 2006 ވަނަ އަހަރުން ފެށިގެން މިހާތަނަށް 27 ބިލިލިއަން ޑޮލަރު އިންސާނިއްޔަތާ ގުޅުންހުރި އަދި މިނޫނަސް މިފަދަ އެތައް ކަމަކަށް ހޭދަ ކޮށްފައެވެ.
މިއަހަރު ވެގެން ގޮސްފައިވަނީ ދުނިޔޭގެ އެންމެ މުއްސަދިންނަށް ފާގަތި އަހަރެއް ކަމުގައެވެ. މިއަހަރަކީ، ކޯވިޑް19 ކާރިސާގެ ސަބަބުންނާއި އަދި ވަޒީފާ ގެއްލުމުގެ ސަބަބުން މަސައްކަތްތެރިންނާ އަދި ފަގީރުންނަށް ދަތި އަހަރަކަށް ވެގެން ދިޔަ ނަމަވެސް، ބްލޫމްބާގް އިންޑެކްއިން ޖާގަ ހޯދާފައިވާ މުއްސަދިން ވަނީ ޖުމްލަ ގޮތެއްގައި %23ގެ ކުރިއެރުމެއް މިއަހަރު ހޯދާފައެވެ. މިއީ ޖުމްލަކޮށް 1.3 ޓްރިލިއަން ޑޮލަރުގެ ކުރިއެރުމެކެވެ.