މި ހަފްތާގެ އާދީއްތަ ދުވަހު ނޭޕާލްގައި ވެއްޓުނު ފްލައިޓްގައި އިން ޕެސެންޖަރަކު ބޯޓު ވެއްޓެމުން ދަނިކޮށް، ފޭސްބުކް ލައިވްއިން ކޮށްފައިވާ ވީޑިއާއެއް ސޯޝަލް މީޑިއާގައި އާންމު ވެއްޖެއެވެ.
ފާއިތުވެދިޔަ 30 އަހަރު ދުވަހުގެ ތެރޭގައިވެސް ނޭޕާލުގައި ހިނގާފައިވާ މިފަދަ އެންމެ ހިތާމަވެރި މިހާދިސާގައި 68 މީހަކު ވަނީ މަރުވެފައެވެ.
އޭޓީއާރު 72 މަރުކާގެ މި ބޯޓުގައި 72 މީހަކު ދަތުރު ކޮށްފައި ވެއެވެ. ބޯޓު ވެއްޓިފައިވަނީ ނޭޕާލުގެ ޓޫރިސްޓް ސިޓީއެއް ކަމުގައިވާ ޕޮޚާރާ ސިޓީއަށް ޖެއްސުމުގެ ކުޑަ ވަގުތުކޮޅެއް ކުރިންނެވެ.
މިބޯޓު ވެއްޓުމުގެ ކުޑަ އިރުކޮޅެއް ކުރިން، ބޯޓުގެ އެތެރޭގައި އިނދެގެން، ބޯޓުގެ އެތެރެއާއި އަދި ބޭރުން ފެންނަ މަންޒަރުތައްވެސް ޕަސެންޖަރަކު ދިޔައީ ފޭސްބުކް ލައިވް މެދުވެރިކޮށް ވީޑިއޯ ކުރަމުންނެވެ. އަދި ވީޑިއޯގައި ފެންނަ ގޮތުގައި، މިހާދިސާގައި މަރުވެފައިވާ، މި ޕެސެންޖަރު ދިޔައީ މަންޒަރުތައް ލައިވް ކުރަމުން އަދި ހީ ސަމާސަކޮށް ވާހަކަވެސް ދައްކަމުންނެވެ.
މި ވީޑިއޯއިން ބޯޓު ވެއްޓުނު ވަގުތުކޮޅުގެ ވީޑިއޯވެސް ކުރެވިފައި ހުއްޓެވެ. ވީޑިއޯއިން ފެންނަ ގޮތުގައި ބޯޓު ދަތުރުކުރަމުން އައިސް އެންމެ ފަހު މިނިޓާއި ހަމައަށްވެސް ބޯޓު ދަތުރު ކުރުމުގައި އެއްވެސް ގޯހެއް އުޅޭކަމަކަށް ޕަސެންޖަރުންނަށް ފާހަގަ ކުރެވިފައެއް ނުވެއެވެ.
އަދި ބެލެވޭ ގޮތުގައި ޕެސެންޖަރުން ހަޅޭ ލައްވަން ފަށާފައިވަނީ، ބޯޓު ވެއްޓުމުގެ މިނިޓެއްހާ ވަގުތުކޮޅެއްގެ ކުރިން، ބޯޓު ވައިގެ ތެރޭގައި ފުރޮޅެން ފެށުމުންނެވެ. އެއަށްފަހު، ވީޑިއޯއިން ފެންނަ ގޮތުގައި 30 ވަރަކަަށް ސިކުންތު ވަންދެން ޕަސެންޖަރުންގެ ހަޅޭކުގެ އަޑުގެ އިތުރުން ބޯޓުގައި ހުޅުގަޑު ފަޅައިގެން ދިޔަ މަންޒަރު އަޑާއެކު ވީޑިއޯ ކުރެވިފައި ހުއްޓެވެ.
ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، މި ވީޑިއޯ ރެކޯޑުކޮށް، ފޭސްބުކްއިން ލައިވްސްޓްރީމް ކުރަމުންދިޔަ މީހާއަކީ ބޯޓުން ދަތުރު ކުރަމުންދިޔަ، އުމުރުން 29 އަހަރުގެ ސޯނު ޖައިސްވާލް ނަމަކަށް މީހެކެވެ. އޭނާ، ރައްޓެހިންނާއެކު ޕޮޚާރާއަށް ދަތުރު ކުރަމުން ދިޔައީ ވައިކުޑައިގައި އުދުހުމަށެވެ.
އޭނާގެ ދެބޭންގެ ދެދަަރި ރަޖާޓް ޖައިސްވަލް ކުރި ފޭސްބުކް ޕޯސްޓެއްގައިވަނީ މަރުވެފައިވާ މީހާގެ ވަނަވަރު ކަށަވަރު ކޮށްދީފައެވެ.
"ޕޮޚާރާއަށް ދިޔަ ބޯޓަށް ބޯރޑު ވުމަށްފަހު ސޯނު ދިޔައީ ފޭސްބުކްއިން ލައިވް ކުރަމުން. ލައިވް ސްޓްރީމުން ފެންނަ ގޮތުގައި، އޭނާއާއި އޭނާގެ އެކުވެރިން އުފާވެފަ ތިބިވަރު އެގިގެން ދޭ. އެހެންނަމަވެސް، ލައިވް ސްޓީމިންގ ނިމުމުގެ ކުރިން ފެނިގެންދިޔައީ ކުއްލިއަކަށް ހުޅުގަޑު ފަޅައިގެން ދިޔަތަން،" އޭނާ ބުނެފައި ވެއެވެ.
މި ހަފްތާގެ ހޯމަދުވަހު މީހުން ސަލާމަތްކުރާ ފަރާތްތަކުން ވަނީ މި ފްލައިޓްގެ ފްލައިޓް ރެކޯޑަރު ހޯދާފައެވެ. މިއީ ބޯޓަށް ވީގޮތެއް ހޯދުމަށް މުހިންމު ވަސީލަތެކެވެ. ކަޓްމަންޑޫ އެއަރޕޯޓުގެ އޮފިޝަލުން ރޮއިޓާސްއަށް މައުލޫމާތު ދީފައިވާ ގޮތުގައި ފްލައިޓްގެ ދެ ރެކޯޑަރުވެސް އޮތީ ރަގަޅު ހާލަތުގައެވެ. އަދި ރެކޯޑަރުތައް އުފެއްދި ފަރާތްތަކުގެ އިރުޝާދާއެކު، ދެ ރެކޯޑަރުވެސް ތަހުލީލުކުރުމަށް ފޮނުވޭނެކަމަށްވެސް މައުލޫމާތު ދީފައި ވެއެވެ.
މިބޯޓު ވެއްޓުނު ސަރަހައްދުގައި މޫސުން ބޯވެ ވިލާތައް ބޯވެފައި ވިނަމަވެސް، މީހުން ސަލާމަތްކުރާ ފަރާތްތަކުން ވަނީ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ބޯޓު ވެއްޓުމުގެ 24 ގަޑިއިރު ފަހުންވެސް ކުރިޔަށް ގެންގޮސްފައެވެ. މިހާތަނަށް ފެނިފައިވަނި ބޯޓުން ދަތުރުކުރި 68 މީހެއްގެ ހަށިގަޑެވެ.
ބޯޓު ވެއްޓުނު ސަރަހަދުގައި ދިރިއުޅޭ ބައެއް ފަރާތްތަކުން ބައެއް މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި ބޯޓު ވެއްޓުނުއިރި މޫސުންވެސް ރަގަޅު އަދި ޖައްވުވެސް އޮތީ ސާފުކޮށް ކަމުގައެވެ.
މިހާދިސާއަކީ 2018ވަނަ އަހަރުގެ މާރޗްމަހަށްފަހު ނޭޕާލްގައި ހިނގި މިފަދަ އެންމެ ހިތާމަވެރި ހާދިސާއެވެ. އެފަހަރު ޔޫއެސް-ބަނގަލާ ޑޭޝް 8 ބްރޭންޑުގެ ބޯޓެއް ބަންގްލާދޭޝްގެ ޑާކާއިން ފުރައިގެން އައިސް ކަޓްމަންޑޫއަށް ޖައްސަން އުޅެނިކޮށެވެ. އެހާދިސާގައި ބޯޓުން ދަތުރުކުރި 71 މީހުންގެ ތެރެއިން 51 މީހަކު މަރުވެފައި ވެއެވެ.
މިއަަހަރުގެ މޭމަހު ނޭޕާލުގެ ޓާރާ އެއަރގެ ބޯޓެއްވަނީ ޑާކާއިން އުދުއްސާލިތާ 20 މިނިޓްތެރޭ އަލުން ޖައްސަން އުޅެނިކޮށް ވެއްޓިފައެވެ.
2000 ވަނަ އަހަރަށްފަހު ނޭޕާލުގައި މަތިންދާ ބޯޓު އަދި ހެލިކޮޕްޓަރުތައް ވެއްޓުމުގެ ހާދިސާތަކުގައި 309 މީހަކު މަރުވެފައިވެއެވެ.
ދުނިޔޭގައިވާ އެންމެ އުސް 14 ފަރުބަދައިގެ ތެރެއިން 8 ފަރުބަދައެއް ހުންނަނީ ނޭޕާލުގައެވެ. އަދި މި ސަރަހައްދުތަކަކީ ކުރިން އެނގުމަކާ ނުލާ ކުއްލި ކުއްލިއަށް މޫސުމަށް ބޮޑެތި ބަދަލުތައް އަންނަ ސަރަހައްދުތަކެކެވެ.