ތިން ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފަށައިފިއެވެ.
ޖޭއެސްސީން ބުނީ ސުލޫކީ މައްސަލަތަކެއްގެ ގޮތުގައި ތަޙްގީގްކުރަމުން އަންނަނީ ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓާއި، ހދ.ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްގެ އިތުރުން ތ.ކަނޑޫދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްގެ މައްސަލަކަމަށެވެ.
ޖޭއެސްސީން ބުނީ ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަޙްމަދު އަކްރަމްގެ ސުލޫކީ މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަނީ އޭނާ ބެއްލެވި މައްސަލައެއް ހިންގުމުގައި އެކަށީގެންނުވާ މިންވަރަށް ލަސްވެފައިވާކަމަށް ބެލެވޭ މައްސަލައެއްކަމަށެވެ. ހދ.ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ޢަލީ އާދަމްގެ ސުލޫކީ މައްސަލައެއްގެ ގޮތުގައި ތަހުގީގްކުރަމުން އަންނަނީ ޖަމްޢިއްޔާއެއް އުފައްދާ އެ ޖަމްޢިއްޔާގެ ހަރަކާތްތައް ރާވާ ހިންގުމުގައި ޢަމަލީގޮތުން ބައިވެރިވާކަމަށް ބުނާ މައްސަލައަކާއި ތަފްރީޤުކޮށްފައިވާ ކައިވެންޏެއް ރުޖޫޢަކޮށްދިން ކަމަށް ބުނާ މައްސަލައަކާއި، މުޒާހަރާތަކުގައި ބައިވެރިވެ ޝުޢޫރު ފާޅުކޮށް ސޯޝަލް މީޑިއާގައި ފަނޑިޔާރަކު ހިއްސާކޮށްގެން ނުވާނެފަދަ ޚިޔާލުތައް ފާޅުކުރާކަމަށް ބުނާ މައްސަލައެއްކަމަށްވެސް ޖޭއެސްސީން ބުނެއެވެ.
މީގެ އިތުރުން ތ.ކަނޑޫދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ޢަލީ ޝަރީފްގެ ސުލޫކީ މައްސަލައެއްގެ ގޮތުގައި ބަލަ،މުން އަންނަނީ ޤާނޫނު ހުއްދަކުރާ މިންވަރަށްވުރެ ގިނައިން ކުޑަކުދިން އަރުވައިގެން ސައިކަލް ދުއްވާކަމަށް ބުނާ މައްސަލައެއްކަމަށް ޖޭއެސްސީން ބުނެއެވެ.
މިމައްސަލަތައް ތަހުގީގްކުރުމަށް ތަޙްޤީޤު ކޮމިޓީ އެކުލަވާލާފައިވާކަމަށްވެސް ޖޭއެސްސީން ވިދާޅުވެއެވެ.
ކޮމެންޓު ފޮނުވާ